ރިޔާސީ އިންތިހާބު 2023

ޕާޓީތަކުން ކެމްޕޭން ހަރަކާތްތައް ފުޅާކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީ ތަކުން ކެމްޕޭން ހަރަކާތްތައް ފުޅާކޮށްފި އެވެ.

ޕާޓީތަކުގެ ރިޔާސީ ކެމްޕޭނަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން މިއަދު އެންމެ ފުޅާކޮށް ކުރިއަށް ގެންދިޔައީ މާލޭގެ މާފަންނު މެދު ދާއިރާ ގައެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު މާފަންނު މެދު ދާއިރާގައި ކުރިއަށް ގެންދިޔައީ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެކެވެ. މިހަރަކާތުގައި އިސްކޮށް ހުންނެވީ ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ ދީދީ އެވެ.

މީގެއިތުރުން ރައީސް ސޯލިހްގެ ކެމްޕޭން ޓީމުތަކެއް ގެންދަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ހަރަކާތްތެރިވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތަކަށް ބަލާއިރު ގާސިމްގެ ކެމްޕޭން ޓީމެއް ގެންދަނީ ހއ، ހދ، ރ އަދި ބ. އަތޮޅުގައި ހަރަކާތެރިވަމުންނެވެ. ލ. އަތޮޅާއި މާލޭގައި ވެސް ގާސިމްގެ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ކެމްޕޭން ޓީމުތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދޮރުންދޮރަށް ހިނގަމުންދާއިރު އެ ޕާޓީގެ ކެމްޕޭން ޓީމުތަކެއް ހއ. ހދ. އަދި ށ. އަތޮޅުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ނ. ރ. ބ. އަދި ޅ. އަތޮޅުގައި ވެސް ޕީޕީއެމްގެ ކެމްޕޭން ފެށުމަށް ވަނީ ނިންމާފަ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު މިރޭ ހުންނެވީ ހދ. ކުޅުދުއްފުށީ ގައެވެ. ނާޒިމު ބައިވެރިވާ ބޮޑު ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. ނާޒިމު ބާއްވާ މި ޖަލްސާގައި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ޕްލޭންތަކާއި ނާޒިމުގެ ހާރިޖީ ސިޔާސަތާއި ދިޕާއީ ސިޔާސަތާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.

އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" އިން މިއަދު ބުނީ މާލެއާއި އަތޮޅު ތެރޭގައި އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައްވެސް އެކި ސިފަސިފައިގައި ކުރިއަށްދާ ކަމަށެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓޭއް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނި ނަމަވެސް އަދި ކެންޑިޑޭޓެއް ނުދައްކަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.