ވާހަކަ

ގަހަނާ ފޮށި

( 4 ޖުލައި 2023 އާ ގުޅޭ )

އަހަރެންނަށް ހުރެވުނީ ފައިސަލް ދިރިއުޅޭ ބީޗްހައުސްގެ ދޮރުމަތީގައެވެ. އެތަނަށް އަހަރެންނަށް އާދެވުނު ގޮތެއް ނޭނގެއެވެ. އެތަނަށް އަހަރެން އައީ ފައިސަލް ހޯދަންބާއެވެ. އެޔެއް ވެސް ބުނާކަށް ނޭނގެއެވެ. ހަނދާންކުރަން އުޅުނަސް އެކަމެއް ނުވިއެވެ. ވާރޭ އެހާމެ ބޯކޮށް ވެހެމުންދިޔައިރު އަހަރެން ހުރީ މުޅި މީހާ ތެމިފޯވެފައެވެ. ވާރޭގައި އަހަރެންވީ ކުޑަ ވަގުތުކޮޅެއްނޫންކަން އެނގެނީ ތެމިފައި ހުރިވަރުންނެވެ. ފިނިވެ ހީކަރުވައިގަތީ ވެސް ދެނެވެ.

އަހަރެން ގޮވައިގެން ފައިސަލް އައިސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އޭނާ މަޑުކުރުމެއްނެތި ފާޚާނާ ހުޅުވައި އަހަރެން ފާޚާނާއަށް ވެއްދިއެވެ. މާގަނޑު ދޫކޮށްލާފައި ފެން ހޫނުވަންދެން މަޑުކޮށްލިއެވެ. އޭނާގެ އަތަށް ހޫނުކަމުގެ އިޙްސާސް ކުރެވުމުން އަހަރެން ކައިރީ މާގަނޑު ދަށަށް ވަންނަން ބުންޏެވެ. ތެތް ހެދުން ބާލައި ފިނިކަން ކެނޑެންދެން މަޑުކުރަން ބުނެފައި ފައިސަލް ނުކުތެވެ. އެހެންނަމަވެސް ފާޚާނާގެ ދޮރު ހުޅުވާފައި ހުރުމުން ބިތުގައިވާ ލޯގަނޑުން އަހަރެންނަށް ދޮރުކަނީގައި ލެނގިލައިގެން ހުރި ފައިސަލް ފެނެއެވެ. އޭނާ ދެއަތް އުރާލައިގެން ހުރި ގޮތުން ކަމަކާ ވިސްނަނީ ކަހަލައެވެ. ހަށިގަނޑުގައިވީ ފިނިކަން ކެނޑުމުން އަހަރެން ފެންމާގަނޑު ބަންދުކޮށްލީމެވެ. އެއާއެކު ފައިސަލް ވެސް ފާޚާނާ ކައިރިން ދުރަށް ހިނގައިގަތްތަން ދުށީމެވެ. ފެންވަރާ ބައިން ނުކުމެ ފާރުގައި ހަރުކޮށްފައިވާ ހޮޅިމަތިން ތުވާލި ނެގީމެވެ. ގައި ހިއްކާލާފައި ތުވާލިން ހަށިގަނޑު ނިވާކޮށްލައިގެން އަހަރެން ނުކުތީމެވެ. ފައިސަލް ހުރީ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީގައެވެ. ފަރުދާގެ ތެރެއަށް ވަދެ ނިވާވެލައިގެންނެވެ. އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނަގައިގެން އަހަރެން އެނބުރި ފާޚާނާއަށް ވަނީއެވެ. ހެދުން ލައިގެން ނުކުމެ ރީތިވާ މޭޒު ކައިރީ އަހަރެން އިށީނީ ތުވާލިން އިސްތަށިގަނޑު ހިއްކަމުންނެވެ. ފައިސަލް އެނބުރި އައިސް އެނދު އަރިމަތީ އިށީނެވެ. އޭނާގެ ނަޒަރު ދޭތެރެއަކުން އަހަރެންނަށް ހުއްޓާލައެވެ.

"ގަޑިން ކިހާއިރެއް؟." ފައިސަލްއާ ދިމާއަށް އެނބުރިލައި އަހާލީމެވެ. އެއާއެކު އޭނާގެ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ.

