( 9 ޖުލައި 2023 އާ ގުޅޭ )
"ފައިސަލްއާ އަޅައިގަނެގެންނޭ ވެސް ބުނެވިދާނެ. އެކަމަކު މިވަގުތު އަހަރެން މިއުޅެނީ އާނިޔާއާ އަޅައިގަނެގެން." އޭނާ ބުންޏެވެ.
އަހަރެންނަށް ދެބުމަ ގޮށްޖަހާލެވުނެވެ. އެއީ އަހަރެންނަށް ގެސްޓްހައުސް ކައިރިން ފެންނަ އަންހެންކުއްޖާއެވެ. އެއީ ހަމަ އޭނާއެވެ. އެ ސިފައާއި އިސްކޮޅާއި ރޫފައެވެ.
"މަށާ އަޅައިގެންނޭ... ކަލޭ މަށާ އަޅައިގަންނަން ބަލަ އަހަރެންމީ އަންހެނެކޭ." ފަހު ޖުމްލަ ދުލުން ބޭރުކޮށްލެވުނީ ތަންކޮޅެއް ބާރަށެވެ.
"މި އެނދުގައި ފައިސަލްއާއެކީ ހުރިހާކަމެއް ކުރިއިރު ތީ އަންހެނެއްކަން އަހަރެންނަށް ވެސް އެނގުނު." އެ އަންހެންކުއްޖާ ބުންޏެވެ.
"އެރޭ..." ކުއްލިއަކަށް އަހަރެންނަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާ އެ ބުނާ ރޭގައި އަހަރެންނާއި ފައިސަލްއާ ދެމެދުވީ ހުރިހާ ފަރުދާއެއް ނެގުނީ ނިކަން އާދަޔާ ޚިލާފު ގޮތަކަށެވެ. ފައިސަލްއާއެކީ ހުރީ އަހަރެންކަމުގައި ވިޔަސް ލޯގަނޑުން އެރޭ އަހަރެންނަށް ފެންނަމުންދިޔައީ މިހާރު އަހަރެންގެ ކުރިމަތީ ހުރި އަންހެންކުއްޖާގެ ސޫރައެވެ. އެރޭ އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވި ހުރިހާކަމެއް ނިމިގެން ދިޔަގޮތް ހަނދާންނެތޭނީ ކިހިނެއް ހެއްޔެވެ. އެރޭ އަހަރެންނަށް ވީގޮތެއް އޭނާއަށް އެނގެނީއެވެ. އަހަރެންނަށް ޔަގީންވާ ކަމަކީ ބަންދު ކޮޓަރިއެއްގެ ތެރޭގައި ދެ މީހުންގެ ދެމެދުގައި ހިނގިކަމެއް ތިންވަނަ މީހަކަށް އެނގޭނެ ގޮތެއް ނޯންނާނެކަމެވެ. އެހެންވެއްޖެއްޔާ އެރޭ ކޮޓަރީގައި އަހަރެމެން ދެ މީހުންނަށް ވެސް ނުފެންނަ އިތުރު މީހަކު ހުރީއެވެ.
"ތީ... ޖިންނިއެއްތަ؟." ވަރަށް ވިސްނުމަށްފަހު އަހަރެން އަހާލީމެވެ. މިހާތަނަށް ކަންކަން ވަމުން އައި ގޮތުގެ ބޮޅުތައް ގުޅުވަން މަސައްކަތްކުރީމެވެ. ހުރެވުނީ ބިރުންނެވެ. މޭގައި ހިތް ނެގިނެގިފައި ތެޅޭއަޑު ނީވޭނެކަމެއް ވެސް ނޭނގެއެވެ. ނަމަވެސް އަހަރެންގެ މައްޗަށް އޭނާގެ ނުފޫޒެއް ނެތެވެ. އަހަރެންގެ ބުއްދިއާ ކުޅޭނަމަ މިގޮތަށް ހަމަހޭގައި ހުރެ އަހަރެން ބުނަން ބޭނުންވާ އެއްޗެއް މިހާ މިނިވަންކަމާއެކު ބުނެވޭނޭހެން ހިޔެއްނުވެއެވެ. ރުޅިއާއި ހަރުކަށިކަމާއެކު އަހަރެން ބޭނުންހާ އެއްޗެއް އޭނާއާ ދިމާއަށް ކިޔާނޭ ފުރުޞަތެއް ވެސް ނުދިނީސްކަން އެނގެއެވެ.
