ފިނިޕޭޖް

ކްރިސްޓޮފާ ނޯލަންގެ އާ ފިލްމަކީ "އޯޕަންހައިމާ"

ކްރިސްޓޮފާ ނޯލަން އަކީ ބޮޑު އާމްދަނީ ލިބޭ ފިލްމުތައް ހަދާފައިވާ މޮޅު އަދި ކާމިޔާބު ޑައިރެކްޓަރު، ޕްރޮޑިއުސަރެކެވެ.

ކްރިސްޓޮފާ އަކީ ތަފާތު ސްޓައިލަކަށް ފިލްމް ހެދުމުގެ އިތުރުން ހުސް ކޮންޕިއުޓާ ޖެނެރޭޓަޑް ގްރެފިކްސް (ސީޖިއައި) ބޭނުންކުރުމުގެ ބަދަލުގައި އަމަލީ ސްޓަންޓްތަކާއި ޕްރޮޕްސް އަދި އިފެކްޓްސް ބޭނުންކުރުމަށް ލޯބިކުރާ މީހެކެވެ. މިފަދަ މަންޒަރުތައް ޝޫޓްކުރުމަށްފަހު ސީޖީއައިގެ އެހީގައި ބޮޑު އަސަރެއް ގެނެވުމަށް އެންހޭންސް ކުރެ އެވެ.

އޭނާގެ ފިލްމުތަކުގެ ތެރޭގައި "މެމެންޓޯ"، "އިންސޮމްނިއާ"، "އިންސެޕްޝަން"، "ޑަންކާކް"، އިންޓަސެލާ"، "ޑާކް ނައިޓް" ޓްރިލޮޖީ ފަދަ މޮޅެތި ފިލްމު ހިމެނެ އެވެ.

ނޯލަން ދެން ނެރުމަށް ތައްޔާރުވަނީވެސް ބެލުންތެރިން ކެތްމަދުވެފައިވާ ފިލްމެއް ކަމަށްވާ "އޯޕަންހައިމާ" އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

"އޯޕަންހައިމާ" ބިނާކޮށްފައިވަނީ ކައި ބާޑް އާއި މާޓިން ޖޭ ޝާވިން 2005 ގައި ނެރުނު ފޮތް "އެމެރިކަން ޕްރޮމީތިއަސް" އަށެވެ.

މި ފިލްމުގެ ސްކްރިޕްޓް ލިޔެ ޑައިރެކްޓްކުރުމުގެ އިތުރުން ނޯލަން މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާގެ އަންހެނުން އެމާ ތޯމަސްއާ އެކުގައެވެ.

މި ފިލްމަކީ ބައޮގްރަފިކަލް ތްރިލާ އެކެވެ. އަދި ފިލްމުގެ މައި ކެރެކްޓާ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ލޮސް އެލާމޮސް ލެބޯރެޓަރީގެ ޑައިރެކްޓާ، ތިއޮރެޓިކަލް ފިޒިސިސްޓް ޖޭ. ރޮބަޓް އޯޕަންހައިމާ އެވެ.

އޭނާއަކީ ނިއުކްލިއާ ހަތިޔާރާ ބެހޭ ރިސާޗް ހަދާ އެ ހަތިޔާރު ތަރައްގީކުރި މޭންހެޓަން ޕްރޮޖެކްޓްގައި ބޮޑު ރޯލެއް އަދާކުރި މީހެކެވެ. އެހެންކަމުން މީނާއަށް "އެޓޮމިކް ބޮމްބްގެ ބައްޕަ" ވެސް ކިޔަ އެވެ.

ނޯލަންގެ ސްޓައިލަށް މި ފިލްމަށް ނިއުކްލިއާ ހަތިޔާރު ގޮއްވާލާ މަންޒަރު ދެއްކުމަށްވެސް ނޯލަން ވަނީ ސީޖިއައިގެ ބަދަލުގައި ގެސޮލީން އާއި ޕްރޯޕޭން ބޭނުންކޮށްގެން ގޮއްވާލައި، އެލުމިނިއަމް ޕައުޑަރާއި މެގްނީޒިއަމް ބޭނުންކޮށް ދެލޯ ގޮވާފަދަ ފްލޭޝްއިފެކްޓް އުފައްދާފަ އެވެ. މި ފިލްމްގެ ބަޖެޓަކީ 100 މިލިއަން ޑޮލަރެވެ.

މި ފިލްމުގައި އޯޕަންހައިމާގެ ރޯލް އަދާކުރަނީ ކިލިއަން މާފީ އެވެ. މީގެ އިތުރުން މި ފިލްމުގައި އެމިލީ ބްލަންޓް، ރޮބަޓް ޑައުނީ ޖޫނިއާ، މެޓް ޑޭމަން، ފްލޮރެންސް ފިއު، ރަމީ މަލެކް، ކޭސީ އެފްލެކް ފަދަ އެތައް ތަރިން ހިމެނެ އެވެ.

ބޮކްސް އޮފީހުގައި މި ފިލްމާ އެންމެ ބޮޑަށް ވާދަކުރާނީ "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 1" އެވެ. މީގެ އިތުރުން މި މަހު ނެރޭ "ބާބީ" އަކީވެސް ގިނަ ބެލުންތެރިން ކެތްމަދުވެފައިވާ ފިލްމެކެވެ.