"ތިނެއް ޖެހީ." ފައިސަލް ބުންޏެވެ.

އިސްތަށިގަނޑުން ފެންތިކި ނުޖަހާ ވަރަށް ހިކުމުން ތުވާލި އަޅުވާފައި އަހަރެން އައިސް ފައިސަލް ކައިރީ އިށީނީމެވެ. އޭނާގެ ކޮނޑުގައި އަހަރެން ބޯ އަޅާލީމެވެ. ފައިސަލް ބޯއަރިކޮށްލައި އަހަރެންގެ ބޮލުގައި ބޯ ޖައްސާލިއެވެ.

"އާނަ ތެދުވީ ކީއްކުރަންކަން އެނގޭތަ. ކޮޓަރިން ނުކުމެގެން ދެވުނުއިރު ހޭނުލެވޭތަ." ފައިސަލް ވާހަކަދެއްކީ މަޑުންނެވެ. އޭނާ ވެސް އަހަރެންނަށް ވީ ގޮތެއް އެނގެން ބޭނުންވެފައި އިން ކަހަލައެވެ.

"ނޭނގެ... ހީވަނީ... ފައިސަލް ހޯދަން ކަންނޭނގެ އަހަރެން ދިޔައީ." އަހަރެންނަށް ތަންދޮރު ވަކިވާން ފެށިއިރު ހުރެވުނީ ފައިސަލް ދިރިއުޅޭ ކުޑަ ގޭގެ ކުރިމަތީގައި ކަން އެނގޭތީ އަހަރެން ލަފާކުރީއެވެ. އެހިސާބަށް އަހަރެން ދާނީ ފައިސަލް ހޯދަންކަމެވެ. ހަޤީޤަތުގައި އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގެއެވެ. ސިކުނޑިވަނީ ހުސްކަމެއްގެ ތެރޭގައެވެ. އަހަރެން އެވަގުތުކޮޅުގެ ތެރޭ ކުރި ކަންކަން ސިކުނޑިއަށް ރިކޯޑުވެފައި ނެތް ކަހަލައެވެ. ހަނދާނުގެ ކަންފުޅެއް ވެސް ނުހުންނާނީ އެހެންވީމަ ނޫންހެއްޔެވެ.

"އަހަރެންނަށް ނިދުނީ އާނަ ކައިރީ އޮއްވާ. ކޮޓަރިން ބޭރަކަށް ނުދަން. ހޭލެވުނީ ކައިރީގައި އާނަ ނެތްހެން ހީވެގެން. ފުރަތަމަ ހީކުރީ ފާޚާނާއަށް ދިޔައީ ކަމަށް. އެކަމަކު ގިނައިރުވާން ފެށީމަ އަހަރެން ތެދުވީ. ފާޚާނާގައި ނެތީމަ އާނަ ހޯދަން ނުކުތީ. ތިރީ ދޮރު ހުޅުވާފައި ހުރީމަ ހިތަށް އެރީ ބޭރު ބަލާލަން. އަބްދުލްއަކީ ނިދުމަށްފަހު ހޭލާނެ މީހެއްނޫން." ފައިސަލް ބުންޏެވެ.

އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އުނދަގޫތަކެއްވާކަން އެނގެއެވެ. ނަމަވެސް އެ އިޙްސާސްތައް ދުލުން ބަޔާންކޮށްދޭނޭ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ސިފަކުރާނޭ ލަފުޒުތަކެއް އަހަރެންގެ ދުލަކަށް ނާދެއެވެ. ނުތަނަވަސްކަމާއި ހާސްކަން އިތުރުވެ އަހަރެންގެ ދެ ލޯ ފެންކަޅިވެ ރޮވެންފެށުނެވެ. ފައިސަލް ކަންބޮޑުވެގެން ގޮވާލިއެވެ. އޭނާގެ މޭގައި އަހަރެން ފޮރުވާލިއެވެ.

