ފިނިޕޭޖް

ލިއޮނާޑޯ ޑިކެޕްރިއޯ އާއި ޖެފް ބޭޒޯސް އެމެޒޯން ޖަންގަލި ހިމާޔަތްކުރަން އެހީވަނީ

ހޮލީވުޑްގެ އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ، 48، އާއި އެމެޒޯންގެ ފައުންޑާ ޖެފް ބޭޒޯސް، 59، އެމެޒޯން ޖަންގައްޔާއި އެތާ ދިރިއުޅޭ އިންޑިޖީނިއަސް ޓްރައިބްތަކުގެ މީހުން ހިމާޔަތްކުރުމަށް އެހީވާން ނިންމައިފި އެވެ.

މިމަސައްކަތުގެ ދަށުން ލިއޮނާޑޯގެ ރީ: ވައިލްޑް ކޮންސަވޭޝަން ޖަމިއްޔާ އާއި ޖެފްގެ ނޭޗާ ސޮލިއުޝަންސް އިން ޕްރޮޓެކްޓިން އަވާ ޕްލެނެޓް (ޕީއޯޕީ) އިން 200 މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ފައިސާއިން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބްރެޒިލްގެ އެމެޒޯން ޖަންގަލީގެ ޑީފޮރެސްޓޭޝަން ހުއްޓުވައި އޭގެ ބަދަލުގައި ގަސް އިންދާ، އެ ޖަންގަލީގައި ދިރިއުޅޭ ޖަނަވާރާއި ދޫނި ސޫފާސޫފިތަކާއި، އެ ގައުމުގެ ހަގީގީ ރައްޔިތުން ކަމުގައިވާ އިންޑިޖީނިއަސް ޓްރައިބްތައް ދިރިއުޅޭ ހިސާބު ހިމާޔަތްކޮށް، އިޔާދަކުރަނިވި ހަކަތަ އުފައްދާ ފެހި އިގްތިސާދުގެ ގައުމަކަށް ބަދަލުވުމަށް އެހީވެދޭނެ އެވެ. އަދި މިހާރު ހިމާޔަތްކޮށްފައިވާ ހިސާބުތައް މެނޭޖުކުރުން މިހާރަށްވުރެ ރަނގަޅު ކުރެވިގެންދާނެ އެވެ.

ޕީއޯޕީ ޗެލެންޖު އިން ބްރެޒިލްގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އިންޑިޖީނިއަސް މީހުންގެ ކަންތައްތަކާ ބެހޭ މިނިސްޓްރީ އާއި ކަމާ ގުޅޭ ސްޓޭޓްތަކާ ގުޅިގެން މަސައްކަތްކުރާނެ އެވެ.

ލިއޮނާޑޯ ބުނީ އޭނާ އެހީވީ ބްރެޒިލް އިން އެމެޒޯން ޖަންގައްޔާއި އެތަނުގައި ދިރިއުޅޭ މީހުންނާއި ޖަނަވާރާއި ދޫނި ސޫފާސޫފި ހިމާޔަތްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިގެން ހިތްވަރު ލިބިގެން ކަމަށާއި އެކަމުގައި ބައިވެރިވެ އެހީތެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.