ވާހަކަ

ގަހަނާ ފޮށި

( 3 ޖުލައި 2023 އާ ގުޅޭ )

ފައިސަލްގެ އަތުގެތެރޭގައި އޭނާގެ ކޮންމެ ބީހުމެއްގެ އިޙްސާސް ހަށިގަނޑަށް އެބަކުރެވެއެވެ. އޭނާ ޖަވާބުދާރީ އެވަނީ އަހަރެންގެ އިސްނެގުމަށެވެ. ނަމަވެސް އެއީ އަހަރެން ބޭނުންވާގޮތް ނޫންކަން ސިކުނޑިއާއި ޟަމީރު ވެސް އެއްބަސްވެއެވެ. އެނދުން ފައިބާ ފައިސަލްގެ އަތުގެތެރެއަށް އަހަރެން އުފުލާލިއެވެ. އެހިނދު ރީތިވާ މޭޒުގެ ލޯގަނޑުން އަހަރެންނަށް ފެނުނު ސޫރައިން ނަފްސު ރޫރޫ އަޅާލިއެވެ. ނޫނެކޭ ބުނެވުނެވެ. ތެޅިގަނެފައި ފައިސަލްއާ ދުރަށްދާން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ހަށިގަނޑު ހަރަކާތްކުރަމުންދިޔައީ އަހަރެން ބޭނުންވާ ގޮތަކަށްނޫނެވެ.

* * * * *

ބާރު ގުގުރީގެ އަޑާއެކު އަހަރެންގެ ލޯ ހުޅުވުނީ ސިހުނުވަރުންނެވެ. އޭރު ބޯކޮށް ވާރޭ ވެހޭ އަޑު އިވެމުންދިޔައެވެ. ކޮޓަރިތެރޭގައި އެނދުގައިކަން އޮވެވުނީ އެނގުނު ހިނދު ރޭގެ މަންޒަރުތައް ސިކުނޑި ތެރޭ ނިއުޅޭން ފެށިއެވެ. ދެބުމަ ކައިރިކޮށްލެވުނީ ލިބުނު ހާސްކަމެއްގެ ސަބަބުންނެވެ. އަހަރެން އެނދުގެ އަނެއްފަރާތަށް ބަލާލީމެވެ. އަހަންނަށް ފުރަގަސްދީގެން ބަންޑުން ނިދާފައި އެ އޮތީ ފައިސަލްއެވެ. ރަޖާގެ ތެރެއިން އޭނާގެ ބުރަކަށި އޮތީ ހާމައަށެވެ. ހިނދުރީގައި ނޭވާ ތާށިވި ކަހަލައެވެ. ކުއްލިއަކަށް އަހަރެން ތެދުވީމެވެ. އަދި ތިރިއަށް ދެމިގެން ފަދައިން އެނދުން ފައިބާ އަމިއްލަ ނަފްސަށް ބަލާލީމެވެ.

"އެއީ ހުވަފެނެއްތަ؟." އަހަރެން ހުރީ ހެދުން ލައިގެންކަން އެނގުމުން ސުވާލު އުފެދުނީއެވެ. އެކަމަކު ފައިސަލް އެހެން އޮންނަންވީ ސަބަބެއް ނުވިސްނުނެވެ. އޭނާގެ ބުރަކަށީގައި ލޭކޮށިފައި ހުރި ދިގު ރޮނގުތައް ލޮލުގައި އަޅައިގަތީ ދެނެވެ. މަޑުމަޑުން ސިއްރު ފިޔަވަޅުތަކެއްގައި ފައިސަލް އޮތް ފަރާތަށް އަހަރެން އައީމެވެ. ތަޅުންމަތީ އޮތް އޭނާގެ ޖިންސާއި ޓީޝާޓު ފެނުނީ ދެނެވެ. އެ އެއްޗެހި ނެގުމުގެ ބަދަލުގައި އަހަރެން ގުދުވެލާ އޭނާގެ ބުރަކަށި ބަލާލީމެވެ. ތޫނު ވަކިތަކުން ޒަޚަމްކޮށްލާފައިވާ ކަހަލައެވެ. ބައެއް ހިސާބުތަކުގައި ނިޔަފަތި ވަދެފައި ހުރި ނިޝާން ވެސް ހުއްޓެވެ. އަހަރެން ހައިރާންވެ އަޖައިބުވިއެވެ. ހަށިގަނޑު ސީދާކޮށްލުމާއެކު ދެ އަތްތިލަ އުފުލާލައި އިނގިލިތަކަށް ބަލާލީމެވެ. ހިސާބަކަށް ދިގުވެފައި ހުރި ނިޔަފަތިތަކުން ބައެއް ނިޔަފަތިތަކުގެ ކޮޅުގައި ލޭކުލަ ހުރީތީ ފެނުނެވެ.

