ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ޓީމުން ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ ބާލިންގައި ބޭއްވި މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޑެލިގޭޝަނާއި ކުޅުންތެރިންގެ ބެލެނިވެރިންނަށް މަރުހަބާ ކިޔާފަ އެވެ.
މިއަހަރުގެ ވޯލްޑް ގޭމްސްގައި ރާއްޖޭގެ ހަ އެތުލީޓުން ވަނީ އެތުލެޓިކްސް އާއި ބެޑްމިންޓަންގައި ބައިވެރިވެ، ދެ ރަން މެޑަލް އާއި އެއް ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައި ދީފަ އެވެ.
ކާމިޔާބު ހޯދި ކުޅުންތެރިން
- އައިޝަތު މާނިޔާ އާދަމް – ބެޑްމިންޓަން (ޑިވިޝަން 1) އިން ރަން މެޑަލް
- އައިޝަތު ލައިކާ ހުސައިން – 100 މީޓަރު ސްޕްރިންޓް (ލެވެލް ބީ – ޑިވިޝަން F07) އިން ރަން މެޑަލް
- ޒާނާ އަލީ ޝަރީފް – 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް (ލެވެލް ސީ - ޑިވިޝަން F03) އިން ބްރޮންޒް މެޑަލް
ރާއްޖެ ޓީމުގެ ކާމިޔާބީ ފާހަގަކޮށް އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ވަނީ ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ބައިވެރިވި ހަ އެތުލީޓުންނަށްވެސް އެކުންފުނީގެ ފަރާތުން އިނާމު ހަވާލުކޮށްފަ އެވެ. އެގޮތުން ރަން އަދި ބްރޮންޒް މެޑަލް ހާސިލްކުރި ތިން އެތުލީޓުންނަށް އެކުންފުނިން ވަނީ އެއް އަހަރު ދުވަހަށް ހިލޭ ދިރާގު ފައިބަ 100m ކަނެކްޝަނެއް ދީފަ އެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް ވަނީ ސްޕޯޓްސް ގިފްޓް ވައުޗަރެއް ހަދިޔާކޮށްފަ އެވެ.
މި އިވެންޓްގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވަނީ ޓީމުގެ ކާމިޔާބީއަށް އެތުލީޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ރާއްޖޭއަށް ރީތިނަން ހޯދައިދީ ގައުމަށް ކާމިޔާބީ ގެނެސްދިނުމަށް އެތުލީޓުން ކުރި މަސައްކަތަށް ފަޚުރުވެރިވާ ކަމަށާއި މުސްތަގުބަލްގައިވެސް ގިނަ ވަނަތައް ހާސިލްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި ޖަމިއްޔާތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.