ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުވެސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންވެސް ކުރިމަތިނުލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން މިރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ވާދަނުކުރެއްވުން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްދެއްވުމަށް ޕީޕީއެމްގެ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
މިޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ގައުމީ ހިދުމަތް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް މި ގައުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ވަޒީރުކަމާއި އަދި މައްޗަށްގޮޅި އަވަށު އޮފީސް ވެސް ހިންގެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެފަދަ ހިދުމަތްތެރި ބޭފުޅަކު ޖަލުގައި އިންނެވުމަށް އެދިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެމީހުން ވެސް ކުރިމަތިނުލައި އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް ކުރިއަށް ގޮސް ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ހޯދައިދޭން މަސައްކަތް ކުރަންވީ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިޖަލްސާގައި ވަނީ ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ދައްކާ ނަތީޖާތަކެއްވެސް ހިއްސާކުރައްވާފަ އެވެ. ނަމަވެސް އެ ނަތީޖާ ހޯއްދެވި ގޮތެއް ވިދާޅުވެފައެއް ނުވެ އެވެ. އެގޮތުން ވިދާޅުވީ ރައީސް ސޯލިހަށް 15 ޕަސަންޓް، ރައީސް ޔާމީން ޖަލުގައި ހުންނަވައިގެންވެސް 18 ޕަސަންޓް އަދި އެމަނިކުފާނަށް މިވަގުތު ހަ ޕަސަންޓް ވޯޓު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށް ދިވެހި ރައްޔިތުންގެ ތެރެއިން 55 ޕަސަންޓް ރައްޔިތުން އަދިވެސް ވޯޓުލުމުގައި ގޮތެއް ނުނިންމާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެންމެން ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަލިކުރަން ކަމަށެވެ. އެހެންކަމުން އެކަމުގައި ރައްޔިތުންނަށް ގޮތްތަކެއް ހޯދައިދިނުމަކީ ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ހުރިހާ ބޭފުޅުން އެއް މޭޒެއްގައި މަޝްވަރާކުރައްވައިގެން ގޮތްދޫކުރައްވައިގެން ނަމަވެސް ގޮތްތަކެއް ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން އިންތިހާބުގައި ވާދަނުކުރެއްވުމަށް ނަޝީދު މިރޭ އެދިވަޑައިގެންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެހެން ޕާޓީތަކުން ކޯލިޝަން ހަދަންޖެހޭނީ ޕީޕީއެމްއާ އެކު ކަމަށް އެޕާޓީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ރައީސް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަތީ ކޯޓަކުން އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ އެވެ.