( 6 ޖުލައި 2023 އާ ގުޅޭ )
ކުއްލިއަކަށް ހަލުވި ހިނގުމުގައި ފައިސަލް ވާރޭގެ ތެރެއަށް ނުކުމެގެން އެ އައިގޮތަށް އަހަރެންގެ ކަންފަތްމަތީ ޖެހިއެވެ. ބުރާންތިވާގޮތްވެ އަހަރެން ވެއްޓުނީއެވެ. އެވަރުން ފައިސަލް މަޑެއްނުވިއެވެ. ވެލިގަނޑު މައްޗަށް އަހަރެން ވައްޓާލުމާއެކު އޭނާ އަހަރެންގެ މައްޗަށް ގަދަވެގަތީއެވެ. އަހަރެންގެ ގައިމައްޗަށް އަރާ އިނދެ ދެއަތުން އަހަރެންގެ ކަރުގައި ހިފީއެވެ. އަދި އޭނާގެ ދެ އަތްތިލަ ބާރުވަމުންދާކަމުގެ އިޙްސާސް އަހަރެންގެ ކަރަށް ކުރެވެމުންދިޔައެވެ.
"ފަ... ފައި..." ފައިސަލްއަށް ގޮވަން މަސައްކަތް ކުރީމެވެ. ނަމަވެސް ކަރަށް ބާރުވެފައި ހުރިވަރުން ވާހަކަދައްކަން ފަސޭހައެއްނުވިއެވެ. ވާރޭ ތިކިތަކުގެ ހަމަލާ ހުރަހެއްނެތި މޫނުގައި ޖެހެމުންދިޔައިރު އަހަރެން އޮތީ ލޯ ކުޑަކޮށްލައިގެންނެވެ. އަވަސްއަވަހަށް އެސްފިޔަތައް ތެޅުވިޔަސް ލޮލަށް ވާރޭ ފެނުގެ އަސަރުވަނީ ކޮށްފައެވެ. ފައިސަލްގެ މޫނު ރީތިކޮށް ފެންނަގޮތެއް ނުވިއެވެ. އެހެންވެ އެ މޫނުގައި އެވަގުތުވީ ކޮންކަހަލަ އަސަރެއްކަމެއް ދެނެގަންނާކަށް އަހަރެންނަށް ނޭނގުނެވެ. ވާހަކަ ނުދެއްކުނަސް ފައިސަލްގެ އަތުގައި ތަޅައިގަތީމެވެ. ވެލިގަނޑުމަތީ ހަރުފައެއްހެން ތެޅިފޮޅެން ފެށީމެވެ. ނޭވާލާން ދަތިވެ އަނގަހުޅުވެއެވެ. ނަމަވެސް ލައްޕާލެވެލީ ވާރޭގައި އަހަރެންގެ އަނގަޔަށް ފެންއެޅޭތީއެވެ. އޭރު ސަލާމަތަށް ކުރެވެން އޮތް ކަމެއް ކުރަމުންދިޔައީމެވެ. ފައިސަލްގެ އަތާއި މޭގައި ވަކި އެޅުނުކަން ވެސް އެނގެއެވެ. ކުއްލިއަކަށް ފައިސަލް އަހަރެންގެ ކަރުން ދޫކޮށްލިއެވެ. އޭނާ އަހަރެންނާ ދުރަށް ޖެހުނެވެ. ދެކަކޫ މައްޗަށް ތިރިވެ އިނދެ ބޮލުގައި ހިފަހައްޓާލާފައި ދެ އަތުގެ ތެރޭ މޫނު ފޮރުވާލިއެވެ. އަހަރެން އަވަހަށް ތެދުވި ގޮތަށް އޭނާއާ ދުރަށް ފިރުކައިގަތީމެވެ. އަދި ހަށިފުރާލި ދިގު ނޭވާއާއެކު ހިކިކޮށްޓެއް އެރިއެވެ. ނޭވާލާން ފަސޭހަވުމާއެކު އަހަރެން ކޮޅަށް ތެދުވީމެވެ. ފައިކޮޅުގައި ވާގިނެތް ކަހަލައެވެ. ނޫނީ އަހަރެންނަށް ލިބިފައިވާ ޝޮކުގެ އަސަރު ނުފިލަނީއެވެ. ލަސް ހިނގުމެއްގައި އަހަރެން އައިސް ހިޔާކޮށްފައި އޮތް ބަޔަށް ވަނީމެވެ. އޭރު ވެސް ފައިސަލް އެ އިން ގޮތަށް އިނެވެ. އަހަރެންނަށް އަހަރެންގެ އަމިއްލަ ހަރަކާތްތައް ދެނެގަންނަން ނޭނގުންއިރު ފައިސަލް އެފަދައިން ކަންތައް ކުރި ސަބަބެއް ވެސް ނުވިސްނުނެވެ.
