މޯލްޑިވްސް ޕޮލިސް ސާވިސް

ފިލަން ދުއްވި ކާރަކުން އެއްލާލި ކޮތަޅެއްގައި 24 ފުޅި ބަނގުރާ

ފުލުހުންނަށް ފިލަން ދުއްވި ކާރަކުން އުކާލި ކޮތަޅެއްގެ ތެރެއިން 24 ދަޅު ބަނގުރާ އަތުލައިގެންފި އެވެ.

ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ކާރުގައި ތިބި ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ.

މާލެއަށް ރަތް ކުލައިގެ މި ކާރު އައުމުން، ސިނަމާލެ ބުރިޖާ ހިސާބުން ކާރު ހުއްޓުމަށް ފުލުހުން ތަކުރާރުކޮށް އެންގި އެވެ. އެކަމަކު މިކާރު ވަނީ މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވާފަ އެވެ. އަދި މި ކާރުގެ ފަހަތުން އަޑުގަދަ ކުރާ އިން ގޮވަމުން ފުލުހުންގެ ކާރެއް ވަނީ ފަހަތުން ދުއްވާފަ އެވެ.

ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ފުލުހުންގެ ކާރު ފަހަތުން ގޮސް މި ކާރު ހުއްޓުވީ ފަރީދީ މަގާއި ޗާންދަނީ މަގުގެ ސީގަލް ރެސްޓޯރަންޓް ކަންމަތިންނެވެ.

ފުލުހުން ބުނީ ކާރު ހުއްޓުވައި ހައްޔަރުކުރީ ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މި މީހުން ގެންގުޅުނު ކޮތަޅު އެއްލާލީ ފިލިގަސް މަގަށް ކަމަށާއި އެ ކޮތަޅު ބަލައި ފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.