"އަހަރެންތަ... އަހަރެން ކޮށްފައި ހުރި ކަމެއްތަ މީ." އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. ހާސްވެގެން ހަލުވިކޮށް ގޮސް ފާޚާނާއަށް ވަނީމެވެ. ދެ އަތްތިލަ ދޮންނަން ފެށީމެވެ. ނިޔަފަތިތަކުން ލޭކުލަ ފިލުވާލަން ބޭނުންވީއެވެ. ހަމައެއާއެކު އަދިވެސް އަހަރެންނަށް މިއުޅެވެނީ ހުވަފެނެއްގެ ތެރޭގައިބާއޭ ހިތަށް އަރަމުންދިޔައެވެ. ދެ އަތްތިލަ ސާފުވުމުން މޫނުގައި ފެންލީމެވެ. އިރުކޮޅަކު ފާޚާނާގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރީމެވެ. ދެން އަހަރެން ލައިގެން ހުރި ޓީޝާޓު ބޭލީމެވެ. އަނގައިން ނުކުތް ސިހުމުގެ އާޙާއެކީ އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނެވެ. ވަގުތުން މޭމަތީ ދެއަތް އަޅައި ފޮރުވާލުމާއެކު ލޯގަނޑަށް ފުރަގަސް ދިނީމެވެ. އަހަރެންނަށް ފެނުނު ނިޝާންތަކުން ދޭހަވީ އަހަރެން ފައިސަލްއަށް ފުރުޞަތު ދީފައިވީ މިންވަރެވެ. ހަށިގަނޑަށް ބަދަލެއް އަތުވެއްޖެކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެމުންދާއިރު އިތުރަށް ޔަގީންކުރަން ދެން އޮތީ ކޮންކަމެއް ހެއްޔެވެ.

"ކީއްވެ؟... މި ހުރިހާ ކަމެއް ބުނެދެނީ ރޭގައި ފައިސަލްއާއެކީ އެހެން އުޅުނީ އަހަރެންނޭ. އަހަރެންނަށް ނޭނގި... އަހަރެންގެ އެއްވެސް އިޚްތިޔާރެއްނެތި މިހާބޮޑު ކަމެއް ހިނގައިދިޔައީ ކިހިނެއް... އަހަރެންނަށް އެއްވެސް އެއްޗެއް ނުވިސްނޭ." ހުރި ދިމާއަށް ތިރިވެވުނު ގޮތަށް ބޮލުގައި ދެ އަތުން އަހަރެން ހިފަހައްޓާލީމެވެ. ސިކުނޑިއަށް ކިތަންމެ ބާރުލިޔަސް ބޮޑު މަންޒަރު ސިފަކުރެވޭ ގޮތެއްނުވިއެވެ. ކަމުގެ ހަޤީޤަތާ ހަމައަށް ވާސިލުވެވޭނީ އެ މަންޒަރުގައި ހުރި ބާގަނޑުތައް ބައްދައިގެންނެވެ.

