ފިނިޕޭޖް

"ވީލް އޮފް ފޯޗިއުން"ގެ އާ ހޯސްޓަކަށް ރަޔާން

ރަޔާން ސީކްރެސްޓް ދެން ފެންނާނީ ގިނަ އަހަރުވި ޝޯ "ވީލް އޮފް ފޯޗިއުން" ގެ ހޯސްޓްގެ ގޮތުގައެވެ.

ރަޔާން މި ޝޯ ހުށަހަޅައިދޭން ފަށާނީ އަންނަ އަހަރު އެވެ.

މި ޝޯގެ ހޯސްޓަކަށް ރަޔާން ހަމަޖެއްސީ އަންނަ ސެޕްޓެމްބަރު މަހުގައި ފަށާ 41 ވަނަ ސީޒަނަށްފަހު "ވީލް އޮފް ފޯޗިއުން"ގެ އޮރިޖިނަލް ހޯސްޓް ޕެޓް ސަޖެކް ރިޓަޔާ ކުރާތީ އެވެ.

ސޮނީ ޕިކްޗާސް ޓެލެވިޝަން އިން ރަޔާންއާ އެކު ގިނަ އަހަރުތަކެއްގެ ޑީލްއެއް ހަދާފައިވެ އެވެ. އަދި އޭގެ ދަށުން ރަޔާން "ވީލް އޮފް ފޯޗިއުން"ގެ ކޮންސަލްޓިން ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާނެ އެވެ.

ރަޔާން ބުނީ ޕެޓް ފަދަ ތަޖުރިބާކާރު ލެޖެންޑެއްގެ މަގާމަށް އައުމަކީ ބޮޑު ޝަރަފެއް ކަމަށާއި މުޅި އެމެރިކާއާ އެކު 40 އަހަރު ވަންދެން ޕެޓް ސަޖެކް އާއި ވަނާ ވައިޓް މި ޝޯ ގެނެސްދޭ ތަން ބެލުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް ކަމަށެވެ.

ރަޔާން އިތުރަށް ބުނީ ޕެޓްގެ އަމަލުތައް ހުންނަ ގޮތް ވަރަށް ކަމުދާ ކަމަށާއި އޭގެ ސަބަބުން ގޭގައި ބަލަންތިބޭ މީހުންނަށް އުފާވެރިކަން ލިބޭ ކަމަށެވެ. އަދި ޕެޓްގެ ފަރާތުން ގިނަ ކަންކަން ދަސްކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

ރަޔާންގެ ފާހަގަކޮށްލެވޭ ޝޯތަކުގެ ތެރޭގައި "އެމެރިކަން އައިޑަލް" އަދި "ލައިވް ވިތް ކެލީ އެންޑް ރަޔާން" ޓީވީ ޝޯ އާއި "އޮން އެއާ ވިތް ރަޔާން ސީކްރެސްޓް" ރޭޑިއޯ ޝޯ ހިމެނެ އެވެ.