ކުވޭތަށް އާ ވަލީއަހުދެއް އެ ގައުމުގެ އަމީރު ޝައިޚް މިޝްއަލް އަލްއަހްމަދު އަލްޖާބިރު އަލްސަބާހް އައްޔަން ކުރައްވައިފި އެވެ. އެ މަގާމަށް ކަނޑައެޅުއްވީ ޝައިޚް ސަބާހް އަލްޚާލިދު އައްސަބާހް އެވެ.
އަމީރަށްފަހު ގޮނޑި ވާރުތަކުރައްވާނެ ބޭފުޅެއްގެ ނަން އިއްވުމުގެ އިތުރުން މިކަމާ ގުޅުން ހުރި އެހެން އެއްވެސް މައުލޫމާތެއް އަމީރުގެ ފަރާތްޕުޅުން އާންމުކޮށްފައެއް ނުވެ އެވެ.
އަމީރު ޝައިޚް މިޝްއަލް، 83، ގެ މި ނިންމެވުމާ އެކު ކުވޭތުގެ އަމީރަކަށް ދެން ވެވަޑައިގަންނަވާނީ ޝައިޚް ޝައިޚް ސަބާހް ކަމަށް އެ ގައުމުގެ ރަސްމީ ހަބަރު އޭޖެންސީ ކުނާއިންވެސް ވަނީ ބުނެފަ އެވެ.
ޝައިޚް ސަބާހް، 71، ކުރިން އަދާކުރެއްވި މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ބޮޑުވަޒީރުކަމާއި ހާރީޖީ ވަޒީރުކަން ހިމެނެ އެވެ.
ކުވޭތު މިހާރު އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. މި ސަބަބާ ހެދި އަމީރު މިޝްއަލް ވަނީ މިދާކަށް ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސްވެސް އުވާލައްވާފަ އެވެ.
ކުވޭތަކީ ތެލުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައި އޮތް ގައުމެއް ނަމަވެސް ސަރުކާރު ހިންގުމުގައި ހުރި ސިފަތަކެއްގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންނަށް ލިބިދޭން ޖެހޭ މުސާރަ އަދި އިނާޔަތްތައް ހަމަޖެއްސަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ސަރުކާރުން ވެލްފެއާ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވެސް ދާހިލީ ހަމަނުޖެހުންތައް އިތުރުވެ ސިޔާސީ ގޮތުން ވަކި ދިމާއަކަށް ގައުމު ހިނގައިދާނެ ކަމަށް ބުނެވެ އެވެ.
ކުވޭތުގެ 4.2 މިލިއަން އާބާދީ އަކީ އެ ގައުމުގައި ހުރި ތެލުގެ މުއްސަނދިކަމާ އަޅާ ބަލާއިރު ހޭދަކުރަން ވަރަށް ކުޑަ އާބާދީއެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެ އެވެ. އެހެންކަމުން ގައުމުގެ އާންމު ހާލަތަށް ފައިސާގެ ތާށިކަން ފޯރައިގެން ނުވާނެ ކަމަށްވެސް މާހިރުން ބުނެ އެވެ.