މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ލިބޭ މީހުންނާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލައިފި

ސަރުކާރުގެ ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ވަގުތީ ލިސްޓުގައި ޝަރުތުހަމަވެ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުން އެ ލިސްޓުގައި ހިމެނޭ "ގޯތި ލިބޭ" ކެޓަގަރީގައި ހިމެނޭ މީހުންނާ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވަގުތީ ލިސްޓުގައި ޝަރުތުހަމަވެ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންގެ ތެރެއިން އެ މީހަކާ ޖޮއިންޓްވުުމުގެ ތިމާގެކަމުގެ ގުޅުން އޮތް މީހުންނާ ޖޮއިންޓްވުމުގެ ފުރުސަތު ސަރުކާރުން މީގެ ކުރިން ހުޅުވާލި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންނަށް "ގޯތި ލިބޭ" ކެޓަގަރީގައި ހިމެނޭ މީހުންނަށް ޖޮއިންޓްވުމުގެ ފުުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މިގޮތުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާންއެދޭ މީހުން ފޮނުވާ ރިކްއެސްޓް އެ ސުންގަޑީގެ ކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓް އެ ރިކުއެސްޓް ޤަބޫލުކުރުމުން ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުން ދޫކުރަން އިއުލާނުކުރި 5،000 ގޯއްޗަށް އެދި 15،164 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓުންނާއި އެކި މީހުންނާ ގުޅިގެން ޖުމްލަ 23،088 މީހުން މީހުން ހިމެނޭއިރު ޝަރުތު ހަމަވަނީ 12،794 ފޯމު -- 19،857 މީހުންނެވެ.

މި މަޝްރޫއުގައި ދޫކުރާ 5،000 ގޯތި ލިބޭ 10،314 މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

ގުޅީފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ ބިންވެރިޔާ ސްކީމް ޕްރޮގްރާމުން ދޫކުރާ ގޯތިތައް މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.