އަބްދުލް ކުޑައެއް ހިފައިގެން ނުކުތެވެ. އޭނާ އަހަރެންނާއި ފައިސަލްއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އޭނާ ކުޑަ ހުޅުވާލައި ފައިސަލްގެ ކައިރިޔަށް ގޮސް ހުއްޓުނެވެ. ކޮންމެވެސް އެއްޗެކޭ އަބްދުލް ބުންޏެވެ. ފެނުނީ ފައިސަލް މަޑުމަޑުން ބޯހޫރާލިތަނެވެ. ދެން ހަމައެއާއެކު އޭނާ އާނއެކޭ ބުނާ ފަދައިން ބޯޖަހާލިއެވެ. ފައިސަލް ކޮޅަށް ތެދުވިއެވެ. އަބްދުލް ހިނގައިގަތީ ދޮރޯށިން ނުކުންނާށެވެ. ފައިސަލް އެނބުރި ބަލާލަންވާއިރަށް އަހަރެން ހަލުވިކޮށް އެތެރެއަށް ވަނީއެވެ.
އެނބުރި ކޮޓަރިއަށް އަހަރެން އައިސް ވަނީ އެކަންޏެވެ. ދޮރުތަޅުލާފައި އައިސް ތެތްހެދުން ބަދަލުކުރީމެވެ. ދެން އައިސް އެނދަށް އަރައި އިށީނެވެ. ކޮޓަރީގައިވި ހިމޭންކަން އަހަރެންގެ ހިތްބިރުގަންނަވާތީ ޓީވީ ހުޅުވީމެވެ. ހިންދީ ލަވަ ޗެނަލުން އެވަގުތު ވެސް ލަވައެއް އަންނަނީއެވެ. އަހަރެން ވަގުތުން ޗެނަލް ބަދަލުކޮށްލީމެވެ. ބޭރު ދުނިޔޭގެ ޚަބަރު ޗެނަލަކަށެވެ. ބާލީހެއް މޭގައި ބޮނޑިކޮށްލައިގެން ވިސްނަން އަހަރެން އިނީމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ފޯނު ނެގީމެވެ. އަހަރެންނަށް ނޭނގޭ ލަވައެއް އަހަރެންނަށް ކިއިދާނެބާއޭ ހިތާއި ޟަމީރާ ސުވާލުކުރެވުނެވެ. އަދި އަހަރެންގެ ހަނދާނުގައި ހުރި ލަވައިގެ ބަސްތައް ޖަހައިގެން ފޯނުން ހޯދަންފެށީމެވެ. ބޭނުންވީ އެފަދަ ލަވައެއް އޮވޭތޯ ބެލުމެވެ. ޔޫޓިއުބުން އަހަރެންނަށް ލަވަ ފެނި ބަލަން އިނީމެވެ. އަޖައިބެ އަންތަރީސްވިއެވެ. އެ ލަވަ އަހަރެންނަށް މި ފެނުނީ އަލަށެވެ. އެކަމަކު އަހަރެން މިރޭ ކީ އެ ލަވައެވެ. އަދި ނަށަމުންދިޔައީ އެ ލަވައިގައި ފެންނަ ބައެއް ހަރަކާތްތައް ނަކަލުކޮށްގެންނެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. މަޑުމަޑުން ފޯނު އެނދުމަތީ ބާއްވާލީ އަހަރެންގެ ބުއްދިއަށް މިރޭ އެވީ ކަންތައް ޤަބޫލުކުރާނޭ ގޮތެއް ނޭނގި އެ ވިސްނުމުގައި އިނދެއެވެ.
