ރާއްޖެ ކުޅިވަރު

އިންޑިޔާ އޮތީ ރާއްޖެ ބަލިކުރުމުގެ އުއްމީދުގައި: ކޯޗު

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ސެމީ ފައިނަލަށް ދިއުމަށް މިއަދު ރާއްޖެ ބަލިކުރަން ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށް އިންޑިޔާ ޓީމުން ބުނެފި އެވެ.

ހަ ގައުމު ވާދަކުރާ މުބާރާތުގެ ގްރޫޕް ބީގައި މިވަގުތު އެއްވަނާގައި ވަނީ ރާއްޖެ އެވެ. ދެ ވަނާގައިވަނީ ސްރީލަންކާ އެވެ. މި ދެ ގައުމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު އިންޑިޔާ އޮތީ ޕޮއިންޓެއް ނުލިބި އެވެ. ޖުމުލަ ތިން މެޗު ކުޅެން ޖެހޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިޔާ އާއި ރާއްޖެ މިއަދު ހަވީރު ކުޅޭއިރު އިންޑިޔާ އަށް ސެމީ އަށް ދެވޭނީ ރާއްޖެ ދެ ލަނޑުން ބަލިކޮށްގެންނެވެ.

"އަހަރުމެންގެ ކުޅުންތެރިންނަށް އެނގޭ އެމީހުން ބުރަކޮށް މަސައްކަތްކުރަންޖެހޭކަން. މޮޅުވާން ޖެހޭކަން. ކުޅުންތެރިން ތިބީ ފުރަތަމަ މެޗުގައި (ލަންކާ މެޗުގައި) ބަލިވުމުން ވަރަށް ދެރަވެފައި. އަހަރުމެން ބޭނުން ސެމީފައިނަލް ކުޅެ މުބާރާތް ވެސް ކާމިޔާބު ކުރަން،" ކޯޗު ލީ ޖޯންސަން ބުންޏެވެ.

މި މެޗަށް ނުކުންނައިރު ރާއްޖެ އަށް ހަތަރު ލަނޑުން ބަލިވެގެން ނޫނީ ސެމީ ފައިނަލުގެ ފުރުސަތު ނުގެއްލޭނެ ކަމުގެ ހިތްހަމަޖެހުން އެބައޮތެވެ.