ގާސިމް އިބްރާހިމް

ގާސިމްގެ ތައުރީފް ޑިމޮކްރެޓުންގެ ޖަލްސާއަށް

ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި އެޕާޓީން ރޭ ބޭއްވި ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ތައުރީފް ކުރައްވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ މިޖަލްސާއަކީ އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ކުރިން ކުރަންޖެހޭ ގާނޫނީ ބައެއް ކަންކަން ފުރިހަމަކުރުމަށްޓަކައި ބޭއްވި ޖަލްސާއެކެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވެސް ބައިވެރިވި މި ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ރައްޔިތުންގެ މަޖްލީސްގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ގާސިމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވީ ނުހަނު ކާމިޔާބު އަދި އެހާމަ ފުރިހަމަ ޖަލްސާ އެއްކަން ޔަގީން ކަމަށެވެ.

"ޑިމޮކްރެޓްސްގެ މުއައްސިސް އުސްތާޒު ހަސަން ލަތީފަށާއި، ރައީސް މުހައްމަދު ނަޝީދަށާއި، ތިޔަ ޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކަށް ތަހްނިޔާ އާއި މުބާރަކްބާދު ދަންވަން،" ގާސިމް ވިދާޅުވެފައިވެ އެވެ.

ދަ ޑިމޮކްރެޓުންގެ ޖަލްސާއަށް ގާސިމް އިބްރާހީމް ތައުރީފް ކުރައްވާފައި މިވަނީ އެ ޕާޓީގެ އިސް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާތަކެއް ހިނގަމުންދާ ވަގުތެއް ގައެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި 500 އަށް ވުރެ ގިނަ ޑިމޮކްރެޓުން ބައިވެރިވި އެވެ.

މިޖަލްސާގައި ރަސްމީ ނަމުގެ ގޮތުގައި ފާސްކުރީ "ދަ ޑިމޮކްރެޓްސް" އެވެ. އާންމު ނަމުގެ ގޮތުގައި ފާސްކުރީ "ޑިމޮކްރެޓްސް" އެވެ.

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި އިއްތިފާގުން ފާސްކުރީ އެސްޓްރިކް އެކެވެ. މި ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ކުރީގެ އިސް މެންބަރުންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާ ދަ ޑިމޮކްރެޓްސްގެ ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލަ އާއި މަޑު ނޫ (ބޭބީ ބްލޫ) އާއި އަދި ކަޅުކުލަ އެވެ.