ފައިސަލް ނަސީމް

އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެ: ނައިބް ރައީސް

Jul 11, 2023

މާލޭގައި ގާއިމުކުރާ އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ނައިބް ރައީސް ވިދާޅުވީ މާލޭގައި ގާއިމުކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށެވެ.

ފައިސަލް ވިދާޅުވީ އަތޮޅު ތެރޭގައިވެސް އެފަދަ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަދި ވަރަށް އަވަހަށް ހުޅުމާލޭގައިވެސް އެފަދަ މަރުކަޒެއް ގާއިމުކުރާނެ ކަމަށެވެ.

"އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސްރަށްވެހިންނަކަށް ނޫން. އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެ،" ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި ގައުމަށް އަދި ދިވެހި ދައުލަތަށް އިޚްލާސްތެރި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ވިދާޅުވީ ގައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާ އެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.

މިޖަލްސާގައި ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށްވެހިންނަށް ލޯތްބާއި އެކު" ފޮތް ނެރެދެއްވީވެސް ނައިބް ރައީސް އެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ބަދުރުއްނަސީރު ލިޔުއްވާފައިވާ ފޮތް "ޚިދުމަތުގެ ހަނދާންތައް" ވެސް ނައިބް ރައީސް އަށް ވެދުމަށް އަރުވާފައެވެ.