ފިނިޕޭޖް

ޗެޑް މައިކަލް މަރޭއަށް ތިންވަނަ ދަރިއަކު ލިބެނީ

އެކްޓާ ޗެޑް މައިކަލް މަރޭ އާއި އަންހެނުން ސޭރާ ރޯމާ އަށް ތިންވަނަ ދަރިއަކު ލިބެނީ އެވެ.

ޗެޑް، 41، މި ހަބަރު ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އިންސްތަގްރާމް ޕޯސްޓެއް ގައެވެ.

މި ޕޯސްޓްގައި ސޭރާ، 38، ހެވިފައި، ވިހާ ދުވަސް ކައިރިވެފައިވާހެން ހީފައި ބަނޑު ފެންނަން ހުއްޓެވެ. މި ފޮޓޯ ނުސާފުވެ، ކޮލިޓީ އެހާ މޮޅު ނޫންކަން ފާހަގަކޮށް ޗެޑް ބުނީ އެއީ އޭނާގެ އައިފޯން 8 އިން ނަގާފައިވާ ފޮޓޯއެއް ކަމަށާއި އެއީ ބަޓަންއެއް ހުރި އެންމެ ފަހު އައިފޯނުކަމުން އެ ފޯނު ދޫކޮށްލެވެން ނެތް ކަމަށެވެ.

ޗެޑްގެ ޕޯސްޓްގައި ލިބެންއުޅީ ތިންވަނަ ދަރިފުޅުކަން ހާމަކޮށްފައިވާއިރު، އެ ދަރިފުޅުގެ ޖިންސް ހާމަކޮށްފައެއް ނުވެ އެވެ.

"ވަން ޓްރީ ހިލް" އާއި "އަ ސިންދަރެއްލާ ސްޓޯރީ" އިން މަޝްހޫރުވި ޗެޑް މައިކަލް މަރޭ އާއި "ޑިސްޓާބިއާ" އެކްޓްރެސް ސޭރާ ރޯމާ ދިމާވީ "ޗޯސަން" ސީރީޒްއިންނެވެ.

މި ދެ ތަރިން 2014 ގައި ލޯބީގެ ގޮތުން ގުޅުމަށްފަހު ކައިވެނިކޮށްފައިވަނީ ޖެނުވަރީ 2015 ގައެވެ. އަދި އެ އަހަރުގެ ފަހުކޮޅު ފުރަތަމަ ކުއްޖާ (ފިރިހެން) ލިބިފައިވާއިރު، 2017 ގައި ދެވަނަ ކުއްޖާ (އަންހެން) ލިބިފައިވެއެވެ. މިއީ ޗެޑްގެ ދެވަނަ ކައިވެންޏެވެ.