ހއ. އަތޮޅު

ދިއްދޫގައި ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށްފި

ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ)ގެ ހިދުމަތްތައް ހއ. އަތޮޅުގައި ދިނުމަށްޓަކައި ހއ. ދިއްދޫގައި އެ އިދާރާގެ ޔުނިޓެއް ގާއިމުކޮށްފި އެވެ.

މިޔުނިޓް ގާއިމުކުރުމުގެ ރަސްމިއްޔާތުގައި މިޔުނިޓު ހުޅުއްވައިދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ.

މި ޔުނިޓް ގާއިމުކުރުމުގެ މަގުސަދަކީ ހއ. އަތޮޅަށާއި އެ ސަރަހައްދުގެ ރައްތަކަށް ވަޒީފާއާ ބެހޭ އިންތިޒާމުތަކާއި ހިދުމަތްތައް މާލޭގެ ހުންނަ އިދާރާއާ ހަމައަށް އަންނަން ނުޖެހި ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. އެގޮތުން އެލްއާރްއޭ އިން ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައިވެސް މިފަދަ ޔުނިޓްތަކެއް ވަނީ ގާއިމުކޮށްފަ އެވެ.

އެލްއާރްއޭގެ ޔުނިޓުން ފޯރުކޮށްދޭ ހިދުމަތްތައް:

  • ވަޒީފާދޭ ފަރާތުގެ އާއި ވަޒީފާ ލިބިގަންނަ ފަރާތުގެ ހައްގުތަށް ހިމާޔަތް ކޮށްދިނުން
  • ވަޒީފާއާ ގުޅޭ މައްސަލަތައް ބެލުން
  • ވަޒީފާއާ ގުޅޭ މައްސަލަތަކާ ބެހޭ ތަހުގީގުތައް ހިންގުން
  • ވަޒީފާގެ މައްސަލައިގައި ހައްގުތައް ގެއްލޭ މީހުންނަށް ހައްލު ހޯދައިދިނުން
  • ވަޒީފާގެ މަސައްކަތާ ގުޅުންހުރި ތަންތަން އިންސްޕެކްޓް ކުރުން
  • ވަޒީފާއާއި ގުޅޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން

ލޭބާ ރިލޭޝަންސް އޮތޯރިޓީ އަކީ ވަޒީފާއާ ގުޅޭ ވަރަށް ގިނަ މައްސަލަތަކުގައި ރައްޔިތުންނަށް ހައްލު ހޯދައިދޭ އެއް އިދާރާ އެވެ.

އެލްއާރްއޭ އިން ބުނާ ގޮތުގައި ރައްޔިތުންގެ ފަރާތުން ވަޒީފާއާ ގުޅުންހުރި މައްސަލަތަކާއި ޝަކުވާތަށް ލިބޭ މިންވަރު މިފަހުން ވަނީ އިތުރުވެފަ އެވެ.