"ނިދީގައި މީހުން ތެދުވެ އެކިއެކި ކަންކަން ކުރާ ވާހަކަ ބުނެއެއްނު. ހޭލެވުނީމާ އެމީހުންނަށް ވެސް އެނގެނީ ނިދީގައި ހުރެގެންކަން ތަންތަނަށް ގޮސް ކަންކަން ކުރެވެނީ. ބައެއްފަހަރު އެހެން ކުރާ ކަންކަން ހަނދާނެއް ނުހުންނާނެ. އާނައަށް ވެސް އެހެން ކަންނޭނގެ ތިވީ. ދެން އެކަމާ ނުވިސްނާ. ނަސީބަކުން ދެރަކަމެއް ނުވަނީސް އަހަރެންނަށް އާނަ ފެނިއްޖެ." ފައިސަލް ބުންޏެވެ.

އަހަރެން ހަމައަކަށް އަޅުވަން ފައިސަލް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން އަހަރެން އިތުރަށް ހާސްކުރުވައިފިއެވެ. ދުވަހަކުވެސް ނިދީގައި ހުރެ ތެދުވެގެން އަހަރެން ނޫޅެމެވެ. އަހަރެންގެ އެކަހަލަ ބައްޔެއް ނެތެވެ. އެކަމަކު މިރޭ ޔަގީނުން ވެސް އަހަރެން ކުރިކަމެއް ކުރީ ނިދީގައި ހުރެގެންކަން ޔަގީނެވެ. އަހަރެންނަށް ނޭނގޭނީ އެހެންވީމައެވެ.

ރުއިމަށްފަހު އަހަރެން އެނދުގައި އޮށޯވެލީ ވަރުބަލިކަން އިޙްސާސް ކުރެވޭތީއެވެ. އަހަރެން ނުހަނު ގާތްކޮށްލައިގެން ފައިސަލް ވެސް ކައިރީގައި އޮތެވެ. އަހަރެން ކައިރީ ނިދާލަން ފައިސަލް ބުންޏެވެ. އޭނާ ދުރަށް ނުދާނޭކަމާއި އެހެންވީމަ ކަންބޮޑުނުވާން އެދުނެވެ. އަހަރެންގެ ދެ ލޯ މެރި ނިދީގެ ތެރެއަށް ފީނައިގަތްއިރު ވެސް ފައިސަލްގެ ގާތްކަން އިޙްސާސް ކުރެވެއެވެ. އޭނާ އަހަރެންގެ ގައިން ދޫކޮށެއްނުލާކަން އެނގެއެވެ.

* * * * *

ހެނދުނުގެ ވަގުތެވެ. ނަމަވެސް ދުނިޔެ މައްޗަށް އިރުއެރިހެން ހިޔެއްނުވެއެވެ. ހަފަރާތުން ކަޅުވިލާތައް އައިސް އުދަރެސް މުޅީން ބައްދާލައިފައެވެ. ވެހެމުންދާ ވާރޭ ދޭތެރެއަކުން ތުނިކޮށްލީ ނަމަވެސް އެއްކޮށް ހުއްޓާލާ ވަގުތެއް ނާދެއެވެ. އިވިއިވި ހުރި ކޮފީމެޝިނުގެ އަޑު ކެނޑުނެވެ. ކޮފީޖޯޑު ގެނެސް ފައިސަލް ބެހެއްޓީ ކާމޭޒުމަތީ އަހަރެންގެ ކުރިމައްޗަށް ވާހެންނެވެ. ބަދިގެ ތެރޭ ހުޅުވާފައި ހުރި ކުޑަދޮރުން ބޭރަށް ހުއްޓާލެވިފައިވީ އަހަރެންގެ ނަޒަރު ކޮފީޖޯޑަށް އަމާޒުކޮށްލީ ދެނެވެ. މަޑުމަޑުން ދެއަތްތިލަ ޖޯޑުގައި ޖައްސާލައި ހޫނުކަން އިޙްސާސްކޮށްލީމެވެ. އަހަރެން ނިދާފައި ތެދުވީ ނަމަވެސް ރަނގަޅަށް ނިދި ހަމަވަންދެން ނިދުނުހެން ހިޔެއްނުވެއެވެ. ވަރުބަލިވާގޮތްވަނީ ކީއްވެކަމެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާން ބަލިވެއްޖެހެން ވެސް ހީވެއެވެ. އިތޫ ކައިރިއަށް ދާން ބޭނުންވިޔަސް ކަންނެތްވަނީއެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ގޮސް ކޮޓަރީގައި އޮންނާށެވެ. އިތޫ ގުޅައިފިނަމަ ގިނައިރު ފޯނުގައި ހުންނަ ހިތެއް ވެސް ނުވެއެވެ. އޭނާގެ ކައިރިއަށް ނުދާން ބަހަނާ ދައްކައި އެކިއެކި ދޮގު ވެސް ހެދެނީއެވެ. އެހެން ހަދަންޖެހޭ ސަބަބެއް ވެސް ނެތެވެ. އަހަރެމެންގެ ދެމެދުގައި މައްސަލައެއް ނުޖެހެއެވެ. އަހަރެން ހިތްހަމަނުޖެހޭ ކަމެއް ފެނުނީއެއް ވެސް ނޫނެވެ. އަހަރެންނަށް މިއަންނަ ބަދަލުތަކުގެ ހަޤީޤަތް ޚުދު އަހަރެންނަށް ވެސް ދެނެގަންނަން ނޭނގެނީއެވެ. ގެސްޓްހައުސްއިން ނުކުންނަން ބޭނުންނުވަނީއެވެ.

