ނޫސްވެރިންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި ނޫސްވެރިންނަން އަމާޒުކޮށް ސާބިތު ނުހިފޭ ދޮގު އިލްޒާމްތައް ކުރުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.
އެމްއެމްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކި ނޫސްވެރިންނަން ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާ އަދި އެނޫންވެސް ގޮންޖެހުން ތަކުގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުން ތަކުގައިވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކިވަކި ނޫސްވެރިންނަން އަމާޒުކޮށް ދޮގު އިލްޒާމުތައް އަޅުވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށްވެސް ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ. އަދި ނޫސްވެރިންނަން އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމަކީ ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތްކުރުން ކަމަށާއި އެކަމުގެ ސަބަބުން މުޅި ނޫސްވެރިކަމަށް އޭގެ ގެއްލުން ލިބޭނެ ކަަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންގެ އަގުވައްޓާލުމަށް ދޮގު ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަން ކަމަށް އެޅިގެންދާ ހުރަހެއްކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށަށް ދާނެ ކަމެއް ކަމަށްވެސް ހަނދާންކޮށްދީފައިވެ އެވެ. އަދި އޭރުން ސަރުކާރާއި އެހެނިހެން ޒިންމާދާރު ފަރާތްތައް ޖަވާބުދާރީ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައިވެސް ބުނެފައިވެ އެވެ. އަދި ނޫސްވެރިންވެސް އަހުލާގީ މިންގަނޑު ތިބެ ނޫސްވެރިކަން ކުރުމަށް އިރުޝާދު ދީފައިވެ އެވެ.