ފިނިޕޭޖް

"ބާބީ" ވޯލްޑް ޕްރީމިއާއަށް މާގޯ ބޭނުންކުރީ ކަޅު ހެދުމެއް

ވޯނާ ބްރަދާސް އިން "ބާބީ"ގެ ލައިވް އެކްޝަން ފިލްމް މިމަހު 21 ގައި ރިލީޒްކުރަން ތައްޔާރުވަމުންދާއިރު މި ފިލްމުގެ ޕްރެސް ޓުއާ އަދި އެކި ގައުމުގެ ޕްރީމިއާތައް ވެސް ކުރިއަށް އެބަގެންދެއެވެ.

މި ޓުއާގައި މާގޯ މައިގަނޑު ގޮތެއްގައި ފެނުނީ އެކި ބާބީ ބުދުތަކަށް ހަދާފައިވާ ފިޔާތޮށި ކުލައިގެ ނަލަ އެކި ހެދުން ލައިގެން ހުރި ތަނެވެ. ކެންގެ ރޯލް އަދާކުރާ ރަޔާން ގޮސްލިން އާއި ފިލްމުގެ ޑައިރެކްޓަރާއި ކާސްޓް ވެސް ފިޔާތޮށި ކުލައާއި ޕެސްޓަލް ކުލައިގެ ހެދުން ލިއެވެ. އަދި "ބާބީ"ގެ ތީމްއާ އެއްގޮތަށް ރެޑް ކާޕެޓްގެ ބަދަލުގައި "ޕިންކް" ކާޕެޓް އަޅާފައި އޮތެވެ.

ލޮސް އެންޖަލެސްގައި އޮތް މި ފިލްމުގެ ވޯލްޑް ޕްރީމިއާ މާގޯ ތަފާތުކޮށްލައިފި އެވެ. މާގޯ މި އިވެންޓަށް ބޭނުންކުރީ 1960 ގައި ހެދި ބާބީގެ "ސޯލޯ އިން ސްޕޮޓްލައިޓް" ބުދު ލައިގެން ހުރި ކަޅު ކުލައިގެ ވިދާ ޓްރަމްޕެޓް ގައުން ގޮތަށް ހުރި ހެދުމެކެވެ.

އެގޮތުން މާގޯ އޭނާގެ ސްޓައިލިސްޓް އެންޑްރޫ މުކަމަލްއާ ގުޅިގެން އެ ހެދުން ހަދައި، އެ ބުދާ އެއްގޮތަށް ސްޓައިލްކުރަން ޕީޕް ޓޯ ކިޓްން ހީލްސް، އޮޕެރާ އަންގި އަދި ޑައިމަންޑް ޗޯކާ ހޯދި އެވެ. އެ ޓްރަމްޕެޓް ގައުންގެ ތިރީގައި މެޓަލިކް ޝިމާ، ނެޓް ފޮތީގެ ހެމްލައިންގައި ރަތްކުލައިގެ ފިނިފެންމަލެއް ޖަހާފައި އިނެވެ. މާގޯ ބާބީއާ ވައްތަރުކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ރަޔާން ގޮސްލިން ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ގުޗީ ސޫޓަކާއި އެޔަށްވުރެ މަޑު ފިޔާތޮށި ކުލައިގެ ގަމީހެކެވެ.

"ބާބީ"ގެ ލައިވް އެކްޝަން ފިލްމް މިހާތަނަށް ބަލާފައިވާ ކްރީޓީކުން ދަނީ މި ފިލްމަށާއި ރަޔާން ގޮސްލިންގެ އެކްޓިން އަށް ތައުރީފްކުރަމުންނެވެ.