"އާނަ. ކޮންކަމަކަށް ގެއްލިފައި." ފައިސަލް އައިސް ކާމޭޒުދޮށުގައި އިށީނެވެ. އަހަރެން ކަމެއްނުވެޔޭ ބުނަން މަޑުމަޑުން ބޯހޫރާލީއެވެ.

"ކުއްލިއަކަށް މާބޮޑަށް ވިއްސާރަވީމަ ކަޑަ ދޯ. އަބަދު މިތާ އިންނަންވީމަ ފޫހިވާނެކަން އެނގޭ." ފައިސަލް ބުންޏެވެ. ދެން ވެސް އަހަރެން ވާހަކައެއް ނުދައްކަމެވެ. އެއްޗެއް ބުނުން މުހިންމު ކަމަށް ނުފެނުނީއެވެ.

"ކޮންއިރަކުން އިތޫގެ ވެޑިން އޮތީ. އާނަ އެގެއަށް ނުދާތީ މައްސަލައެއް ނުޖެހޭނެތަ؟." ފައިސަލް އަހާލިއެވެ.

"ފައިސަލްއަށް ރަނގަޅެއްނު އަހަރެން އެގެއަށް ނުދަންޏާ." ކުއްލިއަކަށް އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ހަރުކަށި ރާގެއްގައެވެ. އެއީ އަހަރެން ގަސްދުގައި ބުނި އެއްޗެއް ނޫނެވެ. ދުލުން ބަސްތައް ނުކުތީ އަހަރެންގެ އިޚްތިޔާރަކާނުލާ ކަހަލައެވެ.

"އަހަރެންނަށް އެހެން ބުނެވުނީތީ އެކަމާ އަދިވެސް ހިތްހަމަނުޖެހިފަތަ. ދެން އެވާހަކަ ހަނދާންނައްތާލަބަލަ." ފައިސަލް ބުންޏެވެ. އެއާއެކު އަހަރެން އަނެއްކާވެސް އަނގައިން ނުބުނެ އިނީއެވެ.

ސައިބޮއެގެން ތަށިތައް ނެގީ ވެސް ފައިސަލްއެވެ. އަހަރެން ކާމޭޒު ދޮށުން ތެދުވުމާއެކު ފައިސަލް ގޮވާލިއެވެ. ކޮންތާކަށްތޯ ސުވާލުކޮށްލިއެވެ. ކޮޓަރިއަށް ދަނީއޭ ބުނުމުން އަހަރެން ހުއްޓުވާކަށް އޭނާ ނޫޅުނެވެ. އަހަރެން އެކަނި ސިޑިން އަރައިގެން އައިސް ކޮޓަރިއަށް ވަނީމެވެ. ކުއްލިއަކަށް ބޮލަށް އިޙްސާސް ކުރެވެމުންދިޔަ ބާރު ކުޑަވިހެން ހީވިއެވެ. ލުއިކަން ލިބިގެންދިއުމުން އަހަރެންނަށް ދެ ލޯ މަރާލެވުމާއެކު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެން އެނދަށް އަރައި ހެޑްބޯޑުގައި ލެނގިލައިގެން ދެފައި ކުރުކޮށްލައިގެން އަހަރެން ހަމަޖެހިލީމެވެ. އެގޮތުގައި އިނދެވުނީ އިރުކޮޅަކުއެވެ. ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަންތަން ފެނުނީ ފައިސަލްއެވެ. ދޮރު ލައްޕާފައި ފައިސަލް އައިސް އެރީ އަހަރެން ކައިރިޔަށް އެނދަށެވެ.