"އަހަރެންނަށް ނޭނގޭކަމެއް ކުރެވިދާނެތަ؟." އަހަރެންނަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
ކަނާއަތްތިލައިން ކަރުގައި ފިރުމާލީމެވެ. ދުވަހަކުވެސް މީހަކު އަހަރެންގެ ކަރުގައި ނުހިފައެވެ. އަދިވެސް ފައިސަލްގެ ދެއަތްތިލައިގެ އިޙްސާސް ކަރުގައި ހުރި ކަހަލައެވެ. އަހަރެން އެނދުން ފޭބީމެވެ. ރީތިވާ މޭޒު ކައިރިޔަށް އައިސް ލޯގަނޑު ބަލާލީމެވެ. ކަރުގައި ހިސާބެއްގެ ރަތްކަމެއް ހުއްޓެވެ. ނަމަވެސް ކޯމަތިން ފައިސަލް ޖެހި ހިސާބު ހުރީ ނިކަން ބޮޑަށް ރަތްވެ ދުޅަވާގޮތް ވެފައެވެ. ތަދުނުފިލާ ހުރިކަން އެނގުނީ މޫނުގައި އަތް ޖައްސާލެވުމުންނެވެ.
"ހާދަ ބާރަށޭ ޖެހީ. ފައިސަލް ރުޅިއައިސްގެންތަ އެވަރުކުރީ. އޭނާއަކީ އެހާ ރުޅިގަދަ މީހަކީތަ... އެކަމަކު ހިޔެއްނުވޭ. އަނެއްކާ އަހަރެންނަށް މިވާގޮތަށް ފައިސަލްއަށް ވެސް ގޮތްނޭނގޭ ކަންތައްތަކެއް ވަނީކީ ނޫންބާ."
ސިކުނޑީގައި އެތައް ސުވާލެއް ފުނިޖެހެމުން ދިޔައެވެ. މިވާގޮތެއް ހޯދާނޭ ގޮތެއް ވެސް އަހަރެންނަކަށް ނުވިސްނެއެވެ. އިތޫއާ ހުރިހާކަމެއް ޚިއްޞާ ކުރާ ފަދައިން މި ވާހަކަތައް ވެސް ކިޔާދޭންވީބާއޭ ހިތަށް އަރައެވެ. ގައިމު ވެސް އެ ގޮތް ނޭނގޭ ކަންތައްތަކަކީ މި ރަށަށް އައިފަހުން އަހަރެންނަށް ދިމާވާންފެށި ކަންކަމެވެ. ޚިޔާލުތަކުގައި އިންދާ ދޮރުގައި ޓަކި ޖަހާއަޑު އިވުނެވެ. ދޮރާ ދިމާއަށް ބަލާލާފައި ވެސް އަހަރެން މަޑުޖެހުނެވެ. ފޯނު ރިންގުވާންފެށިއެވެ. ގުޅަނީ ފައިސަލްއެވެ. ފޯނަށް ބަލާލާފައި އެނދުން ފައިބައިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ.
"ވަންނަންތަ؟." ދޮރުހުޅުވާލުމާއެކު ފައިސަލް އަހާލިއެވެ. އަހަރެން ބޯޖަހާލާފައި އެތެރެއަށް ވަނީއެވެ. ފައިސަލް ހިފަހައްޓައިގެން ހުރި ތަބަށް ގެނެސް އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ބެހެއްޓިއެވެ. އަހަރެން އައިސް ކުރީން އިންހެން އެނދަށް އަރައި ހެޑްބޯޑުގައި ލެނގިލައިފީމެވެ. މާނަވީ ބެލުމަކުން ފައިސަލް އަހަރެންނަށް ބަލާލިއެވެ. ދެން އެއްފައި އަރުވާލައިގެން އަހަރެންނާ ކުރިމަތިވާނޭހެން އެނދުގައި އިށީނދެއްޖެއެވެ.
"އަހަރެންނަށް މަޢާފުކުރާނަންތަ؟." ފައިސަލް އަހާލިއެވެ. އަހަރެން އޭނާއާ ނަޒަރު ސީދާކޮށްލީމެވެ. އޭނާ މަޑުމަޑުން އަހަރެންގެ ދުޅަކަން ހުރި ކޯތާފަތުގައި އަތްލިއެވެ. އެ ދެ ލޮލުން އަހަރެންނަށް ރުޅިވެރިކަމެއް އަދި ހަރުކަށިކަމެއް ވެސް ނުފެނެއެވެ. ކުރެވުނު ކަންތަކާ ނުހަނު ބޮޑަށް ފައިސަލް ދެރަވެފައިކަން އިނީ އޭނާގެ ކޮންމެ ހަރަކާތަކުން ދޭހަވެއެވެ. އަދި އޭނާއަށް ޖެހުނީ ބާރަށްކަން ޚުދު އޭނާއަށް އެނގޭކަން ދޭހަވަނީ ފައިސަލް ގެނައި ތަބަކުގެ ތެރެއިން އޭނާ ނެގި ގަޑުފެންއެޅި ތުވާލި ކޮޅުންނެވެ. އައިސްކިއުބް އަޅާފައިވާ އެ ކުޑަ ތުވާލިކޮޅު އަހަރެންގެ މޫނުގައި ދުޅަވެފައި ހުރި ހިސާބުގައި ފައިސަލް ޖައްސާލިއެވެ. ފިނިވެގެންނާއި ތަދުވެގެން އަހަރެންގެ އަނގައިން އަޑެއް ލައްވާލެވުނެވެ.
