ފިނިޕޭޖް

ކިޓް އާއި ރޯޒްއަށް ދެވަނަ ދަރިއަކު ލިބިއްޖެ

"ގޭމް އޮފް ތްރޯންސް"ގެ ކިޓް ހެރިންގްޓަން އާއި ރޯޒް ލެސްލީއަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

މި ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އަދި މި ދެމަފިރިން ކުދިންގެ ފޮޓޯއާއި ނަން މީޑިއާ އަށް އާންމުކުރަން ބޭނުމެއް ނުވެ އެވެ.

މި ހަބަރު ޕޭޖްސިކްސް އަށް ކަށަވަރުކޮށްދީފައިވަނީ ކިޓްގެ ތަރުޖަމާނެވެ.

އޭނާ ބުނީ ވަރަށް އުފަލާއެކު އަންހެން ކުއްޖަކަށް އާއިލާއިން މަރުހަބާ ކިޔާފައިވާ ކަމަށެވެ. ރޯޒް އެންމެ ފަހުން ފޮޓޯއަކުން ފެނިފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އޭރު އަދި ނުވިހަ އެވެ.

ކިޓް އާއި އަންހެނުން، 36 އަހަރުގެ ރޯޒްގެ ފުރަތަމަ ދަރިފުޅު -- ފިރިހެން ކުއްޖަކު ލިބިފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ދެވަނަ ދަރިއަކު ލިބެންއުޅޭކަން ކިޓް ހާމަކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ދަ ޓުނައިޓް ޝޯ ވިތް ޖިމީ ފެލަން އަށް އަރާފަ އެވެ.

ބައްޕައަކަށް ވުމަކީ ވަރަށް ވަރުބަލިވާ ކަމެއް ކަމަށާއި "ގޭމް އޮފް ތްރޯންސް"ގައި ކުރި ހުރިހާ ކަމަކަށްވުރެ ދަރިން ބެލުން އުނދަގޫ ކަމަށް ބުނެ، ކިޓް ވަނީ މީގެ ކުރިން އެކަނިވެރި މައިންނަށް ތައުރީފްކޮށްފަ އެވެ. އަދި ބައްޕައަކަށް ވުމުން ވަރަށް އުފާވާކަމާއި ހިތްހަމަޖެހުން އިހްސާސް ކުރަމުންދާ ކަމަށްވެސް ކިޓް ވަނީ ބުނެފަ އެވެ.

ކިޓް އާއި ރޯޒް ލޯބީގެ ގޮތުން ގުޅުނީ "ގޭމް އޮފް ތްރޯންސް" ކުޅުމުގެ ތެރެއިން 2011 ވަނަ އަހަރު އެވެ. އަދި ކައިވެނި ކޮށްފައިވަނީ ޖޫން 23، 2018 ގައެވެ.