ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ފޯކައިދޫގައި ކުރިއަށް ގެންދަވާނެ މަޝްރޫއުތައް ރައީސް ހާމަކުރައްވައިފި އެވެ.
ފޯކައިދޫ އަކީ ރައީސް ސޯލިހްގެ ރިޔާސީ ދެވަނަ ދައުރެއްގެ ކެމްޕޭން ރަސްމީކޮށް ފެށި ރަށެވެ. އަދި ރައީސް ސޯލިހްގެ މިވެރިކަމުގައި ވަނީ ފޯކައިދޫއަށް ބޮޑު އިސްކަމެއް ދެއްވާ އެރަށުގެ ރައްޔިތުން އެންމެ ބޭނުންވި ކަންކަން ކޮށްދެއްވާފަ އެވެ. އެގޮތުން ފޯކައިދޫގައި މިސަރުކާރުން ފަށައިގެން ނިންމި ހަތަރު މަޝްރޫއެއް ރައީސް މިއަދު ފޯކައިދޫ އަށް ވަޑައިގެން ވަނީ އިފްތިތާހް ކޮށްދެއްވާފަ އެވެ.
"2018 ވަަނަ އަހަރު ފޯކައިދޫގެ ރައްޔިތުންނަށް ވި ވައުދުތައް ސަތޭކައިން ސަތޭކައަށް އިރާދަކުރެއްވިއްޔާ މިނިމުނީ،" ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ފޯކައިދޫގައި މިއަދު އިފްތިތާހު ކުރި މަޝްރޫއުތައް
- ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވުން
- ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ފެށުން
- ފުޓުބޯޅަދަނޑު ހުޅުވުން
- ބަނދަރު ހުޅުވުން
ރައީސް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ފޯކައިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
ފޯކައިދޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ފްލެޓް ނުވަތަ ރޯހައުސް ފޯކައިދޫގައި އަޅުއްވައިދެއްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ފޯކައިދޫއަށް މިއަދު އަންނަމުންދާ ތަރައްގީގެ ހަގީގީ ބާނީ އަކީ ފޯކައިދޫ ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު ކަމަށެވެ. ފޯކައިދޫއަށް ނިސްބަތްވާ ހުސައިން ވަނީ ކެންސަރު ބަލީގައި މިދިޔަ އަހަރު އަވަހާރަވެެފަ އެވެ.