ގައުމީ ޔުނިވާސިޓީ

ހަފީޒު ބޭރަށް ގެންދިއުމަށް އެހީ ލިބިއްޖެ

އޭޑީކޭގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒު ރާއްޖެއިން ބޭރަށް ގެންދިއުމަށް އެހީ ލިބިއްޖެ އެވެ.

އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެކްސިޑެންޓްވީ ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

އެ ދުވަހަށްފަހު ހަފީޒަށް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށްޓަކައި ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިންނާއި އެމްއެންޔޫގެ މުވައްޒަފުންނާއި ހަފީޒުގެ ބައެއް ދަރިވަރުން ފެށީ އިއްޔެގެ ވަގުތެއް ގައެވެ.

އެއާ އެމްބިއުލާންސެެއް ޗާޓަރު ކުރާނަމަ ގާތްގަނޑަކަށް 42،500 ޑޮލަރު ނުވަތަ 655،000 ރުފިޔާ ހަރަދުވާ ކަމަށް އެނގިފައިވެ އެވެ.

އަލީ ހަފީޒުގެ އެކުވެރިޔަކު މިރޭ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލީ ހަފީޒު ރާއްޖެއިން ބޭރަށް ގެންދިއުމަށް ބޭނުންވާ އެހީ ލިބިފައިވާ ކަމަށާއި ސަރުކާރުގެ އެހީތެރިކަން ވެސް ލިބިފައިވާ ކމަަށެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނެއްގެ އަތުންނެވެ.

އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިއަދުގެ ވަގުތެއްގައި ސައިކަލް ދުއްވި ޒުވާނާ ވަނީ ހައްޔަރުކޮށްފަ އެވެ.