ފިނިޕޭޖް

ޖޭމްސް ކެމަރަންގެ ކެލިފޯނިއާގައި ހުންނަ ރޭންޗް ވިއްކާލަނީ

ޖޭމްސް ކެމެރަން ކެލިފޯނިއާގައި ހުންނަ އޭނާގެ ބޮޑު ރޭންޗް 33 މިލިއަން ޑޮލަރަށް ވިއްކާލަން ލިސްޓްކޮށްފި އެވެ.

ގެވިއޯޓާގެ ހޮލިސްޓާ ރޭންޗް ގޭޓަޑް ކޮމިއުނިޓީގެ މޫދުކައިރީގައި ހުންނަ މި ރޭންޗްގައި 8،000 އަކަފޫޓުގެ ރޭންޗް ހައުސްއަކާއި، 2،000 އަކަފޫޓުގެ ގެސްޓްހައުސް އަކާއި، 24،000 އަކަފޫޓޫގެ ބާންއަކާއި، ހެލިޕޭޑެއް ހިމެނެ އެވެ. އަދި މި ހުރިހާ އިމާރާތެއް ހުންނަނީ 102 އޭކަރުގެ ކޮމްޕައުންޑެއް ގައެވެ.

ޖޭމްސް އާއި އަންހެނުން ސޫޒީ އޭމިސް ގިނައިން ދިރިއުޅެނީ ނިއު ޒީލޭންޑް ގައެވެ. މި ދެމަފިރިން މި ރޭންޗް ގަނެފައިވަނީ 1990ގެ އަހަރުތަކުގައި 4.3 މިލިއަން ޑޮލަރެށެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެ ރޭންޗް ރެނޮވޭޓްކޮށް، އެ ގެއަށް ބަދަލުތަކެއް ގެނެސްފައި ވެއެވެ. އަދި މި ރޭންޗްގެ މާކެޓް ވެލިއު ވަނީ 33 މިލިއަނަށް އުފުލިފަ އެވެ.

މި ރޭންޗުން ކަނޑު އަދި ފަރުބަދަތައްވެސް ފެންނާނެ އެވެ. ޖޭމްސް ބުނީ ކުރީގެ ވެރިފަރާތުން ރޭންޗް ހައުސްގައި ގިނައިން މާބަލް ބޭނުންކޮށްފައި ހުރި ކަމަށެވެ. އެހެންކަމުން މާބަލް މަދުކޮށް، ގޭގެ ތަޅުންގަނޑު ރޮކީ މައުންޓަން ކުއަޓްޒައިޓް އަދި ހާޑްވުޑް ފްލޯރިން އަށް ބަދަލުކުރި ކަމަށާއި "ހަވާއި ރިސޯޓް" ފަދަ އިހްސާސެއް ގެނެސްފައިވާ ކަމަށެވެ.

މި ރޭންޗުގައި ޖިމަކާއި މޫވީ ތިއެޓަރަކާއި ގޭމް ރޫމަކާއި ބޮޑު ޕޫލަކާއި ބޮޑު ބަގީޗާއެއް އެކުލެވިގެންވެއެވެ. މީގެ އިތުރުން ފެންވަޅުގެ ގޮތުގައި ދެ ވަޅާއި އިރިގޭޝަން ފެނާއި ސޯލާ އަދި ވިންޑް ޕަވާ ގާއިމުކޮށްފައި ވެއެވެ.