"ތިހާ މޮޔަ އަންހެނެއް އަހަރެން ނުދެކެން. އަހަރެން ވަރަށް ގިނަ ފުރުޞަތު އާނިޔާއަށް ދިނިން." އޭނާ ބުންޏެވެ.
"ފުރުޞަތޭ... ކޮންކަމަކަށް؟. ތިދައްކާ ވާހަކައެއް އަހަރެންނަށް ސާފުވާނޭގޮތަށް ނިކަން ކިޔާބަލަ. ކަލޭ އަހަރެންނާ އަޅައިގަންނަން ޖެހުނީ ކީއްވެ؟. އަސްލު ކަލެއަކީ ކާކުކަން ބުނެދީފާނަންތަ؟. އަހަރެންނަށް ކަމެއް ކުރެވުނީތަ... ތީ އިންސާނެއްނޫންކަން މިހާރު އެނގޭ." ޒުވާބު ކުރުމުގެ ޚިޔާލު އަހަރެން ދޫކޮށްލީމެވެ. ބޭނުންވީ މިވެގެން އުޅޭ ގޮތެއް އޮޅުންފިލުވާށެވެ. އެކަން ކުރެވޭނީ އެ އަންހެންކުއްޖާއާ ވާހަކަދައްކައިގެންނެވެ. އޭނާ އަހަރެންނަށް ގޯނާއެއް ކުރަން އުޅޭކަމުގެ އިޝާރާތެއް ނުވެއެވެ. ވާހަކަދައްކަން ހުރި ވަގުތެއްގައި އޭނާގެ ކައިރިން ކަންކަން އޮޅުންފިލުވުން އެއީ އެންމެ ބުއްދިވެރިގޮތެވެ. އެކަމަކު ސުވާލު އުފެދެނީ އޭނާ ދައްކާ ވާހަކަ ޤަބޫލުކުރަން ވެދާނެބާއެވެ. އޭނާ އަހަރެން އިތުރަށް ވާވައްދާނުލާހޭ ހެއްޔެވެ.
"މި ގެސްޓްހައުސްއަށް އައުން އެއީ އާނިޔާ ހެދި އެންމެ ބޮޑު ގޯސް. ނަސީބު ތިމާގެ ކައިރިޔަށް އައީމާ ވެސް ޤަބޫލުނުކުރީ. އެހެންނޫންނަމަ މި ދުވަހެއް ނައިސް. އެއީ ޔަގީންކަމެއް... ކީއްކުރަން މިކަހަލަ ވީރާނާ ތަނަކަށް އާނިޔާ އައީ. އަދި އެވެސް އެކަނިމާއެކަނި ހުންނަން. ކަންކަމާ ނިކަން ފަސޭހައިން އާނިޔާ ބިރުގަންނަކަން އަހަރެންނަށް އެނގޭ. ހީކުރީ އެހެންވީމާ ވެސް މިކަހަލަ ފަޅުކޮށް އޮންނަ ތަންތަނުގައި އެކަނި ހުރުމުގެ ޚިޔާލު ދޫކޮށްލާނޭ ކަމަށް. އެނގޭތަ... އަހަރެން ގަސްދުގައި އާނިޔާއަށް ގޯނާ ކުރަންފެށީ. ބިރުގަންނަވަން ބޭނުންވީ. އެއީ ވެސް އާނިޔާ މިތަން ދޫކޮށް ދޭތޯ. އަހަރެންގެ މަޤްޞަދަކީ އާނިޔާއާ އަވަލުމެއްނޫން. ކީއްވެ އެހާ ބިރުގަތްއިރު އެކުވެރިޔާގެ ގެއަށް ބަދަލުނުވީ... އެގޭ މީހުން އާނިޔާއަށް ކިހާ ރަނގަޅު. އެމީހުންގެ ނަޞޭޙަތް އަޑުއެހިނަމަ... އިތުމީނާއަކީ ރަނގަޅު ރަޙުމަތްތެރިއެއް. އެ ނަސީބަށް އާނިޔާ ފުރަގަސްދިނީ ފައިސަލްގެ އަވައިގައި ޖެހިގެން. އޭނާއަކީ އާންމު އިންސާނުންނަށްވުރެ ވިސްނުންތޫނު މީހެއް. އާނިޔާ ތިހުރީ އޭނާއާ ހެދި ދިވާނާވެފައި." އެ އަންހެންކުއްޖާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ކުރީން ފާހަގަވި މަލާމާތާއި ޖަދަލުކުރުމުގެ ރާގެއް ނެތެވެ. އޭނާ ހުރީ ސީދާ އަހަރެންނަށް ބަލާށެވެ. ކޮންމެވެސް ކަމަކާ އޭނާ އަހަރެންނާ މެދު ހަމްދަރުދީވާ ކަހަލައެވެ.