"ވަރަށް ތަދުވޭ ދޯ... އަހަރެން ގަސްދުގައި ކުރިކަމެއްނޫން." ފައިސަލް ވަރަށް ދެރަވެފައި ބުންޏެވެ.
"މަޢާފުކޮށްފިން. އެކަމަކު ބުނެބާ. ކީއްވެ ޖެހީ... އަހަރެންނަށް ނޭވާނުލެވޭވަރަށް ކަރުގައި ހިފައި ބާރުކޮށްލިއިރު މަރުވެދާނޭ ހިތަކަށް ނާރާތަ." އަހަރެން ވާހަކަދެއްކީ މަޑުންނެވެ.
"އެވަގުތު ރުޅިއައީ... ލަވަކިޔާ... ޚާއްޞަކޮށް ނަށާ މީހުންދެކެ އަހަރެން ވަރަށް ނަފުރަތުކުރަން. ރުޅި ނުހިފެއްޓުނީ... ކުރެވުނު ކަންތައް ރިއަލައިޒްވުމުން ވަރަށް ދެރަވި. އާނައަށް އަނިޔާ ކުރެވުނީމަ އެންމެ ދެރަވީ. އާނަ ބުނެބަލަ. ކީއްވެ ހަމަ ހުރެފައި އެ ލަވަ ކީ... ނަށާ އުޅޭ ކުއްޖެއްތަތީ." ފައިސަލް ވާހަކަދެއްކިއެވެ.
"ހަމަ ހިތަށްވަން ލަވައެއް އެއީ. މޫސުމާ ގުޅޭތީ ކަންނޭނގެ... އަހަރެން ވެސް ފައިސަލް ރުޅިއަރުވަން ކުރިކަމެއްނޫން." އަހަރެން ބުނީމެވެ. ފައިސަލްގެ ކައިރީ ތެދު ހާމަކުރާން އުނދަގުލީ ކީއްވެކަމެއް ނޭނގެއެވެ. ހިތަށް އަރާ ގޮތަކަށް އެއްވެސް ވާހަކައެއް ނުބުނެވެއެވެ. ފައިސަލްއާ ފުރަތަމަ ދިމާވިއިރު މިހެނެއްނުވެއެވެ.
"އަހަރެން މިއައީ ކާއެއްޗެހި ވެސް ހިފައިގެން. އާނަ ނުކައެއްނު ތިއިނީ. ނޫޑުލިސް ހަދައިގެން މިއައީ." ފައިސަލް ބުންޏެވެ. ކުކުޅުމަހާއި ތަރުކާރީ އަޅައިގެން ހަދާފައި ހުރި ނޫޑުލިސް ސޫޕު ބޯތަށި ތަބަކުން ނަގައި އަހަރެންގެ އަތަށް ފައިސަލް ލައިދިނެވެ. ދެއަތުން ހިފާލިއިރު ތަށީގައި ހޫނުކަމެއް ހުއްޓެވެ. އެހިސާބުން އަހަރެމެންގެ ދެމެދުގައި އިރުއޮއްސުނު ވަގުތު އެހިނގި ކަންތަކާ ގުޅޭ ވާހަކައެއް ނުދެކެވެއެވެ. ފައިސަލް ވެސް އިތުރަށް ސުވާލެއް ނުކުރާތީ އެވެ.
ފޯނުން ޓިކްޓޮކް ބަލަން އަހަރެން އޮތްއިރު ފައިސަލް އޮތީ ފުރަގަހުން އަހަރެންގެ ގައިގާ ބައްދާލައިގެންނެވެ. އެއްގަޑިބައިވާން ކައިރިވެފައި ވީއިރު އަހަރެންގެ ކައިރިޔަށް ނިދި އަންނަން ފަށައިފިއެވެ. ފޯނު ބޭއްވުމުން ނިދަނީތޯ ފައިސަލް އަހާލިއެވެ. އަހަރެން ހޫން ލައްވާލީއެވެ.
