ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ އޮތީ "ދަ ޑިމޮކްރެޓްސް"ގެ ސިޔާސަތުގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ -- ހައުސް އޮފް ޑިމޮކްރެޓްސް ރަސްމީކޮށް ހުޅުވުމަށް މިރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޑިމޮކްރެޓުންގެ މައި ޖަގަހަ ހަދާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ އެމްޑީޕީގެ ކުރީގެ މައި ޖަގަހައިގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓުން ވަރަށް އަވަހަށް އެޕާޓީގެ ސިޔާސަތުތަކާ އެކު ރައްޔިތުންގެ ގާތަށް ދާނެ ކަމަށެވެ. ޑިމޮކްރެޓުންގެ ސިޔާސަތުތަކަކީ ރާއްޖެ ހައްލުކުރުމަށް ގެނެސްދޭނެ އެންމެ ފުރިހަމަ ސިޔާސަތުތައް ކަމުގައިވެސް ވިދާޅުވި އެވެ.
"އެ ސިޔާސަތުތަކަކީ މިއަދަށް ވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް،" އެމަނިކުފާނި ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދިވެހިން ޖުމްލަކޮށް މުޅި ރާއްޖެ އެދި ގޮވާ އަދި ބޭނުންވާ އެތައް ކަމެއް ފުއްދައިދިނުމުގެ ސިޔާސަތުތަކާއި ވިސްނުން އޮތީ ޑިމޮކްރެޓުންގެ އަތުގައި ކަމަށެވެ.

ނުސީދާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަގުސަދަކީ އެއްބަސްވުންތަކުގެ ތެރެއިން ހިޔާނާތްތެރިވުން ނޫން ކަމަށެވެ. ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެފަދަ މަގުސަދެއްގައި ކަންކަން ނުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ޑިމޮކްރެޓިކް ޕާޓީން ގެންނާނެ ސަރުކާރަކީ ރާއްޖޭގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާނެ ސަރުކާރެއް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ޑިމޮކްރެޓުންގެ ޖަލްސާގައި މިރޭ ވާހަކަދެއްކެވި ނަމަވެސް އެމަނިކުފާނު އެ ޕާޓީއަށް އަދި ސޮއިކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ޑިމޮކްރެޓުންނާ ގުޅިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޑިމޮކްރެޓުންގެ ހަރުގެ މިރޭ ރަސްމީކޮށް ހުޅުވުމާ އެކު އަދި ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އޮތް ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް މިރެއިން ފެށިގެން ރަސްމީކޮށް ކުރިއަށްދާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.