ސިކުނޑިއަށް ބަރުވާން ފެށުމުން ބޮލުގައި ރިއްސަން ފެށިއެވެ. ފެންމާގަނޑު ދޮށުގައި ބޮލަށް ފެންއަޅަން އެތައް އިރަކު ހުރެވުނެވެ. އިތުރު ސިހުމެއް އަހަންނަށް ލިބުނީ އަހަރެން ފެންވަރައިގެން ނުކުތްއިރު އެނދުގައި ފައިސަލް ނެތީމައެވެ. އޭނާއަށް ހޭލެވުނީމަ އަވަހަށް އެ ދިޔައީ އަހަރެންނާ ކުރިމަތިލާން ނުކެރިގެން ހެއްޔެވެ. ބޯކޮށް ވާރޭ ވެހޭ އަޑު އަދިވެސް އެބައިވެއެވެ. ވާރެއާ ތެމުނަސް ހެޔޮކަމަށް އޭނާ އެ ދިޔައީއެވެ. ރޭގައި ހިނގައިދިޔަ ކަންތަކަށްފަހު އޭނާ ކަންތައްކުރާނީ ކިހިނެއްބާއޭ އަހަރެން ހިތަށް އެރިއެވެ. ހުސްކޮށް އޮތް އެނދު ފެނުމުން އެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. ތެތްކޮށް ހުރި އިސްތަށިގަނޑުގައި ތުވާލި އޮޅޯލައިގެން އަހަރެން އައިސް މަޑުމަޑުން އެނދުގެ އަރިމަތީ އިށީނދެ ފޯނު ނެގީމެވެ. ހެނދުނު ހަ ގަޑި ބައިވަނީއެވެ. ނެގިމަޑުވެފައި އިންހެން އަހަރެން އިނީ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ.

"އަހަރެންނަށް އެއީ އަހަރެންނޭ ހީވިޔަސް ލޯގަނޑުން އަހަރެން ދުށީ އަހަންނެއްނޫން. ކީއްވެ އޭނާ ފެންނަންވީ. ކާކުތަ އެއީ؟. އޭނާތަ އަހަންނަށް ފާރަލަނީ. އިތޫމެން ގޭ ދޮށުގައި ބަލަން ހުރީ ވެސް އޭނާ... އާން. އޭނާއާ ވައްތަރީ." އަހަރެންގެ ގައިން ހީނބިހިނަގައިގެން ދިޔައެވެ. އެއީ ކޮން އަންހެންކުއްޖެއްބާއެވެ. ކުއްލިއަކަށް ހަނދާނަށް އައީ އަހަރެން އައިއިރު ގެސްޓްހައުސްގައި އޭރު ތިބި ގެސްޓުންގެ ފަރާތުން އިވުނު ވާހަކަތަކެވެ. އެ ދުވަހު ފަޒީލު ކައިރީ އަބްދުލް ދެއްކި ވާހަކައެވެ. ދަންވަރު ވާރެއާ ތެމެން އަހަރެން ހުއްޓޭ އެމީހުން ބުނީމައެވެ. އެރޭ އެމީހުންނަށް ފެނުނީ އަހަރެންކަން ޔަގީންބާއެވެ. ނޫނީ އެމީހުންނަށް އޮޅުނީކަމަށް ވެދާނެއެވެ. އެރޭ އެ މީހުންނަށް ވެސް އެ ފެނުނީ އަހަރެންނަށް މިފެންނަ އަންހެންކުއްޖާ ނޫންބާއެވެ.
ގުގުރާލި އަޑާއެކީ އަހަރެންގެ ޚިޔާލުތައް ހާވިޔާވިއެވެ. ތެދުވެގެން އައިސް ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރާއި އެ ދިމާ ކުޑަދޮރު ނިވާކޮށްފައި ހުރި ފަރުދާ ކައިރީ ހުއްޓިލީމެވެ. ފަރުދާގެ ހަނި ދޭތެރެއިން ބޭރު ބަލާލީމެވެ. އަތުގައި އޮތް ފޯނު ރިންގުވީ ހިނދު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އައީ މަންމަގެ ކޯލެކެވެ.

