ފިނިޕޭޖް

ކިމް ކާޑޭޝިއަން މަލިބޫއިން ގެއެއް ގަނެފި

ރިއަލިޓީ ޓީވީ ސްޓާ އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ އެޕިސޯޑެއްގައި އާ ގެއެއް ގަނެފައިވާ ކަމަށް ބުނެފި އެވެ.

ކިމް، 42، ގަނެފައިވާ ބޮޑު ގެއަކީ ކެލިފޯނިއާގެ މަލިބޫ ބީޗް ސަރަހައްދުން ގަނެފައިވާ ގެއެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިގޭގެ އަގަކީ 70 މިލިއަން ޑޮލަރެވެ.

މިސަރަހައްދަކީ ގިނަ ސެލެބްރިޓީން ގެ ގަނެފައިވާ ސަރަހައްދެއް ކަމަށްވާތީ މިސަރަހައްދަށް ކިޔަނީ ބިލިއަނާ ބީޗް އެވެ.

ކިމް މި ގެ ގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓްގެ ކައިރިން ވަރިވުމުގެ މަރުހަލާ ހިނގަމުން ދަނިކޮށެވެ.

ކިމް ބުނީ މަލީބޫއިން ގެއެއް ގަތުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި އެ ގޭގެ އިންޓީރިއާ ހަދާނީ ކިމްގެ ދެވަނަ ގޭގެ ގޮތުގައި ކަމަށެވެ. އަދި މި ގެ ހަދާނީ އޭނާގެ ދަރިންނާއި ބޮޑު ދައިތަ ކިޔާ ކުދިންނަށްވެސް މަޖާކުރެވޭނެ ގޮތަށް ކަމަށެވެ.

މިއެޕިސޯޑްގައި ކިމް އާއި ކޮއްކޮ ކްލޯއީ އެ ގެއަށް ޒިޔާރަތްކުރާ މަންޒަރުވެސް ދައްކަ އެވެ.

ކިމް އާއި ކާންޔޭ 2014 ވަނަ އަހަރު ހިޑްން ހިލްސް އިން 20 މިލިއަން ޑޮލަރަށް ގެއެއް ގަނެފައި ވެއެވެ. މިއީ ކިމް އާއި އެ ދެމީހުންގެ ހަތަރު ދަރިން އުޅެމުން އަންނަ ގެއެވެ. މި ގެއަށް ގެނެސްފައިވާ ބަދަލުތަކާއެކު ކިމްގެ މަންމަ ބުނީ މި ގޭގެ އަގަކީ މިހާރު 60 މިލިއަން ޑޮލަރު ކަމަށެވެ. މިގެއަކީ ކާންޔޭގެ ގެއާ ކައިރީގައިވާ ގެއެކެވެ.

ކިމް އާ ގާތް މަސްދަރެއް ބުނިގޮތުގައި ހިޑްން ހިލްސްގެ ގެ ވިއްކުމުގެ ހިޔާލެއް ކިމްގެ އަދި ނެތް ކަމަށެވެ.