ދުނިޔެ

އާންމުގެ ކިތަންމެ ބަޔަކު މަރުވިޔަސް، ރަޝިއާ ބަލިކުރަން ޖެހޭ: ޕެންޓަގަން

އެމެރިކާއިން ޔުކްރޭނަށް "ކްލަސްޓަ މިއުނިޝަންސް" ފޯރުކޮށްދެން ނިންމުމާ ގުޅިގެން މުޅި ދުނިޔެ މިހާރު އޮތީ ދެބައިވެފަ އެވެ.

މުޅި ސަރަހައްދަށް ފެތުރިގެންދާ ގޮތަށް މަތިން އޮއްސާލެވޭ ބޮން ފީންޏެއްގެ ސަބަބުން -- ކަމާ ގުޅުމެއް ނެތް އާންމުގެ އެތައް ހާސް ބަޔަކު މަރުވެގެން ދިއުމަކީ، މި ބާވަތުގެ ހަތިޔާރު ބޭނުންކުރުން މަނާކޮށްފައި އޮތް އެންމެ ބޮޑު ސަބަބެވެ.

އެހެން ނަމަވެސް، އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ބުނަނީ އާންމުންގެ ކިތަން ގިނަ ބަޔަކު މަރުވި ނަމަވެސް، ރަޝިއާއަށް ހަނގުރާމަ ކާމިޔާބުކުރެވޭ ތަން ބަލަން ތިބެން ކެތެއް ނުވާނެ ކަމަށެވެ.

އެމެރިކާގެ ދިފާއީ ސިޔާސަތާ ބެހޭ ގޮތުން ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ކޮލިން ކާލް ވަނީ -- ޔުކްރޭނަށް ކްލަސްޓަ ބޮން ފޯރުކޮށްދިނުމަށް ވައިޓް ހައުސްއިން ނިންމި ނިންމުން ދިފާއުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އެމެރިކާއަށް އޮތް އެންމެ ބޮޑު ހިތާމަ އަކީ ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް ކާމިޔާބުވުން ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކާ އެކުވެސް، ރަޝިއާ ބަލިކުރުން ވޭނަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްލްސްޓަ މިއުނިޝަންސް ނުވަތަ ކްލަސްޓާ ބޮމަކީ ގަނޑުކޮށް ފޮނުވާލެވޭ ގޮވާ ތަކެއްޗަށް ކިޔާ ނަމެކެވެ.

އެއް އުޅަނދެއްގައި -- ރޮކެޓެއް ނުވަތަ މެޝިން ބަޑީގެ ބިޔަ އުންޑައެއް ފަދަ އެއްޗެއްގައި އެތައް ސަތޭކަ ކުދި ބޮންތަކެއް ހަރުކޮށް ފޮނުވާލުމުން -- އެ އެއްޗެއް ދަތުރުކޮށް ދަމުން މަތީގައި އޮވެ ވަރަށް ބޮޑު ސަރަހައްދަކަށް ކުދި ބޮންތައް ބުރުއްސާލަ އެވެ.

އަދި މި ގޮތުން ބުރައިގެންދާ ބޮންތައް މަދަނީ ސަރަހައްދުތަކަށް ފައިބައި އާންމުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިިބިފަ އެވެ.

އެމެރިކާ ސިފައިން ކްލަސްޓަ ބޮން އެންމެ ފުރަތަމަ ބޭނުންކުރީ ދެވަނަ ބޮޑު ހަނގުރާމާއިގެ ދުވަސްވަރު އެވެ. ވިއެޓްނާމް ހަނގުރާމާގައި އަދި އެއަށް ފަހު 2003 – 2006 ގައި އެެމެރިކާ ސިފައިން އީރާގުގައި ކުރި ހަނގުރާމާގައިވެސް މި ބާވަތުގެ ހަތިޔާރު ބޭނުންކުރި އެވެ.

އެމެރިކާ ސިފައިން ކްލަސްޓަ މިއުނިޝަން ބޭނުންކުރުން ހުއްޓާލީ 2016 ގައެވެ. މިއީ އެމެރިކާއިން އެއްބަސްވެފައި އޮތް ގޮތެވެ. އެހެންނަމަވެސް އެ މީހުންނަށް ބޭނުންކުރަން ފެނިއްޖެ ހިނދެއްގައި -- އެ މީހުން ބޭނުންވާ ބަޔަކާ ދެކޮޅަށް މި ބާވަތުގެ ހަތިޔާރު ބޭނުން ނުކުރާނެ ކަމަކަށް ސުލްހައަށް ލޯބިކުރާ ގައުމުތަކުން ނުނިންމަ އެވެ.