މަގުމަތީގެ އެކްސިޑެންޓް

ހަފީޒު ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދަން ފައިސާ އެއްކުރަނީ

އޭޑީކޭގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން އެހީ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެކްސިޑެންޓްވީ ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ވަޑައިގަންނަވަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

އެ ދުވަހަށްފަހު ހަފީޒަށް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށްޓަކައި ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިން ގެންދަނީ ކުރަމުންނެވެ.

އެއާ އެމްބިއުލާންސެެއް ޗާޓަރު ކުރާނަމަ ގާތްގަނޑަކަށް 42،500 ޑޮލަރު ނުވަތަ 655،000 ރުފިޔާ ހަރަދުވާ ކަމަށް އެނގިފައިވެ އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނެއްގެ އަތުންނެވެ.

އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.