ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބަށް މިނިކުންނަނީ އެންމެ ބޮޑު ކޯލިޝަނާ އެކު: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވަނީ އެންމެ ބޮޑު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕޭންގައި މިއަދު ށ. މަރޮށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ވަގުތު އެ ކޯލިޝަންގައި 77،700 ރެޖިސްޓާޑް މެމްބަރުން އެބަތިބި ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޯލިޝަން މެންބަރުންގެ އަދަދު 90،000 މެމްބަރުންނަށް އިތުރުކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަކަށް ނިކުންނަ އެންމެ މެމްބަރުން ގިނަ ކޯލިޝަން" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހަދާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ޖޭޕީއާއި އެމްއާރްއެމްގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދި މިހާތަނަށް ނިންމީ އަދާލަތު ޕާޓީ އެކަންޏެވެ. ކޯލިޝަން ހެދުމަށް ރައީސް ސޯލިހް، އެމްއާރްއެމްއަށް ފޮނުއްވި ދައުވަތުގެ ސިޓީއަށް އެ ޕާޓީން އަދި މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ. އެގޮތުން ޖޭޕީގެ ރިޔާސީ ޓިކެޓް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމުގެ ގޮތުން މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި އެމްޑީޕީގެ އިތުރުން ކޯލިޝަން ޕާޓީތަކުން ވަނީ ކެމްޕޭން ހަރަކާތްތައް ފަށާފަ އެވެ.