ދިވެހި ބަހުގެ އެކެޑަމީ

ދިވެހި ލިޔުންތެރިން ތެދުވެރިކަމާއެކު ލިޔުއްވުމަށް އެދިވަޑައިގެންފި

ދިވެހި ލިޔުންތެރިން ތެދުވެރިކަމާއެކު ލިޔުއްވުމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް އިލްތިމާސް ކުރައްވައިފި އެވެ.

މިއަދަކީ ދިވެހި ލިޔުންތެރިންގެ ދުވަހެވެ. މިދުވަސް ފާހަނގަ ކުރަނީ 1933 ވަނަ އަހަރު ނެރުނު "އަލްއިސްލާހް" މަޖައްލާ ނެރުނު ދުވަހާ ގުޅުވައިގެންނެވެ.

ދުވަހުގެ މުނާސަބަތުގައި ޑރ. އަޝްރަފް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މި ޒަމާނަކީ އޮންލައިންގެ ޒަމާން ކަމަށްވާތީ މިއީ ލިޔުންތެރިންގެ ފަންނިއްޔާތު ތަނަވަސް ޒަމާނެއް ކަމަށެވެ. އެހެންވެ މިއަދު އޮންލައިން ނޫސްތަކާއި މަޖައްލާތަކުގެ ނުފޫޒު ލިޔުންތެރިކަމަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"އަމިއްލަ ފޯނު މެދުވެރިކޮށް މިއިން ކޮންމެ ވަސީލަތެއްގައި ހުންނަ ލިޔުންތަކަށް ފަސޭހަކަމާއެކު ވާސިލުވެވެ އެވެ،" އަޝްރަފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިޔުންތެރިން ލިޔަންވާނީ ފިތުނައާއި ހަސަދައިން އެއްކިބާވެ ތިބެ ތެދުވެރިކަމާއެކުގައި އަދި ވަކި އަތަކަށް ބުރަނުވެ ކަމަށެވެ. އަދި ސިޔާސީ ކޯޅުންތަކަށާއި ހިޔާލުތަފާތުވާ ބޮޑެތި މައްސަލަތަކުގައި އިތުރަށް ހުޅުހިފޭ ގޮތަށް ލިޔުއްވާ ބޭފުޅުންނަށް ލިޔުންތެރިން ނުވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަބަދުވެސް ގައުމުގެ ހެވާއި ލާބައަށް އިސްކަންދެއްވަން ވާނެ އެވެ،" އަޝްރަފު ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ ދިވެހިންގެ ލިޔުންތައް ހުންނަންވާނީ ރީތި ދިވެހި ބަހުން ކަމަށާއި ބަހުގެ ހަމަތަކާއި ނަލަކަން ލިޔުންތަކުން ފެންނަން ވާނެ ކަމަށެވެ. އެކަމަކު މިހާރަކަށް އައިސް ލިޔުންތެރިންގެ ފަރާތުން އެކަން ނުފަންނާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އަޝްރަފުގެ ވާހަކަފުޅުގައި ދިވެހި ގައުމުގެ ކަންކަމުގައި މަގު ދައްކައިދޭ ބައެއްގެ ގޮތުގައި ލިޔުންތެރީން ވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ދުވަހުގެ މުނާސަބަތުގައި އަޝްރަފް ވަނީ ދިވެހި ލިޔުންތެރިންގެ އަގުވަޒަން ކުރައްވާ މަސައްކަތްތަކަށް ހިތްވަރުވެސް ދެއްވާފަ އެވެ.