"ވަރަށް ނިދި އާދޭ." އަހަރެން ފައިސަލްއަށް ފުރަގަސްދެމުން އެނދުގައި އޮށޯވެލީއެވެ. އެކަނިވެލަން ވެސް އިނީ ބޭނުންވެފައެވެ. އެހެންވެ ހީކުރީ އަހަރެން ނިދަން އުޅޭކަން އެނގުމުން ފައިސަލް ހިނގައިދާނެ ކަމަށެވެ. ނަމަވެސް ހީކުރި ގޮތަކަށް ނުވިއެވެ.

"އާނަ ނިދާލާ. އަހަރެން ޓީވީ ބަލާލަން އިނދެދާނަން. މިވަރަށް ވާރޭ ވެހޭއިރު ބޭރަކަށް ނުނިކުމެވޭނެ." ފައިސަލް ބުންޏެވެ. އަހަރެން އަނގައިން ނުބުނެ ދެ ލޯ މަރައިގެން އޮތީއެވެ. އޭނާ ގުދުވެލައި އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި ބޮސްދިންކަން އެނގެއެވެ.

މުޅި ދުވަހު އަހަރެން ނިދީއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަހަރެން ތެދުވިއިރު ހަވީރު ފަހެއް ވެސް ޖަހައި ހިނގައްޖެއެވެ. ތެދުވިއިރު ފައިސަލްއެއް ކޮޓަރިއަކު ނެތެވެ. ހެނދުނު ސައިބުއި ގޮތަށް ހުރުމުން އަހަރެން ހޭލިއިރު ވެސް ހުރީ ބަނޑުހައިވެފައެވެ. ފެންވަރާލައިގެން ނުކުމެ ރީތިވާން އަހަރެން އުޅުނީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަދަލު އައީ ކޮޓަރީގައި މީހަކު ހުރިހެން ހީވާތީއެވެ. ލޮލަކަށް ނުއެއް ފެނެއެވެ. ކުރެވެނީ ފާޑެއްގެ އިޙްސާސެކެވެ. ބައެއް ފަހަރު ކައިރީގައި ހުންނަހެން ވެސް ހީވެއެވެ. ހިތްބިރުގަތެވެ. ނަމަވެސް އެ ބިރު ދިރުވައިލަމުން އަހަރެން ތައްޔާރުވެ ނިމިގެން ކޮޓަރިން ނުކުތީމެވެ. ހުއްޓުން އަރާގޮތްވީ ހައެއް ނުޖަހަނީސް ދުނިޔެ މަތި އަނދިރިވެފައި އޮތްތަން ފެނުމުންނެވެ. ސަރައްކާލީ ހުރަސްކޮށް ސިޑިއާ ދިމާއަށް އައީ ދުވެފައެވެ. ފުއްމަމުން ސިޑިން ފައިބައިގެން އައީ ގެސްޓްހައުސްގެ ރިސެޕްޝަން ހުންނަ ހިސާބަށެވެ. މީހެއްގެ ހިލަމެއްނެތެވެ. ބަދިގެއަށް ވަދެ ބޮކިތައް ދިއްލާލި ގޮތަށް އަހަރެން ފުރިޖު ހުޅުވާލީ ކާލާނެ އެއްޗެއް ފެނޭތޯއެވެ. ރަތް އާފަލު ހުއްޓެވެ. އެތަނުން އާފަލެއް ނަގައި ސިންކު ކައިރިއަށް ގޮސް ދޮވެލި ގޮތަށް ކާންފެށީއެވެ. އާފަލު ކަމުން ކޮފީއެއް ހެދީ ގައިގާ ވަރުޖެހިލާނޭ ހިތާއެވެ. އެކަނި ބަދިގޭގައި ނީންނަން ކޮފީޖޯޑު ހިފައިގެން އަހަރެން ނުކުތީއެވެ. ސުވިޗު ބޯޑުތައް ކައިރީ ހުރި