ފިނިޕޭޖް

ރިއާނާ ސްޕޮޓިފައިގެ ސްޓްރީމިން ރިކޯޑެއް މުގުރާލައިފި

ގްރެމީ އެވޯޑް ލިބިފައިވާ ލަވަ ކިޔުންތެރިޔާ ރިއާނާ، 35، ސްޕޮޓިފައި މިއުޒިކް ސްޓްރީމިން ޕްލެޓްފޯމްގެ ރިކޯޑެއް މުގުރާލައިފި އެވެ.

މިގޮތުން ރިއާނާގެ 10 ލަވަ ވަނީ އެއް ބިލިއަނަށް ވުރެ ގިނަ ފަހަރަށް ސްޓްރީމްކޮށްފަ އެވެ. އަދި ރިއާނާ އަކީ އެ ޕްލެޓްފޯމްގައި އެފަދަ ކާމިޔާބީއެއް ލިބުނު ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާ އެވެ.

ރިއާނާ ވަނީ ޓްވިޓާގައި އޭނާގެ ފޮޓޯއެއްގައި އެހެން ލިޔެ ޕޯސްޓެއް ވެސް ކޮށްފަ އެވެ. އަދި ޕޯސްޓްގައި ރިއާނާގެ ގައުމު ބާބެޑޮސްގެ ދިދައެއް ހިމަނާފައިވެ އެވެ.

ރިއާނާގެ ޕޯސްޓްގައި އިޝާރާތްކޮށްފައިވަނީ އޭނާއަށް އެ ކާމިޔާބީ ލިބިފައިވަނީ އާ އަލްބަމެއް ނުނެރެނީސް ކަމަށެވެ.

ރިއާނާގެ އެންމެ ފަހު އަލްބަމް "އެންޓި" ނެރެފައިވަނީ 2016 ގައެވެ. މީގެ އިތުރުން ގިނަ ވިޔަފާރިތަކާއެކު ރިއާނާ އަކީ އެމެރިކާގައި އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވި އުމުރުން އެންމެ ހަގު އަންހެން މީހާ އެވެ.

ރިއާނާގެ ފަހު އަލްބަމް ނެރުނު ފަހުން އޭނާއަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ. އަދި މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ.

މިދިޔަ ހަފްތާގައި ރިއާނާގެ ލޯންޖަރޭ ބްރޭންޑް "ސެވެޖް އެކްސް ފެންޓީ"ގެ ސީއީއޯ ކަމުންވެސް ދުރުވެފައިވެ އެވެ.