"ކީކޭ މަންމާ." އަހަރެން ފޯނުކޯލު ނެގި ގޮތަށް ބުނީމެވެ.

"ހޭލާ ދޯ ތިއުޅެނީ. އާނަ... ހުރިހާކަމެއް ތިކޮޅުގައި ރަނގަޅުތަ؟." މަންމަގެ ސުވާލުން އަހަރެން ހައިރާންވިއެވެ.

"އާން. ރަނގަޅު. ކިހިނެއްވީ މަންމާ." އަހަރެން އަހާލީމެވެ.

"ކަމެއްނުވޭ." މަންމަ ނިކަން ފަސޭހައިން ބުނެލިއެވެ.

"ދެން ބުނެބަލަ. ކޮންމެވެސް ކަމެއްވެގެން މަންމަ ތިއެހީ." އަހަންނަށް މަންމަގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ.

"ދަރިފުޅުގެ ހުވަފެނެއްފެނުނީ. އާނަ ރޯތީ ފެނުނީ. މަންމަ ސުވާލު ކުރީމަ ވެސް ވީގޮތެއް ނުބުނޭ. ހަމަ ރޮނީ. އެހެންވެ ހިތަށް އެރީ ކީއްވެ ފެނުނު ހުވަފެނެއްބާއޭ. އަނެއްކާ ހުރިހާކަމެއް ހަމަ ރަނގަޅުބާއޭ... ނަޒީމާ ގުޅިތަ ދަރިފުޅަށް. އިއްޔެ އޭނާއާ ދިމާވެގެން ބުނި އާނަ ރަށުގައި ނެތް ދޯއޭ. ކޮންމެވެސް ގޮތަކުން އެނގުނީހެން ހީވަނީ." މަންމަ ބުންޏެވެ.

"ހުރިހާ ކަމެއް ރަނގަޅު. މަންމަ ހާސްނުވޭ." އަހަރެން ބުނީމެވެ. މަންމަގެ ހިތް ހާދަ ސީދާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަޤީޤަތުގައި އަހަރެން ރޯން ބޭނުމެވެ. އެކަމަކު ރޯނީ ކޮންހައިސިއްޔަތަކުން ހެއްޔެވެ. އަމިއްލަ އިއްފަތްތެރިކަން އަމިއްލައަށް ނީލަން ކިޔާފައި ރޯންވީ ހެއްޔެވެ. އަހަރެން ހުއްދަނުދޭކަމެއް ފައިސަލްއެއް ނުކުރެއެވެ. އެހެންވިޔަސް އަހަރެންގެ ދެ ލޯ ފެންކަޅިވާންފެށިއެވެ. މަންމައަށް ޝައްކުވެދާނެތީ ސައިބޯން ދަނީއޭ ބުނެ ފޯނުކޯލު ކުރުކޮށްލީމެވެ. އެއާއެކު އަހަރެންނަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އަހަރެން ބޭނުންނޫން ކަމެއް އަހަރެންނަށް ކުރެވިއްޖެކަމުގެ އިޙްސާސުގައި މޭގައި ރިއްސާލިއެވެ. ރޭގެ އެ ވަގުތުތައް އަނބުރާ އަހަރެންނަށް ނުލިބޭނެއެވެ. ހަމައެއާއެކު އަހަރެން ހުރީ އެފަދަ ކަމަކަށް ތައްޔާރުވެއެއް ވެސް ނޫނެވެ. ކުރެވުނު ކަންތަކުގެ ނަތީޖާ މުސްތަޤަބަލަށް އެޅޭ ހިޔަންޏަކަށް ވެދާނޭތީ އިންތިހާއަށް ކަންބޮޑުވިއެވެ.

