މުހައްމަދު ނާޒިމް

މަސް ކިލޯއެއް އެންމެ ދަށްކޮށްވެސް ގަންނާނީ 22 ރުފިޔާއަށް: ނާޒިމު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި މަސް ކިލޯއެއް އެންމެ ދަށްކޮށްވެސް ގަންނާނީ 22 ރުފިޔާއަށް ކަމަށް އެ ޕާޓީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ހއ. އިހަވަންދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ 19.50 ރުފިޔާއަށް ޑީސަލް ލީޓަރެއް ގަންނަ މަސްވެރިންނަށް މަސް ކިލޯއަކުން ލިބެނީ 17 ރުފިޔާ ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި މަސް ކިލޯއަކަށް މަދުވެގެން 22 ރުފިޔާ ދޭނެ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި މަސައްކަތްކުރާ އިގުތިސާދީ މާހިރުން ޖެހި ހިސާބަށް ބަލާއިރުގައި އަޅުގަނޑުމެންނަށް 22ރ. ގައި އިރާދަކުރެއްވިއްޔާ މަސް ހިފެހެއްޓިދާނެ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ މަސްވެރިންނާމެދު ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށާއި ދެވަނަ ދައުރެއް ދޭން ބުނަން ލަދުގަންނަން ޖެހޭ ކަމަށެވެ.

އެމްއެންޕީގެ ސަރުކާރެއްގައި އިހަވަންދޫގައި ފިއުލް ސްޓޯރޭޖު މަތިކޮށް ރަށުން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި އިހަވަންދޫއިން މަސް އެކްސްޕޯޓުކުރެވޭ ވަރަށް ތަރައްގީކުރާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

"މިރަށުގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރާނަން. މި ރަށުން ބޮޑު ކަންނެލި އެކްސްޕޯޓްކުރެވޭ ވަރަށް ތަރައްގީކުރާނަން،" ނާޒިމު ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވަނީ އެމްއެންޕީގެ ސަރުކާރެއްގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން ނިންމާފައިވާ ކަންކަން ހާމަކުރައްވާފަ އެވެ. އެގޮތުން އާމްދަނީގެ 60 ޕަސަންޓް ޑޮލަރުން ލިބޭ މީހުންނަށް ޑޮލަރު މާރުކުރެވޭނީ ބޭންކުން ކަމަށް ނާޒިމު ވިދާޅުވި އެވެ.

"60 ޕަސަންޓް ޑޮލަރު ލިބޭ މީހުން ބޭންކަށް ނޫން ގޮތަކަށް މާރުކުރިޔަ ނުދޭނަން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ޑޮލަރު ރޭޓަކީ 15.42 ރުފިޔާ ނަމަވެސް ޑޮލަރު ގަންނަން ލިބެނީ 17.85 ރުފިޔާއަށް ކަމަށާއި އެމްއެންޕީގެ ސަރުކާރުގައި ޑޮލަރު މައްސަލަ ހައްލުކުރަން ގެންނަ ބަދަލުތަކާމެދު ވިޔަފާރިވެރިންނާއި ޑޮލަރު ލިބޭ މީހުން ހިތްހަމަނުޖެހުނު ނަމަވެސް ގައުމު މުހިންމު ކަމަށެވެ.

"އަޅުގަނޑަކީވެސް ވިޔަފާރިވެރިއެއް. އެކަމަކު އަޅުގަނޑުވެސް ޖެހޭނީ އެއަށް ތަބާވާން. އަޅުގަނޑުގެ ކުންފުނި ޖެހޭނީ ތަބާވާން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވަނީ އެމްއެންޕީގެ ވެރިކަމެއްގައި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރު ހިއްކާ އެ ރަށުން އިގުތިސާދީ މަސައްކަތްތަކަށް ބިން ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އިހަވަންދޫ ކޮނިގޮނޑާއި އިހަވަންދޫގައި ކުރިއަށްދާ ދޯނި އެހެލުމުގެ މަސައްކަތް ދިގުފަރަށް ބަދަލުކޮށް މިހާރު ދޯނި ބަންނަމުންދާ ސަރަހައްދު ގެސްޓްހައުސްތަކަށް ބަދަލު ކުރައްވާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުގައި އިސްލާމިކް ސެންޓަރެއް ގާއިމުކޮށް ރަށުގެ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށާއި ސްކޫލު ތަރައްގީކޮށް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއަކަށް ބަދަލުކުރައްވާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.