ދުނިޔެ

ތާލިބާން ސަރުކާރުން އަފްޣާނިސްތާނުން ތެޔޮ ނަގަން ފަށައިފި

އަފްޣާނިސްތާންގެ ވެރިކަމަށް ގަދަބާރުން އަރާތިބި ތާލިބާނުން -- އެ ގައުމުގެ އުތުރު ސަރަހައްދަކުން ތެޔޮ ނަގަން ފަށައިފި ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ތާލިބާނުންގެ ކެބިނެޓްގެ ތެލާ ބެހޭ ވަޒީރު ޝައިޚް ޝަހާބުއްދީން ދިލަވާރު ވިދާޅުވި ގޮތުގައި ތެޔޮ ވަޅުތަކުން ތެޔޮ ނެގުމަށް ކުރާ މަސައްކަތްތަކަށް -- ފަންނީ އަދި އެ ނޫން މުވައްޒަވުން ވެސް އިތުރަށް ބޭނުންވެ އެވެ.

އަފްގާނިސްތާނުން ތެޔޮ ނަގަން ކުރާ މަސައްކަތްތަކުގެ ސަބަބުން ވަޒީފާ އިތުރުވެ އަދި އާ ވަޒީފާ އުފެއްދޭނެ ކަމަށްވެސް ތެލާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ޝަހާބުއްދީން ދިލަވާރު ވިދާޅުވީ އަފްޣާނިސްތާންގައި ތެޔޮވަޅު ހުރި ސަރަހައްދުތައް ފާހަގަކޮށް ތެޔޮ ނެގޭނެ އަދަދު ކަނޑައެޅުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މި މަސައްކަތްތަކަށް ފަންނީ މުވައްޒަފުން ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތާލިބާނުން އަފްޣާން ސަރުކާރާ 2021 ގައި ހަވާލުވުމަށްފަހު އެ ގައުމުން ތެޔޮ ނެގުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިގޮތުން ތާލިބާނުންނަށް އެހީތެރިވުމަށް ޕްރޮޖެކްޓްތައް ވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ.

ތާލިބާން ސަރުކާރުން މިދިޔަ އަހަރު ޗައިނާގެ ކުންފުނިތަކާ އެކު 25 އަހަރުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގެ ދަށުން އަމޫ ކޯރުގެ ސަރަހައްދުން ތެޔޮ ނެގުން ޗައިނާގެ ކުންފުނިތަކާ ހަވާލުކުރާނެ އެވެ.

ޗައިނާ، ތާލިބާން އެއްބަސްވުމުގައި ފުރަތަމަ އަހަރު ޗައިނާ ކުންފުނިތަކުން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ. މި އުސޫލުން ކުރިއަށް އޮތް ތިން އަހަރު އިންވެސްޓްމަންޓްތައް 540 މިލިއަން ޑޮލަރަށް އިތުރުކުރާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަފްޣާނިސްތާން އޮތީ ތެޔޮވަޅު ގިނަ ސަރަހައްދެއްގަ އެވެ. އަދި އަފްޣާނިސްތާނަކީ އެހެނިހެން މާއްދާތައް ގިނަ މުއްސަނދި ބިމެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ދެމެހެއްޓެނިވި ގޮތުގައި ބިމުގެ ވަސީލަތްތައް ބޭނުންކުރެވިއްޖެނަމަ އަފްޣާން އަކީ މުއްސަނދި އަދި ތަނަވަސް ބިމަކަށް ވާނެ ކަމަށް ދިރާސާކުރާ މީހުން ވެސް ބުނެ އެވެ.