ފާތުމަތު ދީމާ

ދީމާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

Apr 18, 2021

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ އަށްވަނައިގައި ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ރޭންކް ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދީމާ ހޯއްދެވި އާދަޔާ ހިލާފު ކާމިޔާބީއާއި ގުޅިގެން ރައީސް ސޯލިހް މަރުހަބާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ވަގުތެއްގައި ދީމާ އާއި އޭނާގެ މައިންބަފައިނަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހްގެ ފޯން ކޯލާއި ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ ކުޅިވަރުގެ ތަރައްގީއަށް ރައީސް ސޯލިހް ދެއްވަވާ ހިފެހެއްޓުމެއް ނެތް ހިތްވަރު ފާހަގަކުރައްވާފަ އެވެ.

އުމުރުން 13 އަހަރުގެ ދީމާ ރޭންކު ކޮށްފައި ވަނީ ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބަައިގަ އެވެ. ދީމާ އަށްވަނާގައި ރޭންކު ކޮށްފައިވަނީ 1028 ޕޮއިންޓާއެކުގަ އެވެ.

ރޭންކިންގައި ގަދަ 10 އެއްގައި ހިމެނެނީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެއީ ދިމާގެ އިތުރުން އިންޑިއާގެ ކުޅުންތެރިއެކެވެ. އިންޑިއާގެ ސުހާނާ އޮތީ ދީމާއަށް އެއް ރޭންކު ކުރީގައި ހަތްވަނައިގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދީ ދީމާ ވަނީ ރާއްޖޭގެ ތާރިހުން ހާއްސަ މަގާމެއް ހޯދާފަ އެވެ. ޓީޓީގެ ގައުމީ މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ މިދިޔަ އަހަރުގެ ޗެމަޕިއަނަކީ ވެސް ދީމާ އެވެ. މިއީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދި ދެވަނަ އަހަރެވެ.