"މަޑުކޮށްބަލަ. އަހަރެންނަށް މިތަން ފެންނަނީ ވީރާނާވެ ފަޅުވެފައި އޮތް ތަނެއް ގޮތުގައެއްނޫން. މީ ގެސްޓްހައުސްއެއް. މީހުން ދިރިއުޅޭ ގެއެއްނޫން. އެހެންވީމަ ހުރިހާ އިރަކު ތަނުގެ ކޮޓަރިތައް މީހުންނާއިގެން ފުރިފައެއް ނޯންނާނޭކަން އަހަރެންނަށް އެނގޭ. މިތަނުގައި ބަޔަކު ނެތިއްޔޭ ކިޔާފައި އަހަރެން މިތަނުގައި މަޑުނުކުރަންވީ ސަބަބެއްނެތް. އަހަރެންގެ އަމިއްލަ އިޚްތިޔާރު އެއީ އަހަރެން ހުންނާނޭ ތަނެއް ކަނޑައެޅުން. އިތޫއަކީ އަހަރެންގެ ރައްޓެއްސެއް. އެހެންވީމަ އޭނާގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަށް. މިތަނުގައި ހުންނަން ނިންމީ ކޮންމެހެން ފައިސަލް ބޭނުންވެގެންނެއްނޫން. އޭނާއެއްނޫން މިތަނަށް އަހަރެން ގެނައީކީ. އަހަރެން އައީ އަމިއްލައަށް." އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަތަކުން އެ އަންހެންކުއްޖާގެ މޫނުން ފާޅުވީ މާޔޫސްކަމެވެ. އޭނާ ފައިސަލް ދެކެ ގަޔާނުވަނީއޭ ހީވެއެވެ. އަހަރެން މިހުރީ ފައިސަލްގެ އަވައިގައި ޖެހި ދީވާނާވެފައޭ ބުންޏަސް އެންމެ ރަނގަޅެވެ. ކޮންމެކަމެއް ދިމާވިޔަސް މިހާރު އަހަރެން ގެސްޓްހައުސްއިން ނުދާން މިހުންނަނީ ފައިސަލްގެ ސަބަބުން ކަމަށް ވީމައެވެ. އަހަރެންނާއި ފައިސަލްއާ ދެމެދުގައި މިއޮތް ގުޅުން ހެދިފޯދެން ވަގުތުދޭން ބޭނުންވަނީއެވެ. ފައިސަލްގެ ގޮތް ވެސް އަހަރެންނަށް އެނގޭނީ އޭނާއާއެކު ވަގުތު ހޭދަކުރެވިގެންކަން އަހަރެންނަށް ޤަބޫލުކުރެވޭތީއެވެ.
"ބައެއްކަންކަން ލޯތަކަށް ވަންހަނާވެފައިވާކަން ޤަބޫލުކުރަންތަ؟." އެ އަންހެންކުއްޖާ ބުންޏެވެ. އެވަރު އަހަރެން ވެސް ޤަބޫލުކުރަމެވެ. ކުރިމަތިން ފެންނަން ހުރި އަންހެންކުއްޖާއާ މެދު ވިސްނާލިޔަސް އެއީ އެކަމުގެ ހަޤީޤަތެކެވެ. ވަކި އެއްޗެއް ނުބުނެ އަހަރެން ހުރުމުން އޭނާ މަޑުމަޑުން އަހަރެންގެ ކައިރިޔަށް އަންނަންފެށިއެވެ. އަހަރެން ޖެހިލުންވިއެވެ. ފަސްފަހަތަށް ފިޔަވަޅު އަޅާލީ ދޮރާ ދިމާއަށެވެ. އަވަހަށް ނުކުމެވޭނީ އޭރުންނޭ ހިތާއެވެ.
