ފިނިޕޭޖް

"އިންޑިއާނާ ޖޯންސް އެންޑް ދަ ޑައަލް އޮފް ޑެސްޓިނީ"ގެ ރިވިއު

އުމުރުން 80 އަހަރުގެ ހެރިސަން ފޯޑްގެ މިސްޓްރީ، އެކްޝަން އަދި އެޑްވެންޗާ އިން ފުރިގެންވާ "އިންޑިއާނާ ޖޯންސް" އަކީ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް އެވެ.

މި ފްރެންޗައިޒްގައި ހެރިސަން އަދާކުރަމުން އައީ ޑރ. ހެންރީ ވޯލްޓަން "އިންޑިއާނާ" ޖޯންސް ޖޫނިއާގެ ރޯލެވެ.

ޖޯޖް ލޫކަސް ޕްރޮޑިއުސްކޮށް ސްޓީވަން ސްޕީލްބާގް ޑައިރެކްޓްކުރި މި ފްރެންޗައިޒްގެ ފަސްވަނަ ފިލްމް "އިންޑިއާނާ ޖޯންސް އެންޑް ދަ ޑައަލް އޮފް ޑެސްޓިނީ" ޖޫން 30، 2023 ގައި ރިލީޒްކޮށްފައިވެ އެވެ.

މިއީ މި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމެވެ. އަދި 300 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މިފިލްމު ޑައިރެކްޓްކުރީ ސްޓީވަންގެ ބަދަލުގައި ޖޭމްސް މެންގޯލްޑް އެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ފީބީ ވޯލާ-ބްރިޖް، މެޑްސް މިކެލްސަން، ތޯމަސް ކްރެޝްމަން، ބޮއިޑް ހޯލްބްރޫކް، ޝޯނެޓް ރިނޭ ވިލްސަން އަދި އެންޓޯނިއޯ ބެންޑޭރާސް ހިމެނެ އެވެ. މި ފިލްމުގައި 2008 ގައި ނެރުނު ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު "އިންޑިއާނާ ޖޯންސް އެންޑް ދަ ކްރިސްޓަލް ސްކަލް" ގެ ކަމުނުދާ ކެރެކްޓާ މަޓް ވިލިއަމްސް (ޝަޔާ ލަބޫފް) ނުހިމަނަ އެވެ.

މި ފިލްމް އެޅުވިތާ ފުރަތަމަ ތިން ދުވަހު އުތުރު އެމެރިކާއިން ލިބުނު 60 މިލިއަން ޑޮލަރާއެކު ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ 130 މިލިއަން ޑޮލަރެވެ. މިއީ މި ފިލްމަށް ލިބޭނެކަމަށް ބެލި އާމްދަނީއަށް ވުރެ ދަށް އަދަދެކެވެ. މި ފްރެންޗައިޒްގެ އެހެން ފިލްމްތަކަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބީ ހޯދާފައިވާ ފިމްތަކެވެ.

މި ފިލްމްގެ ރިވިއުތަކަށް ބަލާއިރު، ހެރިސަން ފޯޑަށް ވަނީ ވަރަށް ބޮޑަށް ތައުރީފާއި ތަރުހީބު ލިބިފަ އެވެ.

ޕީޕަލް އާއި ދަ ގާޑިއަން ފަދަ ނޫސްތަކުން ބުނާގޮތުގައި މި ފިލްމުގެ ޕްލޮޓް އާއި އެކްޝަން ސިކުއެންސްތައް ކުރީ ފިލްމްތަކާ ތަފާތުނުވާ ކަމަށެވެ. އަދި ފީބީ ވޯލާ-ބްރިޖް އެ ރޯލަށް ނުގުޅޭ ކަމަށާއި މެޑްސް މިކެލްސަންގެ އެކްޓިންވެސް ކަމުނުދާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ރޮޓަން ޓޮމާޓޯސްގެ ޓޮމާޓޯ މީޓާގައި މި ފިލްމަށް 69 ޕަސަންޓް ލިބިފައިވާއިރު، އޯޑިއަންސް ސްކޯއިން 88 ޕަސަންޓް ލިބިފައިވެ އެވެ. ކްރިޓީކުންގެ ކޮމެންޓްތަކުގައި މި ފިލްމް މާދިގު ދަންމާ ކަމަށާއި ފްރެންޗައިޒްގެ ފުރަތަމަ ތިން ފިލްމްވަރެއް ނެތް ކަމަށް ބުނެފައިވެ އެވެ.