ދުނިޔެ

ޔުކްރޭނަށް "ކްލަސްޓަ މިއުނިޝަންސް" ފޮނުވާނެ: ވައިޓް ހައުސް

ރަޝިއާއާ ދެކޮޅަށް ހަނގުރާމާގައި ބޭނުންކުރުމަށް ކްލަސްޓަ މިއުނިޝަންސް ނުވަތަ ކްލަސްޓަ ބޮން ޔުކްރޭނަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ބުނެފި އެވެ.

"ކްލަސްޓަ މިއުނިޝަންސް"، "ކްލަސްޓާ ވެޕަންސް" އަދި ކްލަސްޓަ ބޮމަކީ ވެސް ދާދި އެކައްޗެކެވެ. ތަފާތު ނަންނަމުން ނަންދެވިފައި އޮތް ނަމަވެސް މި ބާވަތުގެ އެއްވެސް ހަތިޔާރެއް ބޭނުންކުރުމަކީ މަނާ ކަމެކެވެ. މިކަމަށް ދެކޮޅު ހަދާ ގައުމުތައް 100 އަށް ވުރެ ގިނަ އެވެ.

ކްލަސްޓަ ބޮން އެންމެ ފުރަތަމަ ބޭނުންކުރީ ދެވަނަ ބޮޑު ހަނގުރާމާއިގެ ދުވަސްވަރު އެވެ. ވިއެޓްނާމް ހަނގުރާމާގައި އަދި އެއަށް ފަހު 2003 – 2006 ގައި އެެމެރިކާ ސިފައިން އީރާގުގައި ކުރި ހަނގުރާމާގައިވެސް މި ބާވަތުގެ ހަތިޔާރު ބޭނުންކުރި އެވެ.

އެމެރިކާ ސިފައިން ކްލަސްޓަ މިއުނިޝަން ބޭނުންކުރުން ހުއްޓާލީ 2016 ގައެވެ. މިއީ އެމެރިކާއިން އެއްބަސްވެފައި އޮތް ގޮތެވެ. އެހެންނަމަވެސް އެ މީހުންނަށް ބޭނުންކުރަން ފެނިއްޖެ ހިނދެއްގައި -- އެ މީހުން ބޭނުންވާ ބަޔަކާ ދެކޮޅަށް މި ބާވަތުގެ ހަތިޔާރު ބޭނުން ނުކުރާނެ ކަމަކަށް ސުލްހައަށް ލޯބިކުރާ ގައުމުތަކުން ނުނިންމަ އެވެ.

ކްލަސްޓަ މިއުނިޝަންސް ބޭނުންކުރުން މަނާވާ ސަބަބަކީ މި ބާވަތުގެ ހަތިޔާރުގެ ސަބަބުން ކަމާ ގުޅުމެއް ނެތް އާންމުންގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބުމެވެ.

ކްލަސްޓަ މިއުނިޝަން ނުވަތަ ކްލަސްޓަ ބޮމަކީ ހަނގުރާމަމަތީ މަތިންދާބޯޓަކުން ނުވަތަ ރޮކެޓް ލޯންޗަރަކުން ނުވަތަ މެޝިންބަޑީގެ އުންޑައެއް ގޮތަށް ފޮނުވާލެވޭ ހަތިޔާރެކެވެ. މި ބާވަތު ހަތިޔާރު އުފައްދާފައި ހުންނަނީ އޭގެ ތެރެއަށް އެތައް ސަތޭކަ ކުދި ބޮންތަކެއް ނުވަތަ ގޮވާ ތަކެތި ބާވަތްތަކެއް އަޅައި ބަންދުކޮށްފަ އެވެ.

މި ގޮތަށް ފޮނުވާލެވޭ އުންޑަ ނުވަތަ ރޮކެޓް ވައިގެ ތެރޭގައި ދަތުރުކުރަމުން ގޮސް ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިގެންދާ ގޮތަށް އޭގައި ހުރި ކުދި ބޮންތައް އޮއްސާލަ އެވެ. މިހެންކަމުން ވަރަށް ބޮޑު ސަރަހައްދަކަށް މި ބޮންތައް ފެތުރިގެން ދެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ދެ ގައުމުން ވެސް ކްލަސްޓަ މިއުނިޝަންސް މީގެ ކުރިން ވެސް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް، މިއީ އެމެރިކާ ފަދަ ޔުކްރޭނަށް މަދަދުވެރިވާ ގައުމަކުން ރަޝިއާއާ ދެކޮޅަށް މި ބާވަތުގެ ހަތިޔާރު ރަސްމީކޮށް ފޮނުވާ ފުރަތަމަ ފަހަރެވެ.

ޔުކްރޭނަށް ކްލަސްޓަ މިއުނިޝަންސް ފޮނުވުމާ ބެހޭ ގޮތުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު -- ޖޭކް ސުލިވާން ވިދާޅުވީ މިއީ ޔުކްރޭނަށް ކޮންމެހެން ވެސް ބޭނުންވާ ބާވަތުގެ ހަތިޔާރެއް ކަމަށެވެ.

ހަނގުރާމައިގެ މައިދާން ނޫން ތަނެއްގައި ކްލަސްޓަ މިއުނިޝަންސް ބޭނުން ނުކުރާނެ ކަމަށް ޔުކްރޭނުން ވައުދުވެފައިވާ ކަމަށްވެސް މުޝީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މި ބާވަތުގެ ހަތިޔާރުން ރަޝިއާގެ އެއްވެސް ތަނަކަށް ޔުކްރޭނުން ހަމަލާ ނުދޭނެ ކަމަށެވެ.

ޔުކްރޭނަށް ކްލަސްޓަ ބޮން ފޮނުވަނީ ވަރަށް ގިނަ ގައުމުތަކަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށްވެސް ސުލިވާން ވިދާޅުވި އެވެ.

ރަޝިއާއިން ޔުކްރޭން ހަނގުރާމާގައި ކްލާސްޓާ ބޮން ބޭނުންކުރާ ކަމަށް އެމެރިކާ ކުރިން ބުނެފައި އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ފަހު އެމެރިކާއިން މި ބާވަތުގެ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދެނީ ކީއްވެތޯ ސީއެންއެންގެ ފަރީދު ޒަކަރިއްޔާ -- އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދެންނެވުމުން ވިދާޅުވީ، ޔުކްރޭނަށް މިހާރު ބޭނުންވާ އެއްޗަކީ ހަތިޔާރު ކަމަށެވެ.

ޔުކްރޭނަށް ބޭނުންވާ ވަރަށް އެ ގައުމުގައި މިވަގުތު ހަތިޔާރު ނެތް ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. އަދި ކްލަސްޓަ ބޮން ބޭނުންކުރާނީ ހަނގުރާމައަށް ފުދޭ ވަރަށް އެ ގައުމަށް ހަތިޔާރު ފޮނުވެންދެން ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.