އަހަރެން ކޮޓަރިން ނުކުމެގެން ތިރިއަށް އައީމެވެ. ރޯލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ދުވަހާ ކުރިމަތިލާނެ ހިތްވަރެއް ލިބުނެވެ. އަހަރެން އައިސް ބަދިގެއަށް ވަނީމެވެ. ބަނޑުން އަޑުކިޔާހާ އަހަރެން ހުރީ ބަނޑުހައިވެފައެވެ. ހެނދުނު ނުވައެއް ޖަހައި ދިޔައިރު ވެސް ފައިސަލްގެ ޚަބަރެއް ނުވެއެވެ. އެހެންނަމަވެސް ފައިސަލް ބަދިގޭގައި އުޅުނުކަން އަހަރެންނަށް އެނގުނީ ކާމޭޒުމަތީ މަތިޖަހާފައި ހުރި ތަށި ފެނިފައެވެ. އޭގެ މަތިނެގިއިރު ހުރީ ހެނދުނުގެ ނާސްތާއެވެ. ޓޯސްޓުކޮށްފައިވާ ޕާނާއި ބިސްގަނޑެވެ. އަހަރެންނަށް ތައްޔާރުކޮށްފައިކަން އެނގެއެވެ. އެހެންވެ ސައިބޮއެފައި ތަށިތައް ނެގީމެވެ. އަދި ކޮފީއެއް ހަދައިގެން އަހަރެން އައީ ބޭރަށް ނުކުންނާށެވެ. ނަމަވެސް ބިއްދޮށް ފަރާތުން ވަދެގެން އަންނަ އަބްދުލް ފެނުމުން ހުއްޓެވުނެވެ. އޭނާ ހުރީ ތެމިފޯވެފައެވެ. ކޮންމެވެސް މަސައްކަތެއްގައި އުޅޭ ކަހަލައެވެ.

"ފައިސަލް ދުށީންތަ؟." އަހަރެން އަހާލީމެވެ. އޭނާ ބޯހޫރާލީއެވެ.

ގެސްޓްހައުސްގެ ދޮރުމަތިން ހިޔާކޮށްފައި ހުރި ބައިގެ ގޮނޑީގައި އަހަރެން އައިސް އިށީނީމެވެ. މާގަސްތައް އިންދާފައި ހުރި ދިމާ ތިރިފާރުބުރި މަތިން އަތިރިމަތި އޮތީ ފެންނާށެވެ. މޫދުން އަރައިގެން އަންނަ ދެ މީހުން ފެނުމުން ތުނބުގައި ޖަހާލަން އުޅެފައި އަހަރެން ކޮފީޖޯޑު ތިރިކޮށްލީމެވެ. ފައިސަލްގެ ފަހަތުގައި އެ ހުރީ ހަމަ އޭނާއެވެ. އަހަރެންނަށް ތަންކުނޑިވިކާލެވުނެވެ. ކޮފީޖޯޑު ގޮނޑިމަތީ ބެހެއްޓި ގޮތަށް އަހަރެން ދުއްވައިގަތީ ދޮރޯށި ކައިރިޔަށެވެ. ވާރޭވެހޭކަން ވެސް އެނގެއެވެ.