"ފައިސަލް ވެސް ނިދަން ދާންވީނު." ލޯ މަރާ ލާފައި ވެސް ވަގުތުން ހުޅުވާލަމުން އަހަރެން ފައިސަލްއާ ދިމާއަށް އެނބުރިލީމެވެ.
"އާނަ އެކަނިވާނެއެއްނު." ފައިސަލް ބުންޏެވެ.
"އަހަރެން އޯކޭ." ނިކަން އަވަހަށް އަހަރެން ބުނީމެވެ.
"ރޭގަ ވީ ކަހަލަ ކަމެއް..." ފައިސަލް ބުނަން އުޅެފައި ހުއްޓާލިއެވެ.
"އިރާދަކުރެއްވިއްޔާ ނުވާނެ. ފައިސަލްއަށް ވެސް އަރާމުވާނީ އަމިއްލަ އެނދުގައި އޮތީމައެއްނު." އަހަރެން ބުނީމެވެ. ކުއްލިއަކަށް ފައިސަލް ފޮނުވާލަން އަހަރެން ބޭނުންވީ ކީއްވެކަމެއް ނޭނގެއެވެ.
"އާނަ ކައިރީ އޮންނަންވީމަ އުނދަގޫވެގެން އަހަރެން އުޅުނިންތަ؟. އެކަމަކު ދެން ހިނގައިދާނަން." ފައިސަލް މިހެންބުނެ ތެދުވިއެވެ. އެނދުން ފައިބައިގެން ދޮރާ ދިމާއަށް ގޮސްފައި ހުއްޓުނެވެ.
"ޔަގީންތަ އާނައަށް... ހަމަ ދާންވީތަ." އަހަރެންނަށް ބަލަން ހުރެ ފައިސަލް އަހާލިއެވެ.
"އަބަދު އެއްކޮށް ނިދުން ވެސް ރަނގަޅެއްނުވާނެ." އަހަރެން ބުނީމެވެ. ފައިސަލް އެއްބަސްވުމުގެ ގޮތުން ހޫންއެއް ލައްވާލިއެވެ. އަހަރެން ކައިރީ ދޮރު ތަޅުލަން އަންނާށޭ ބުނެ އޭނާ ނުކުންނަން ހިނގައިގަތެވެ.
ދޮރުތަޅުލާފައި އައިސް އެނދުގައި ހަމަޖެހިލަންވީއިރު އަހަރެންގެ ދެ ލޯ މެރެން ފަށައިފިއެވެ. ފޯނު ނެގީ ޤުރުއާން ޖަހަން ހިތުލައިގެންނެވެ. ނަމަވެސް ފޯނު ހިފަހައްޓައިގެން އޮވެވުނީއެވެ. ގަދަ ނިންޖެއްގެ ތެރެއަށް އަހަރެން ގެނބިގެން ދިޔަ ކަހަލައެވެ. ގިނައިރެއްނުވެ އަހަރެންނަށް އިވެންފެށީ ބަޔަކު އެއްވެގެން އުޅޭ ކަހަލަ އަޑެކެވެ. އަނދިރިކަމުގެ ތެރެއިން އަހަރެން ކޮޅުކޮޅަށް އެނބުރެންފެށީ ތަނެއް ފެނޭތޯއެވެ. ލޯ މަތިން ކުލަކުލައިގެ ބޮކިތައް ދިއްލެންފެށިއެވެ. ކުއްލިއަކަށް އަލިވުމުން އަހަރެން ލޯމައްޗަށް އަތް ހުރަސްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އަހަރެންނަށް ހުރެވުނީ ފޯރިނަގަމުންދިޔަ ބައެއްގެ ތެރޭގައެވެ. ކުރިމަތިން ފެންނަނީ އިސްޓޭޖެކެވެ. މުޅި ހިސާބަށް އިސްޕީކަރުތަކުން އިވެމުންދިޔަ ލަވައިގެ އަޑު ގުގުމަމުން ދިޔައެވެ. އިސްޓޭޖުމަތީ އަންހެން ކުދީންގެ ގުރޫޕަކުން ލަވައިގެ ހަމައަށް ނަށަމުންދިޔައެވެ. ބައެއް ފަހަރު އެ ކުދީން ލައްވާލާ ބަނޑިތަކުން ކުޅި ބަލަން އެއްވެ ތިބި މީހުންގެ އަޑު ގަދަވެއެވެ. ބާއްވައިގެން އުޅޭ ޝޯއެއްގެ ކުޅިބަލަން އައިސް އަހަރެން ހުރި ކަހަލައެވެ. އަހަރެން އެމީހުން ތެރެއިން ނުކުންނަން ހިނގައިގަތީމެވެ. ހުވަފެނެއްކަމެއް ބުނާކަށް އޭރަކު ނޭނގެއެވެ. މީހުންތައް ކޮއްޕަމުން އަހަރެންނަށް ނުކުމެވުނުއިރު ހުރެވުނީ ގެސްޓްހައުސްގައި އަހަރެން ހުންނަ ކޮޓަރީގެ ތެރޭގައެވެ. ކޮޓަރިތެރޭގައި ރީތިވާ މޭޒުގެ ގޮނޑީގައި އިށީނދެ އަންހެންކުއްޖަކު އިންތަން ފެނުނެވެ. މެޔަށް ފިނިވެލީ ނުބައި ގޮތަކަށެވެ. އަހަރެންގެ ކޮޓަރީގައި މީހަކު ހުރުމުގެ އިތުރުން އެއީ އަންހެނަކަށްވީމައެވެ. އަހަރެންނަށް ހުރެވުނު ހިސާބުން ފެންނަނީ އޭނާގެ ފުރަގަހެވެ.
