ގދ. ތިނަދޫ

ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަށް ހުށަހަޅައިފި

ގދ. ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަށް އެ ރަށު ކައުންސިލްގެ ރައީސް ސައުދު އަލީ ސަކުރާރަށް ހުށަހަޅައިފި އެވެ.

ތިނަދޫ ކައިރީގައި އޮންނަ ކާޑެއްދޫ އެއާޕޯޓު ތަރައްގީ ނުވެ ގިނަ ދުވަސް ވާތީ، އެއީ ހުވަދު އަތޮޅު ރައްޔިތުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލަ އެކެވެ. ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް، އެ ވައުދު އަދި ފުއްދިފައެއް ނުވެ އެވެ.

ސައުދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ސަރުކާރަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014 ގައެވެ. އަދި އެ ސަރުކާރުން 2017 ވަނަ އަހަރު އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް އެ ތަން ޔާމީން ސަރުކާރުން ނެގި އެވެ. ނަމަވެސް މޭ 2021ގައި ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފަ އެވެ. އަދި އަލުން ވިލާ އެއާއާ އެ އެއާޕޯޓް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.