ފިނިޕޭޖް

ބްރިޓްނީ ސްނޯގެ ވަރީގެ މައްސަލަ ނިމިއްޖެ

"ޕިޗް ޕާފެކްޓް"ގެ އެކްޓްރެސް ބްރިޓްނީ ސްނޯ ވަރިއަށް އެދި ހުށަހެޅިތާ ހަމަސް ފަހުން ވަރީގެ މައްސަލަ ނިމިއްޖެ އެވެ.

ބްރިޓްނީ، 37، ވަރިވާން ހުށަހަޅާފައިވަނީ "ސެލިން ދި އޯސީ" ޝޯގެ ތަރި ޓައިލާ ސްޓެނަލޭންޑް، 33، ކައިރިންނެވެ. އަދި ވަރިވުމުގެ ސަބަބަކަށް ހުށަހަޅާފައިވަނީ ތަފާތުތަކާ ގުޅިގެން އެކުގައި އުޅެން ދަތިވުމެވެ.

ވަރީގެ ލިޔެކިޔުންތަކުގައިވާ ގޮތުގައި މި ދެ މީހުން ވަރިވުމަށްފަހު، ކައިވެނި ކުރުމުގެ ކުރިން ވެވިފައިވާ އެއްބަސް ވުމެއްގެ ދަށުން އެމީހެއްގެ އެސެޓްތަކާއި މުދާތައް އެމީހެއްގެ މިލްކިއްޔާތުގައި އޮންނާނެ އެވެ. އަދި ދެ މީހުން ބައިކުރަންޖެހޭ "ކޮމިއުނިޓީ އެސެޓް" އެއް ނެތް ހިނދު، އެކަކުވެސް "ސްޕައުސަލް ސަޕޯޓް"ގެ ގޮތުގައި އެއްޗެއް ހޯދަން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން އެމީހެއްގެ ވަކި އެކައުންޓްތަކުގައި ހުރި ފައިސާ އެމީހަކަށް ލިބޭއިރު، ޖޮއިންޓް އެކައުންޓްގައި ހުރި ފައިސާ ދެބަޔަށް ހަމައަށް ބަހައި، އެކައުންޓް އުވާލާނެ އެވެ.

މި ދެމީހުން ރަސްމީކޮށް ވަރިވާނީ އޮގަސްޓް 11، 2023 ގައެވެ.

ބްރިޓްނީ އާއި ޓައިލާއާ ދިމާވީ 2018 ގައެވެ. އަދި ފެބްރުވަރީ 2019 ގައި އެންގޭޖްވުމަށްފަހު، ކައިވެނިކުރީ މާޗް 2020 ގައެވެ. ބްރިޓްނީއާ ޓައިލާ ދުރުވެފައި ކަމަށް ހާމަކޮށްފައިވަނީ ސެޕްޓެމްބަރު 2022 ގައެވެ.

މި ދެމީހުންގެ ގާތް މީހަކު ބުނި ގޮތުގައި ދެ މީހުން ދެ މީހުން ވަކިވާން ޖެހުނީ ޓައިލާގެ ކޯ-ސްޓާރަކު ކެމެރާގެ ފުރަގަހުގައި ޓައިލާއާ ލޯބީގެ ގުޅުމެއް ކުރިއަށް ގެންދަން މަސައްކަތްކުރި ކަމަށް ޓައިލާ ބުނުމުންނެވެ.