ދުނިޔެ

"ވައިޓް ހައުސްއަށް ކޯކެއިން ވެއްދި މީހަކު ނުހޯދޭނެ"

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއަށް މަސްތުވާތަކެކީގެ ބާވަތެއް ކަމަށްވާ ކޯކެއިން ވެއްދީ ކާކުކަން ދުވަހަކު ވެސް ތަހުގީގަށް އެނގޭނެ ކަމަށް ނުބެލެވޭ ކަމަށް -- ނަން ހާމަކުރަން ބޭނުންނުވާ -- ތަހުގީގު ޓީމުގެ އޮފިޝަލަކު ބުނެފި އެވެ.

ވައިޓް ހައުސްއިން މަސްތުވާތަކެތި ފެނުމާ ގުޅިގެން މީހުންގެ ޝައްކާއި ނަޒަރިއްޔާ އަމާޒުވެ އިނގިލި ކުރި ދިއްކުރަނީ ރައީސް ޖޯ ބައިޑަންގެ ފިރިހެން ދަރި، ހަންޓާ ބައިޑަންއާ ދިމާއަށެވެ. އޭނާ އަކީ މަސްތުވާތަކެތީގެ ވަބާގައި މުޅި ހަޔާތް ހޭދަކުރާ މީހެކެވެ.

ހަޔާތުގެ ކުރީކޮޅު މަސްތުވާތަކެއްޗާ ވަރަށް ދޯޅަވެވުނު ކަމަށް ހަންޓާ ބައިޑަން ވެސް އެއްބަސްވެ އެވެ. އަދި މިހާރު އެކަމުން އަރައިގަނެވިފައި ހުރި ކަމަށްވެސް ދާދި ފަހުން ނޫސްތަކަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، ޚަބަރުތައް ބުނާ ގޮތުން ހަންޓާ ބައިޑަން އަށް އަދިވެސް އެ ވަބާއިން ސަލާމަތެއް ނުވެވެ އެވެ. އަނެއްކޮޅުން، ވައިޓް ހައުސްއިން ކޯކެއިން ފެނިފައިވަނީ ވެސް -- ހަންޓާ ބައިޑަން ވައިޓް ހައުސްގައި މަޑުކޮށްލައިގެން އިންނެވި ކޮޓަރިން ކަމަށް ނޫސްތަކުން ބުނެ އެވެ.

ވައިޓް ހައުސްއިން ކޯކެއިންގެ ކުޑަ ޕެކެޓެއް ފެނުމާ އެކު -- ރިޔާސީ ގަނޑުވަރުގެ އެ ބައި ބަންދުކުރި އެވެ. އެއީ ތަހުގީގު ޓީމުތަކަށް ފުރުސަތުދީ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް، މިހާރު ވަނީ އޮފީހުގެ އެ ބައިވެސް ހުޅުވާފަ އެވެ.

ވައިޓް ހައުސްއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ފެނުމާ އެކު އެއީ ކޮން އެއްޗެއްކަން، ކާކު ވެއްދި އެއްޗެއްކަން އެކަކަށް ވެސް ނޭނގުނެވެ. އެހެން ނަމަވެސް އެއީ ކޯކެއިންކަން -- ލެބޯޓަރީ ޓެސްޓްތަކުން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ވައިޓް ހައުސްއަށް ކޯކެއިން ވެއްދީ ކާކުންކަން ތަހުގީގު ޓީމަށް އަދިވެސް އެނގޭ ގޮތެއް ނުވެ އެވެ.

ސެކިއުރިޓީ ކެމެރާ ވީޑިއޯތަކުން އަދި ނަފުސާނީ ސުވާލުތަކުން އެއީ ކާކުންކަން ސާބިތުކުރެވުނު ނަމަވެސް، ވައިޓް ހައުސްގެ ހައިސިއްޔަތަށްޓަކައި -- އެ މީހަކު ސިއްރުކުރުމަކީ، އެމެރިކާގެ ސީކްރެޓް ސާވިސްއިން ކޮށްފާނެ ކަމެއް ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.

ވައިޓް ހައުސްއިން ކޯކެއިން ފެނުނު ސަރަހައްދަކީ ވަރަށް ގިނައިން މީހުން -- ނޫސްވެރިންނާއި ވައިޓް ހައުސްއަށް ކަމުކިޔަން ދާ މީހުން ވަންނަ ސަރަހައްދެއް ކަމަށް އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ ބުނެފަ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން ޕިއާ ވިދާޅުވި ގޮތުގައި ޑްރަގު ފެނުމުގެ ކުޑައިރުކޮޅެއް ކުރިން އާންމުގެ ބަޔަކަށް ވައިޓް ހައުސް ދައްކާލުމުގެ ޕްރޮގްރާމެއްވެސް ވަނީ ބާއްވާފަ އެވެ.

ތަރުޖަމާން ވިދާޅުވީ އުއްމީދަކީ އެކަން ކުރި މީހަކު ސީކްރެޓް ސާވިސްއިން ހޯދައި ބަޔާންކުރުމެވެ.