"އެ ދެމީހުން އެކީގައި ކީއްކުރަނީ؟. ފައިސަލްއަށް އެއީ ކާކުކަން އެނގޭތަ؟.... އަނެއްކާ... ޒިޔާން ފަދައިން ފައިސަލް ވެސް އަހަރެންނަށް އޮޅުވާލަނީތަ؟. ރޭގައި ފައިސަލް ގައިގާ ތަތްވެގަނެގެން އުޅޭތީ ފެނުނީ އޭނާ. އެކަމަކު އަހަރެން ވެސް އެކަމުގައި ޝާމިލުކުރީތަ... މި މީހުން ރާވައިގެން ކަމެއްކުރަނީތަ؟." އަހަރެންނަށް ހިތާއި ސިކުނޑިއަށް އަރަމުންދިޔަ ޚިޔާލުތައް ނުހުފެއްޓުނެވެ. ރުޅި ސަވާރުވެއްޖެއެވެ. އަހަރެން ދޮރޯށި ކައިރީގައި ހުރިކަން އެ އަންހެންކުއްޖާ އެނގުނު ކަހަލައެވެ. އޭނާ އަހަރެންނަށް ބަލާކަން ފާހަގަވިއެވެ. ނަމަވެސް ފައިސަލް އެއްފަހަރު ވެސް އެނބުރި ބަލައެއް ނުލައެވެ. އޭނާ އަހަރެން ހުރިކަން ފައިސަލް ކައިރީ ނުބުނީ ގަސްދުގައި ބާއޭ ހިތަށް އެރިއެވެ. އަހަރެން ބަލަން ހުއްޓާ އޭނާ ފައިސަލް ކައިރިން ދުރަށް ހިނގައިގަނެއްޖެއެވެ. ހަމައެވަގުތު ފައިސަލް ވެސް އެއްގަމަށް އަރައިގެން އަންނަންފެށިއެވެ. ޒާތެއްގެ ފޫހިކަމެއް ހިތަށް ވެރިވެ ތުންފިއްތާލެވުނެވެ. އެނބުރި އަހަރެން އައިސް ބޭރުގައި ހުރި ދިގު ގޮނޑީގައި އިށީނދެ އެތާ ބެހެއްޓި ކޮފީޖޯޑު ނެގީމެވެ.

ގެސްޓްހައުސްއަށް ވަދެގެން އައި ފައިސަލްއަށް އަހަރެން ފެންނައިރަށް ރަކި ހިނިތުންވުމެއް އެ ތުންފަތަށް ވެރިކޮށްލުމާއެކު އިސްޖަހާލިއެވެ. އަހަރެންގެ ކައިރިޔަށް އޭނާ އައިސް މަޑުކޮށްލިއެވެ. ނަޒަރު ސީދާކޮށްލައިގެން ހުރެ އޭނާ ބަދަލުކޮށްލީ މާނަވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ތެރެއިން ލުއި ހީނލުމެއްގެ އަޑު ފާޅުވެލިއެވެ.

"އެބަ އަންނަން ފެންވަރާލައިގެން. ތިހެން އިންނައްޗޭ." ފައިސަލް ބުންޏެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ފައިސަލް ހިނގައިގަތީ އޭނާ އުޅޭ ކުޑަގެއަށް ވަންނާށެވެ.

ކޮފީބޮއެ ނިމި ޖޯޑު އަތަށް ލައިގެން އިންދާ އަބްދުލް ނުކުތެވެ. އޭނާއަށް އަހަރެންގެ އަތުގައި އޮތް ކޮފީ ހުސްކުރި ޖޯޑު ފެނުމާއެކު އެ އަތުލައިގެން އެތެރެއަށް ދިޔައެވެ. ދުވެފައި އަހަރެންގެ ކައިރިޔަށް ފައިސަލް އައީ އެވަގުތެވެ. ބިސްތޮށިކުލައިގެ ދޫ ހަރުވާޅަކާއި މަޑުފެހި ކުލައެއްގެ ޓީޝާޓެއްގައެވެ. އޭނާ އައިސް އިށީނީ އަހަރެންގެ ގައިގާ ޖެހޭހާ ކައިރީގައެވެ.

"ކީއްކުރަން މޫދަށް އެރުނީ." އަހަރެން އަހާލީމެވެ.

"ޑިންގީ ތަންކޮޅެއް ބޭރަށް ގޮސްފައި އޮތީމަ ގެނެސް އެއްގަމަށް އަރުވާލީ. މޫދަށް ނޭރި އެކަމެއްނުވާނެއެއްނު. ވިއްސާރައާ ހެދި ދާގަނޑު ވެސް ގަސްތައް މައްޗަށް ވެއްޓިފައި އޮވެގެން އެކަން ފުރަތަމަ ރަނގަޅުކުރީ." ފައިސަލް ބުންޏެވެ.

"އެހީތެރިއަކު ބޭނުންވެގެންތަ އިތުރު މީހަކު ގޮވައިގެން އުޅުނީ." އަހަރެން ބުނީމެވެ.

