ހަބަރު

ޖިންސީ ފުރައްސާރަކުރި ލެކްޗަރާ ވަޒީފާއިން ވަކިކޮށްފި

މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީ މީހާ ވަޒީފާ އިން ވަކިކޮށްފި އެވެ.

ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަަތު ކުރާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަނީސް މަރިއަމަތިއަސް އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގދ. ތިނަދޫ ކެމްޕަސްގަައި ފާމަސީ ކޯހެއްގެ ފުލްޓައިމް ލެކްޗަރާ އެކެވެ.

ގައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން މިއަދު ވިދާޅުވީ، ލެކްޗަރާއެއްގެ ވަޒީފާ އިން އެ މިހާ ވަކި ކުރީ ހޮނިހިރު ދުވަހު ސަސްޕެންޑު ކުރުމަށްފަހު ކަމުގައި ކަމަށެވެ.

"އަޅުގަނޑުމެން އެ މައްސަލަ ބެލުމަށްފަހު، ހޮނިހިރު ދުވަހު ވަގުތުން ސަސްޕެންޑުކޮށްފައި އިއްޔެ ވަޒީފާ އިން ވަކި ކުރީ. އިއްޔެ އެއީ ރަސްމީ ދުވަސް ވީމަ، އިއްޔެ ވަކީ ކުރީ،" ޗާންސެލަަރު ވިދާޅުވި އެވެ.

މި މައްސަލަައިގައި ތުހުމަތުކުރާ ބިދޭސީ މީހާގެ މައްސަލަ ފުލުހުން ދަނީ މިހާރު ބަލަމުންނެވެ. ނަމަވެސް، އެ މީހާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު މައުލޫމާތު ދީފައިވެ އެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯގައި އަންހެން ކުއްޖާ ވަނީ އޭނާއަށް ފުރައްސާރަ ކުރި މަންޒަރު ވީޑިއޯކޮށްފަ އެވެ. އަދި، ސޯޝަލް މީޑިއާގައި ވީޑިއޯއާއެކު ކުރި އެ ޕޯސްޓުގައި އަންހެން ކުއްޖާ ބުނީ އެ މީހާ އަތުގެ އިނގިލިތަކާއި އަތުން އެކި ގޮތްގޮތަށް އިޝާރާތްކޮށް ދޫ ނެރެ ހެދި ކަމަށެވެ. އަދި ފަހުން ފޯން ނަގައި އެ ފޯނުގައި ހުރި އަންހެނެއްގެ ނިވާކަން ކުޑަ ފޮޓޯތަކެއް ޒޫމްކޮށްފައި ދެއްކި ކަމަށްވެސް ބުނެ އެވެ.