މުހައްމަދު ނާޒިމް

ބޮޑުތިލަދުންމައްޗަކީ ދެކުނު އޭޝިއާއަށް މުހިންމު ސަރަހައްދެއް: ނާޒިމު

ބޮޑު ތިލަދުންމައްޗަކީ މުޅި ދެކުނު އޭޝިއާއަށްވެސް ވަރަށް މުހިންމު ސަރަހައްދެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ ރަނގަޅު ޕްލޭނަކާއެކު ތަރައްގީ ކުރެވިއްޖެނަމަ ރާއްޖޭގެ ތަރައްގީގެ ނާރެހެއްގެ ގޮތުގައި ހިމެނިގެންދާނެ ހަމައެކަނި އަތޮޅަކީ ބޮޑުތިލަދުންމަތި ކަމަށެވެ.

"އިހަވަންދިއްޕޮޅު މިތާ ކައިރީގައި މި އޮތީ. ސެވަން އެންޑް ހާފް ޑިގްރީ. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރި 60 ޕަސަންޓަށްވުރެ ގިނައިން މުދާ ދަތުރުކުރަނީ މި މަގުން. އަދި ދުނިޔޭގެ އެހެނިހެން ވިޔަފާރިތަކުގެ 30 ޕަސަންޓްވެސް ދަތުރުކުރަމުންދަނީ މި ދާއިރާގެ ތެރޭގައި،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ޗައިނާ އެކުލަވާލި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައިވެސް ބޮޑުތިލަދުންމަތި ހިމެނޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި މާލީ ތަނަވަސްކަމަށް ބޮޑުތިލަދުންމައްޗަކީ މުހިންމު އަތޮޅެއް ކަމަށެވެ.

އެމްއެންޕީގެ ވެރިކަމުގައި ބޮޑުތިލަދުންމައްޗަށް ކޮށްފައިވާ ތަރައްގީގެ ޕްލޭންތައް ރޭގެ ޖަލްސާގައި ވަނީ ހާމަކޮށްފަ އެވެ.

އޭގެ ތެރޭގައި ކުޅުދުއްފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ތަރައްގީކޮށް ކޮލެޖު ދަނާލާއެކު ހުޅުވުމާއި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބޮޑެތި ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓްތައް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން އެމްއެންޕީގެ ވެރިކަމެއްގައި ހއ. ދިއްދޫ ހޮސްޕިޓަލް ޓާޝަރީކޮށް ހއ. އުލިގަމުގައި ޔޮޓްމެރީނާއެއް ތަރައްގީކޮށް ހއ. އިހަވަންދޫގައި މަސްވެރި އެރީނާއެއް ތަރައްގީކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.