"ފެނިއްޖެތަ އޭނާގެ ގޮތް." އެ އަންހެން މީހާ ބުންޏެވެ. އޭނާ ބުނި އެއްޗެއް އަހަރެންނަށް ދޭހައެއްނުވިއެވެ.
"ތީ ކާކު." އަހަރެން އަހާލީމެވެ. އެއާއެކު އޭނާ ކޮޅަށް ތެދުވިއެވެ. ލާފައި ހުރި ހެދުން ފެނުމުން އަހަރެން ނިކަން ހައިރާންވިއެވެ. އެއްވެފައިތިބި މީހުންތަކުގެ ތެރެއިން އިސްޓޭޖުމަތިން ނަށަން ތިބި ކުދީން މަތިން ހަނދާންވިއެވެ. އޭނާ ލާފައި އެ ހުރީ އެ ކުދީން ލައިގެން ތިބި ކަހަލަ ހެދުމެކެވެ. އަހަރެން އަޖައިބުވެ ބަލަން ހުއްޓާ އޭނާ ގޮސް މަޑުކޮށްލީ ބެލްކަންޏަށް ނުކުމެގެން ހުރި ދޮރުކައިރީގައެވެ. ފަރުދާ އެއްފަރާތްކޮށްލާފައި އޭނާ ބޭރު ބަލާލިއެވެ. ދެން އަހަރެންނާ ކުރިމަތިވާނޭހެން އެނބުރިލިއެވެ. ލިބުނު ސިހުމުގައި އަހަރެންނަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ.
"ކަލޭތަ... މިތާ ކީއްކުރަނީ؟. ކިހިނެއް މިކޮޓަރިއަށް ވަނީ؟." އެއީ ކާކުކަން ފެނުމާއެކު އަހަރެން ކައިރިޔަށް ރުޅިއައެވެ.
"އާން. އަހަރެން. އަދިވެސް ނޭނގުނު ދޯ." އޭނާ ހުރީ ހިނިއައިސްފައެވެ.
"ފައިސަލްއާ އަޅައިގަނެގެންތަ ތިއުޅެނީ." އަހަރެންނަށް ބުނެވުނެވެ. އެއާއެކު އޭނާ ހޭންފެށިއެވެ.
"ކަލޭތީ ކާކުތަ؟. ކިހިނެއްވެގެންތަ ތިއުޅެނީ." އޭނާގެ ހުނުމުން އަހަރެންނަށް އުނދަގޫވިއެވެ. އިތުރަށް ރުޅިގަދަވާގޮތްވީއެވެ. އަހަރެންނަށް ޖެއްސުންކުރަނީއޭ ހީވާތީއެވެ.
"ފައިސަލްއާ އަޅައިގަނެގެންނޭ ވެސް ބުނެވިދާނެ. އެކަމަކު މިވަގުތު އަހަރެން މިއުޅެނީ އާނިޔާއާ އަޅައިގަނެގެން." އޭނާ ބުންޏެވެ.
އަހަރެންނަށް ދެބުމަ ގޮށްޖަހާލެވުނެވެ. އެއީ އަހަރެންނަށް ގެސްޓްހައުސް ކައިރިން ފެންނަ އަންހެންކުއްޖާއެވެ. އެއީ ހަމަ އޭނާއެވެ. އެ ސިފައާއި އިސްކޮޅާއި ރޫފައެވެ.
(ނުނިމޭ)