ނެޓްފްލިކްސް އިން ސީއެސް ލުވިސްގެ ޒަމާންވި "ކްރޯނިކަލްސް އޮފް ނާނިއާ" ފޮތްތަކަށް ފިލްމް ރީބޫޓެއް ހަދައި، ދެ ފިލްމު ނެރެނީ އެވެ.
"ކްރޯނިކަލްސް އޮފް ނާނިއާ"ގެ މައްޗަށް އެނިމޭޓަޑް ފިލްމު ސީރީޒަކާއި ބޮޑު ބަޖެޓަކުން ތިން ފިލްމް 2005 އާއި 2010އާ ދެމެދު ނެރެފައިވެ އެވެ. މި ތިން ފިލްމަށް ޖުމްލަކޮށް 1.5 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.
ދަ ހޮލީވުޑް ރިޕޯޓާ އިން ބުނެފައިވާ ގޮތުގައި ދަ ނިއު ޔޯކާއިން ބާބީ ފަދަ ކުޅޭ އެއްޗެހި ހަދާ ކުންފުނި މެޓެލްއާ ބެހޭގޮތުން ލިޔެފައިވާ އާޓިކަލްއެއްގައި ނެޓްފްލިކްސް އިން މި ޕްރޮޖެކްޓް ގްރޭޓާ ގާވިގްއާ ހަވާލުކުރިކަމަށް ބުނެފައިވެ އެވެ.
ގްރޭޓާއަކީ މި މަހު ރިލީޒްކުރާ "ބާބީ" ފިލްމްގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރެވެ.
ގްރޭޓާގެ ފުރަތަމަ ފިލްމު "ލޭޑީ ބާޑް" އަށް ބެސްޓް ޑައިރެކްޓަރާއި ސްކްރީންޕްލޭ ހިމަނައިގެން ފަސް އެކަޑަމީ އެވޯޑްސް ނޮމިނެޝަންސް ލިބިފައިވެ އެވެ. އޭގެ ފަހުން ސޮނީ ޕިކްޗާސް އަށް ލުއީސާ މޭ އަލްކޮޓްގެ ކްލެސިކަލް ވާހަކަ "ލިޓްލް ވިމެން" ޑައިރެކްޓްކޮށްފައިވެ އެވެ. މީގެ އިތުރުން ގްރޭޓާ، ނޮއާ ބޯމްބެކްއާ އެކު ނެޓްފްލިކްސްގެ "ވައިޓް ނޮއިޒް"ގައި މަސައްކަތްކޮށްފައިވެ އެވެ.
ނެޓްފްލިކްސް އިން 2018 ގައި ސީއެސް ލުވިސްގެ "ކްރޯނިކަލްސް އޮފް ނާނިއާ" ފޮތްތަކުގެ ޓީވީ ރައިޓްސް ހޯދާފައިވާ ކަމަށް އިއުލާންކުރި އެވެ. ނަމަވެސް އަދާ ހަމައަށް މި ޕްރޮޖެކްޓްގެ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ނެޓްފްލިކްސް އިން މިފަދަ ފްރެންޗައިޒް ފިލްމްތަކާއި ޝޯތައް ނެރުމަށް ބޭނުންވާކަމަށް ކުރިން ހާމަކޮށްފައިވެ އެވެ. އަދި ރޯލްޑް ޑާލް ފަދަ ލިޔުންތެރިންގެ ވާހަކަ ފޮތްތަކަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ގަންނަމުން ދެއެވެ. އެގޮތުން މިއަހަރު ރޯލްޑް ޑާލްގެ ވާހަކަ "މެޓިލްޑާ" އަށް ނެޓްފްލިކްސް އިން މިއުޒިކަލް އެޑެޕްޓޭޝަނެއް ނެރެފައިވެ އެވެ. މި ވާހަކައަށް 1996 ގައި ވަރަށް ކާމިޔާބު ފިލްމެއްވެސް ނެރެފައިވެ އެވެ.