ރައީސް އޮފީސް

ހީނާ ސަލީމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ސްޕޯޓްސް -- ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އައްޔަންކުރައްވައިފި އެވެ.

ހީނާ މި މަގާމަށް އައްޔަންކުރި ވަކި ދުވަހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ހީނާގެ ނަމާއި ފޮޓޯ ހިމަނާފައިވެ އެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ހީނާ އަހްމަދު ސަލީމަކީ މިސަރުކާރުގައި ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން ހަތަރު އަހަރުގެ ދައުރަކަށް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ހީނާ އައްޔަންކުރެއްވީ މެއި 22، 2019 ގައެވެ. އޭނާގެ މި މަގާމުގެ ދައުރު ހަމަވީ މިއަަހަރުގެ މެއި 22 ވަނަ ދުވަހު އެވެ.

ހީނާ ސަލީމުގެ އިތުރުން އިތުރު ދެ ބޭފުޅަކު ވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވަ އެވެ. މީގެތެރޭގައި ހިމެނެނީ ހުސައިން އިސްމާއީލް އާއި މުހައްމަދު ނާސިހް ރަޝީދު އެވެ.