ކޮންމެ ލިޔުންތެރިޔަކީވެސް ޒިންމާދާރު ލިޔުންތެރިޔަކަށް ވުމަށް ލިޔުންތެރިންގެ ގުޅުމުގެ ރައީސް އައްބާސް އިބްރާހިމް އެދިވަޑައިގެންފި އެވެ.
މިއަހަރު ފާހަގަކުރާ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބެއްގައި އައްބާސް ވިދާޅުވީ މިއަހަރު ލިޔުންތެރިންގެ ދުވަސް ފާހަގަކުރެވިގެން މިދަނީ ދިވެހި ބަހުގެ އެކެޑަމީއާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި ލިޔުންތެރިންގެ ގުޅުން ގުޅިގެން ކަމަށެވެ. ލިޔުންތެރިންގެ ދުވަސް ފާހަގަކުރެވިގެން ދިއުމަކީ ރާއްޖޭގެ ލިޔުންތެރިންގެ މުސްތަގުބަލަށް ފާގަތި އުއްމީދުތަކެއް ކުރެވިގެންދާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
މިއަހަރުގެ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “މުޖުތަމައުގެ މަސްލަހަތު – ލިޔުންތެރިންގެ މަސްއޫލިއްޔަތު” މިއެވެ.
ދުވަހުގެ ޝިއާރާ ގުޅޭގޮތުން އައްބާސް ވިދާޅުވީ މުޖުތަމައަށްޓަކައި ލިޔުންތެރިން އަދާކުރަންޖެހޭ ދައުރުގެ މުހިއްމުކަން މިއަހަރުގެ ޝިއާރުން ހާމަކޮށްދޭ ކަމަށެވެ.
އައްބާސް ވިދާޅުވީ ކޮންމެ ލިޔުންތެރިޔަކު ވެސް މުޖުތަމައަށް ދޫކޮށްލާ ކޮންމެ ލިޔުމަކީވެސް އެހެން މީހުންނަށް ފައިދާކުރާ އަދި އިތުބާރު ހިފޭ ލިޔުމެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ކޮންމެ ލިޔުންތެރިޔަކު ވެސް ބަހުގެ ހަމަތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، މުޖުތަމައުގެ އަހްލާގީ މިންގަނޑަށް އިހްތިރާމުކޮށް، ލިޔުންތަކުން ބަހުގެ ރީތި ކަމާއި މުއްސަނދިކަން އަދި ފަށުވިކަން ގެނެސްދޭ ލިޔުންތުއް ލިޔުމަށްވެސް އެދިވަޑައިގެންނެވި އެވެ.
"ލިޔުންތެރިން ވާންވާނީ އެމީހުންގެ ލިޔުންތަކުން ކިޔުންތެރީންގެ ޝައުގާއި ޛައުގު ދިރުވާ ބައެއް ކަމުގައެވެ. މުޖުތަމައުގެ މަސްލަހަތަށްޓަކަ އެވެ" އައްބާސް ވިދާޅުވި އެވެ.
ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ ކުރީގެ ރައީސް އައްބާސް ވިދާޅުވީ މިޒަމާނަކީ ހަލުވިކަމާއެކު ހަބަރުތަކާއި ހިޔާލުތަކާއި ނޫސްލިޔުންތައް މީސްމީޑިއާ މެދުވެރިކޮށް އާންމުކުރުމުގެ ފުރުސަތުތައް ހުޅުވިފައިވާ ޒަމާނެއް ކަމަށެވެ. އެކަމަކު ކިތަންމެ އަވަހަށް ލިޔުމެއް އާންމުކުރަން ޖެހުނު ނަމަވެސް އެލިޔުމަކީ ބަހުގެ ހަމަތަކާއި ގަވާއިދުތަކާ އެއްގޮތަށް ލިޔެފައިވާ ލިޔުމަކަށް ހަދަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
"ސަބަބަކީ އޭގެފަހުން އެތައް ބަޔަކަށް އަދި އެތައް ޒަމާނަކަށް އެލިޔުން ފެންނަން އޮންނާތީވެ އެވެ." ކުރިން މަޖިލިސް މެންބަރުކަމާއި ވަޒީރުކަންވެސް ކުރައްވާފައިވާ އައްބާސް ވިދާޅުވި އެވެ.