"އަބްދުލްއާ ނުލާ އަހަރެން އެކަނި އެކަން ނުވީ." ފައިސަލް ބުންޏެވެ. އަހަރެން ފަރުވާތެރިކަމާއެކު އޭނާއަށް ބަލަން އިނީމެވެ. މޫދުން އޭނާއާއެކު އަރައިގެން އައީ ކޮންއަންހެނެއްތޯ ސީދާ އަހަން ހިތަށް އެރިއެވެ. ނަމަވެސް އެހެން އަހަން އުޅުމުން ބޮލަށް ތަދުވާންފެށީއެވެ. ފައިސަލްއާ ދެބަސްވާން ކުއްލިއަކަށް އަހަރެން ބޭނުމެއްނުވިއެވެ.

"ބުރަކަށިން ވަރަށް ދިލަ ނަގާ." ފައިސަލް އަހަރެންގެ ކަންފަތްދޮށަށް ކައިރިވެލައި ސިއްރުން ބުންޏެވެ.

"ރޭގަ..." އަހަރެންނަށް އެ ވާހަކަ ފަށާނޭ ގޮތެއް ނޭނގުނެވެ.

"ރޭގައި ފެނުނީ މުޅިން އެހެން އާނައެއް... ހާދަ ބާރުވެސް ގަދައޭ. އަހަރެން ނޮޅައި ކާނުލީ ކިރިޔާ... ސްޓިލް... ރޭގައި އެކީގައި ހޭދަކުރި ކޮންމެ ސުކުންތެއް އަހަރެންގެ ހިތުގައިވީ ލޯބި އިތުރުކުރުވި." ފައިސަލް ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނެ އިސްޖަހާލީމެވެ. ފައިސަލް އަހަރެންނަށް ގޮވާލިއެވެ. ފުރަގަހުން އޭނާގެ އަތް ގެނެސް އަހަރެންގެ އުނަގަނޑުގައި ހިފައި އޭނާއާ ގާތްކޮށްލިއެވެ. ލަދުންތޯ އަހާލިއެވެ.

"ރޭގައި ވީގޮތެއް ނޭނގޭ. އެކަމަކު ދެވަނަ ފަހަރަށް އެހެންވާކަށް ބޭނުމެއްނޫން... ޔޫ ނޯ އެއްނު... މެރީނުކޮށް އެ ލައިން ކްރޮސް ކުރުން އެއީ ސޭފްގޮތެއްނޫން." އަހަރެން ބުނީމެވެ.

"އަހަރެން ބެލީމޭ... ޑޯންޓް ވޮރީ. އެކަހަލަ މިސްޓޭކެއް ނުހަދާނަން." ފައިސަލް ބުންޏެވެ.

ފައިސަލްގެ ވާހަކަ ހުރި ގޮތުން ރޭގައި އަހަރެމެންގެ ދެމެދުގައި ހިނގައި ދިޔަ ކަންކަން ތަކުރާރުވާން އެދޭ ކަހަލައެވެ. ނަމަވެސް އަހަރެން އެގޮތް ބޭނުމެއްނޫނެވެ. ސިކުނޑިތެރޭގައި އެހެން މީހެއް ދިރިއުޅޭ ކަހަލައެވެ. ދެފަހަރަކު އެއް ޚިޔާލެއް ނުކުރެވެއެވެ. ހިތަށް އެރިޔަސް ދުލުން އެ ވާހަކައެއް ބުނަން އުޅެނިކޮށް މުޅީން އެހެން އެއްޗެކޭ ބުނެވޭ ގޮތް ވެއެވެ. ފައިސަލްއަށް އިޝާރާތެއް ކުރުމުގެ ގަސްދެއްނެތްއިރު ވެސް އޭނާގެ އަތުގައި ބައްދާލެވުމާއެކު ނުހަނު ބޮޑަށް ގާތްވެވުނެވެ.