އަބްދުލް ފެނުނީ އެވަގުތެވެ. އޭނާ އެ އުޅެނީ އިރުއޮއްސި އަނދިރިކަން ވެރިވާންވާއިރަށް ގޯތިތެރޭގައި ހުރި ބޮކިތައް ދިއްލަންކަން އެނގެއެވެ. އަހަރެން ނުކުމެ ހުއްޓިލީ ދޮރުކައިރީއެވެ. ވެހެމުންދިޔަ ވާރޭގެ ތެރެއިން ފަހަރަކު ބޮތްކެއް ދިއްލި ބޭރުތެރެ އަލިވަމުން ދިޔަތަން ބަލަން ހުރީމެވެ. އެ މަންޒަރުގެ ތެރެއަށް އަހަރެންގެ ނަފްސު ދޫވެގެންދިޔަ ކަހަލައެވެ. މަޑުމަޑުން ހޫން އަޅުވާލެވި ރާގެއްގެ އަޑު ލެއްވެމުންދިޔަކަން އަހަރެންނަށް ރެއަކާލީ އިރުކޮޅެއް ފަހުންނެވެ. ލެއްވެމުންދިޔަ ރާގާ މެދު ވިސްނާލީމެވެ. ލަވައެއްކަން އެނގެއެވެ. ނަމަވެސް އަހަރެންނަށް އެއީ ކޮން ލަވައެއްކަން ސީދާ ދެނެގަންނާކަށް ނޭނގުނެވެ. އެހެންވިޔަސް އެ ރާގު ސިކުނޑީގައި ވަކިހިއްޕާލި ކަހަލައެވެ. އެހެން ކަމަކާ ވިސްނަން ސިކުނޑިއަށް ފުރުޞަތެއް ނުދިނެވެ. މަޑުމަޑުން ކުރިޔަށް ފިޔަވަޅު އަޅަމުން އަހަރެން ނުކުމެ ގެސްޓްހައުސްގެ ދޮރުމަތިން ހިޔާކޮށްފައި ހުރި ބައިގެ އަސްކަނި ދޮށުން ފެންފައިބާ ހިސާބުގައި މަޑުކޮށްލީ ހުވަފެނީ އަސަރަކާއެކީއެވެ. އަދި ވާރޭގެ ތެރެއަށް ކަނާއަތްތިލަ ދިއްކޮށްލައިގެން ހުރީމެވެ. އަސްކަނިން ފައިބާ ފެނުން އަތްތިލަ ތެމެމުންދިޔައިރު ހިތަށް އުފާވެރިކަމެއް ލިބެމުންދިޔައެވެ. އެ ހިތްހަމަޖެހުން އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިފިއެވެ. އެ ލޯބިވެތި ޖަޒުބާތުތަކުގެ އަސްލަކީ ކޮބާކަމެއް އަހަރެންނަކަށް ނޭނގެއެވެ.

"އާނަ..." ތަންކޮޅެއް ބާރުލާފައި ފައިސަލް ގޮވާލި އަޑު އިވުނެވެ.

އަހަރެން ބަލާލިއިރު އޭނާ ދިރިއުޅޭ ކުޑަގެއިން ނުކުމެގެން ދުވެފައި އަހަރެންނާ ދިމާއަށް އަންނަނީއެވެ. އޭނާ ފެނުމުން ތުންފަތުގައިވީ ހިނިތުންވުން ފުޅާވެލިއެވެ. ފާރުކައިރީ ހުރި ދިގު ގޮނޑީގައި އަހަރެން ކޮފީޖޯޑު ބެހެއްޓީމެވެ. އަދި ފައިސަލް އައިސް އަހަރެންނާ އަރާ ހަމަވުމާއެކު އޭނާގެ ގައިގާ އަހަރެން ބައްދާލީމެވެ. ސަމާސާކުރާ ކަހަލަ މޫޑެއްގައި އަހަރެން ހުރީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން ކޮށްލި ސަމާސާއަށް ފައިސަލް ހުރީ ތައްޔާރުވެގެން ނޫން ކަހަލައެވެ.

