ފަލަސްތީންގެ ބިންތައް އިސްތިއުމާރުކޮށްގެން ތިބި ޔަހޫދީ އިޒްރޭލުގެ ސިފައިން -- ހުޅަނގު އައްސޭރިއަށް ވަދެގަނެ، ޖެނިންގެ ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދެނީ އެހެން ގޮތެއް ނެތިގެން އަދި އެއީ އިޒްރޭލުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި އޮންނަ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ވިދާޅުވީ ހަމާސް އާއި އިސްލާމިކް ޖިހާދު ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ބިރު އިޒްރޭލަށް ވަރަށް ބޮޑު ކަމަށެވެ.
ފަލަސްތީންގެ މުޅި އާބާދީ ދުއްވާލައިގެން ނަމަވެސް، އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިޒްރޭލުން ކުރާ މަސައްކަތްތަކަށް ހިތްވަރާއި ސާބަސް ދޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޔަހޫދީ ސިފައިން ޖެނިންއަށް ހޯމަ ދުވަހު އަރައިގަނެ ބަޑިން ދިން ހަމަމާތަކުގައި ފަލަސްތީންގެ އަށް މީހަކު ވަނީ މަރާލާފަ އެވެ. ހުޅަނގު އައްސޭރިން ހަމަ އެ ދުވަހު އިތުރު އެހެން މީހެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރާފަ އެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގި ޖަރީމާތަކުގައި ފަލަސްތީންގެ 50 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކުދިބޮޑު އެތައް އަނިޔާއެއް ލިބިފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް އިތުރުކުރި ސަބަބެއް ކަމަށް ބެލެވެނީ އިސްލާމިކް ޖިހާދުގެ ޒިއާދު ނަޚާލާ އާއި ހަމާސް ގުރޫޕްގެ އިސްމާއީލް ހަނިޔާ އިރާނަށް ދަތުރުކުރުމާ ގުޅިގެންނެވެ.
މި ދަތުރުގައި މި ދެ ބޭފުޅުން ވަނީ އިރާންގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.
އިޒްރޭލަށް ހީވެފައި އޮންނަނީ ފަލަސްތީނަށް ހަތިޔާރު އެތެރެކުރަނީ އީރާނުން ކަމަށެވެ. އަދި އީރާނުން މަދަދުވެރިވާ ޓެރަރިސްޓް ގުރޫޕްތަކުން މެދުއިރުމަތިގައި ހަމަނުޖެހުން ހިންގައި އިޒްރޭލަށް ހަމަލާދިނުމަށް -- އިޒްރޭލުގެ ބޯޑަރަށް ހަތިޔާރު ޖަމާކުރާ ކަމަށެވެ.
އެކަމަކު އިޒްރޭލުން ހީކުރާ ކަހަލަ ހަތިޔާރު ގުދަނެއް އެ ސަރަހައްދުން ވެސް އަދި ފެނިފައެއް ނުވެ އެވެ.
އިޒްރޭލުގައި ޒަމާންތަކެއް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބެންޖަމިން ނަތަންޔާހޫ އަލުން ވެރިކަމަށް ވަޑައިގަތް ފަހުން ފަލަސްތީން މީހުންނަށް ނޭވާލާނެ ވަގުތު ނުވެ އެވެ.
ނަތަންޔާހޫ އެކުލަވާލި ކެބިނެޓްގައި ތިއްބެވި -- އިތަމާރު ބެންގަވީރު ކަހަލަ، ބޯހަރު ޖާހިލުންނާ ހެދި މުޅި ސަރައްދުގައި އޮތީ ހުޅުހިފާފަ އެވެ.