"މިހާރުދެން ދުރުގައި ހުންނަން ވަރަށް އުނދަގޫވާނެ. އާނަ ތިކަހަލަ ސިގްނަލް ދެންޏާ މިއޮއް ފިނި ދުވަހު އަހަރެން ކިހިނެއް މަޑުން ހުންނާނީ." ފައިސަލް ބުންޏެވެ.

އަހަރެން ދަތްކުނޑިވިކާލީމެވެ. ގޯހެކޭ ޟަމީރު ގޮވާއަޑު އެހީމެވެ. ހުރިހާ ހިތްވަރެއްލާފައި ފައިސަލްއާ ދުރަށް ޖެހި ގޮނޑިން ވެސް ތެދުވީމެވެ. ފައިސަލްއާއެކީ ހުރެއްޖެނަމަ އަހަރެންގެ އިޚްތިޔާރެއްނެތި އަމިއްލަ ނަފްސު ބެހިގެންދާނެޔޭ ހިތާއި ސިކުނޑި އެއްބަސްވިއެވެ. އެކަމަކު އެހެން އެވަނީ ކީއްވެކަމެއް ޚުދު އަހަރެންނަށް ދެނެގަންނާކަށް ނޭނގެއެވެ. ކުރީން ދުވަހަކުވެސް މިފަދަ ގޮތެއް ނުވެއެވެ. އިތޫމެން ގެއަށް ގެންގޮސްދޭން ބުނަން ބޭނުންވިއެވެ. ނަމަވެސް ޚިޔާލު ބަދަލުވީ މާބޮޑަށް ވަރުބަލިވާން ފެށީމައެވެ. އަހަރެން ބޭނުންވީ ކޮޓަރިއަށް ގޮސް ނިދާށެވެ.

* * * * *

އެއްޗެއް ގަޔަށް އެޅެމުންދާކަމުގެ އިޙްސާސް ވާންފެށިއެވެ. ތެމެނީ ކަހަލައެވެ. ދެކޮނޑުގައި ހިފައި މީހަކު ތަޅުވާކަން އެނގި އަހަރެން ލޯ ހުޅުވާލީމެވެ. ވަށައިގެންވީ އަނދިރިކަމެވެ. އަހަރެން ސިހުނެވެ. ނަމަވެސް ދެ ކޮނޑުގައި ހިފަހައްޓައިގެން ހުރި މީހާގެ ސަބަބުން އަހަރެން ނުއެއް ވެއްޓުނެވެ.

"އާނަ... އާނަ..." ކަންފަތުގައި ޖެހުނީ ފައިސަލްގެ އަޑެވެ.

"ފައިސަލް." އަހަރެން އޭނާގެ ނަމުން ގޮވާލީމެވެ.

"މިތާ ކީއްކުރަނީ. ތެމި ފޯވެފައެއްނު ތިހުރީ. އާދޭ." ފައިސަލް އަހަރެންގެ އަތަށް ދަމާލިއެވެ.

އަހަރެންނަށް ހުރެވުނީ ފައިސަލް ދިރިއުޅޭ ބީޗްހައުސްގެ ދޮރުމަތީގައެވެ. އެތަނަށް އަހަރެންނަށް އާދެވުނު ގޮތެއް ނޭނގެއެވެ. އެތަނަށް އަހަރެން އައީ ފައިސަލް ހޯދަންބާއެވެ. އެޔެއް ވެސް ބުނާކަށް ނޭނގެއެވެ. ހަނދާންކުރަން އުޅުނަސް އެކަމެއް ނުވިއެވެ. ވާރޭ އެހާމެ ބޯކޮށް ވެހެމުންދިޔައިރު އަހަރެން ހުރީ މުޅި މީހާ ތެމިފޯވެފައެވެ. ވާރޭގައި އަހަރެންވީ ކުޑަ ވަގުތުކޮޅެއްނޫންކަން އެނގެނީ ތެމިފައި ހުރިވަރުންނެވެ. ފިނިވެ ހީކަރުވައިގަތީ ވެސް ދެނެވެ.

(ނުނިމޭ)