"އާނަ... އަބްދުލް ނުކުމެދާނެ." ކުއްލިއަކަށް އަހަރެންގެ ދެ އަތުގައި ހިފައި ދުރުކޮށްލަމުން ފައިސަލް ބުނެލިއެވެ. އަހަރެން ރަކިގޮތަކަށް ހީނލީއެވެ.

"އޭނާ ގޮސްފި ކޮޓަރިއަށް." އަހަރެން ބުނީމެވެ. ހައިރާން ވެސް ވިއެވެ. އަބްދުލް އެނބުރި ކޮޓަރިއަށް ދިޔަކަމެއް އަހަރެންނަށް އެނގުނު ގޮތަކާމެދުއެވެ. އެ ހުރިހާ ޝުޢޫރެއްގެ އަޑު އިވެނީ އަހަރެންނަށް އެކަންޏެވެ.

"ނޯ... ސްޓޮޕް އިޓް އާނަ. މިގަޑީގައި ވާރެއާ މީހުން ތެމޭތަ... ހާދަ ސަކަރާތްޖަހާ ހިތުން ތިއުޅެނީ." ފައިސަލްގެ އަތަށް ދަމާލައި ވާރޭގެ ތެރެއަށް ނެރެން އުޅުމުން އޭނާ އަހަރެން ހުއްޓުވިއެވެ. ވަގުތުން އޭނާގެ ގައިގާ ތަތްވެގަތުމާއެކު ކަރުގައި ދެ އަތް އަޅުވާލައި އަހަރެން އެލިގަތީމެވެ. އަހަރެން ވެއްޓުނަ ނުދޭން އުނަގަނޑު ދަށަށް ފައިސަލް އަތް ލައްވާލައި ހިފެހެއްޓިއެވެ. އަހަރެން ޖަހާލީ މަސްތީ ހިނިގަނޑެކެވެ. ޚުދު އަހަރެންނަށް ވެސް އަހަރެން މިއުޅޭ ގޮތް ޤަބޫލެއް ނުކުރެވެއެވެ.

"އުރާލައިގެން ރޫމަށް ގެންގޮސްފާނަން. އެކަމަކު އޭރުން ދެން އަހަރެން ކުރާ ސަމާސާ މާބޮޑުވާނެ އިނގޭ. ތައްޔާރުތަ." ފައިސަލް ވެސް ލާނެތްވެލިއެވެ.

އަހަރެން އޭނާގެ ކަރުން ދޫކޮށްލީމެވެ. ދުވެލާފައި ވާރޭގެ ތެރެއަށް ނުކުތީމެވެ. ފައިސަލް އަހަރެންގެ ނަމުން ގޮވިއެވެ. އަހަރެން ހެމުންހެމުން ވާރޭގެ ތެރޭ ދެ އަތް ފުޅާކޮށްލައި އެނބުރިލީމެވެ. އަދި ހުއްޓި ފައިސަލްއަށް ބަލާލީ މަސްތުން ފުރިގެންވާ ފަދަ ބެލުމަކުންނެވެ.

"މޮޔަވީތަ... އާދޭ އެތެރެއަށް. ތެމި ފޯވީނު... އާނަ." އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުރި ފައިސަލް ހެމުން ވާހަކަ ދެއްކިއެވެ.
އަހަރެންގެ ބޮލުތެރެއަށް ވަދެފައިވާ ރާގު ލައްވަންފެށުމާއެކު އަހަރެން ނަށަންފެށީމެވެ. ކުރީން އަހަރެން ތަޖުރިބާ ކޮށްފައިވާ ކަމެއް ފަދައިންނެވެ.

"އަންނަނީ... ފެންވަރުން... އަންނަނީ... ލޯބީގެ ވާރޭ ވިލާ... ދޭ މުޅިން ހީ ފިލައި ފެނުލުމުން ވެސް ކަލާ..." އަހަރެން ބަސްތައް ކިޔަމުން ދިޔައީ ސިކުނޑީގައި ހަރުލާފައިވާ ރާގުގެ ހަމައަށެވެ. އަހަރެންނަށް އެނގޭ ވެސް ލަވައެއް ނޫނެވެ. އެކަމަކު ލަވަ ކިޔަމުން ނަށަމުން ދިޔައީ ޚުދު އަހަރެންނެވެ. ޝަހާދަތް އިނގިލިން ފައިސަލްއަށް ކައިރިޔަށް އައުމަށް އަހަރެން އިޝާރާތްކޮށްލީ ވެސް ނެށުމުގެ ތެރެއިންނެވެ. ނަމަވެސް އަހަރެންނަށް ފާހަގަވީ ކުއްލިއަކަށް ފައިސަލްގެ މޫނުން ކުރީން ފެނުނު ކުލަވަރު މުޅީން ބަދަލުވެގެން ދިޔަކަމެވެ.

"އާނިޔާ." ފައިސަލް ގޮވާލިއެވެ. ހުއްޓާލާށޭ ބުނާ ފަދަ ހަރުކަށިކަމެއް އެ އަޑުގައި ވިއެވެ. އަހަރެން ކުރާ ކަންކަމާމެދު އޭނާ ގަޔާނުވާ ކަހަލައެވެ. އެ އަޑަށް އަހަރެން ކިޔަމަންނުވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ފައިސަލް ރުޅި އަރުވާކަށް އަދި އޭނާ ނުރުހޭކަމެއް ކުރާކަށް އަހަރެން ވެސް ބޭނުމެއްނޫނެވެ. އެހެންވިޔަސް ހުއްޓައެއް ނުލެވުނެވެ. އަހަރެންނަށް މިހާ ފުރިހަމައަށް ލަވަ ކިޔާ ނަށަން އެނގޭކަމެއް ނުވެސް ދެނަހުރީމެވެ. އަހަރެންނަކީ މިއުޒިކުގެ ހަމައަށް ނަށަން އެނގޭ ވެސް މީހެއްނޫނެވެ. އަމިއްލަ ހަރަކާތްތަކާމެދު އެހާ ބޮޑަށް ހައިރާންވެ އަޖައިބުވާން ޖެހުނީ އެހެންވެއެވެ. ފެންނަ މީހަކު އަހަރެންގެ ވާހަކަ ދޮގުކުރާނޭކަން ޔަގީނެވެ. އަހަރެންގެ ނެށުމުގެ ހަރަކާތްތަކުގައި ބަނޑިބަނޑި ލައްވާލާއިރު އެއީ އަހަރެން ކޮށްފަރިތަ ކަންކަން ކަހަލައެވެ.

"ލޯބި މީ އަޖައިބެކޭ، ޖާދުވީ އެއީ ބާރެކޭ، ހިތް ހިތާ ލާމެހެން..." އަހަރެން ނެށުމުގެ ހަރަކާތްތަކާއެކު ލަވައިގެ އެހެން ކަޑިއެއް ކިޔާލީމެވެ. ނަމަވެސް ކުއްލިއަކަށް ހަލުވި ހިނގުމުގައި ފައިސަލް ވާރޭގެ ތެރެއަށް ނުކުމެގެން އެ އައިގޮތަށް އަހަރެންގެ ކަންފަތްމަތީ ޖެހިއެވެ. ބުރާންތިވާގޮތްވެ އަހަރެން ވެއްޓުނީއެވެ. އެވަރުން ފައިސަލް މަޑެއްނުވިއެވެ. ވެލިގަނޑު މައްޗަށް އަހަރެން ވައްޓާލުމާއެކު އޭނާ އަހަރެންގެ މައްޗަށް ގަދަވެގަތީއެވެ. އަހަރެންގެ ގައިމައްޗަށް އަރާ އިނދެ ދެއަތުން އަހަރެންގެ ކަރުގައި ހިފީއެވެ. އަދި އޭނާގެ ދެ އަތްތިލަ ބާރުވަމުންދާކަމުގެ އިޙްސާސް އަހަރެންގެ ކަރަށް ކުރެވެމުންދިޔައެވެ.

(ނުނިމޭ)