"ކަލެއަށް އަހަރެން ކުރީ ކޮންއުނދަގުލެއް." ޖެހިލުންވެ ހުރެ އަހަރެން އެހީމެވެ. އެއާއެކު އޭނާ ހުއްޓުނެވެ.
"ބިރުން ފިލަންތަ ތި ވިސްނަނީ. ސަލާމަތްވާނީ އޭރުންނޭ ދޯ ތި ހީކުރަނީ. އާނިޔާއަށް ސަލާމާތްވާން ފުރުޞަތު ލިބުނު. އެ މިނިވަންކަން އޮތް. ބިރުން ހަލާކު ވިޔަސް... ދިމާވާ ކަންކަމާމެދު ވިސްނާ ބޯގޮވިޔަސް... އާނިޔާ ނިންމީ މިތާ ހުންނަން. އެހެން އިންސާނަކުނަމަ އޭނާގެ ބުއްދިއަށް ޤަބޫލުކުރަން ދަތި ކަންކަން ދިމާވާންފެށީމަ ބިރުން ވެސް އެކަމަކާ ދުރަށް ދާން ވިސްނާނެ. އެކަމަކު އާނިޔާ ނިންމީ ކޮންމެ ކަމެއްވިޔަސް މިތާގައި ހުންނަން... އަހަރެން މިތަނުގައި އުޅޭކަށް ބޭނުމެއްނޫން. އެކަމަކު މިތަން ދޫކޮށްލާފައި ދެވޭކަށް ވެސްނެތް. އަހަރެން ވެސް މި ހުރީ ކަމަކަށް ބޭނުންވެފައި. އެ ވަގުތަކަށް އަހަރެން މިއަންނަނީ ވަރަށް އިންތިޒާރު ކުރަމުން." އޭނާ ވާހަކަދައްކަމުން ކުރިޔަށް އައެވެ. އަހަރެންނާ ދިމާލަށެވެ. އޭނާގެ ވާހަކައިން އަހަރެންނަށް ވިސްނުނީ ބޭނުންވިޔަސް އޭނާގެ ކައިރިން ސަލާމަތްވާން ފަސޭހައެއްނުވާނެ ކަމެވެ.
"އަދިވެސް ނުބުނަމެންނު ކަލެއަށް އަހަރެން ކުރީ ކޮން ގޯނާއެއް ކަމެއް. އަދި ކަލޭތީ ކާކުކަމެއް ވެސް. އަހަރެން މިތަނުން ބޭރުކޮށްލަން ބޭނުންވާ ސަބަބެއް ވެސް ނޭނގޭ. ކަލޭ ބޭނުމީ ފައިސަލްތަ. އަހަރެމެން ރައްޓެހިވީމަތަ މައްސަލައަކީ." އަހަރެން ބެލީ ވާހަކަދައްކައިގެން އޭނާ ހުއްޓުވޭތޯއެވެ.
"އަހަރެންނަށް އާނިޔާއާ ކައިރިވާން ފުރުޞަތު ދިން މީހަކީ ފައިސަލް." އޭނާ ބުންޏެވެ. އަހަރެން ނުދެއްކި ނަމަވެސް އަހަރެންނަށް އޭނާ އެބުނި އެއްޗަކުން ސިހުމެއް ލިބިއްޖެއެވެ.
"ކިހިނެއް؟. ފައިސަލްއަށް ކަލެއަކީ ކާކުކަން އެނގޭތަ؟." އަހަރެން ސުވާލު ކުރީމެވެ.
އޭނާ އައިސް އަހަރެންގެ ކުރިމަތީ މަޑުކޮށްލި ހިނދު ކުއްލިއަކަށް ލޯމައްޗަށް އަނދިރިވާންފެށިއެވެ. އެއްވެސް ބާރެއްނެތް މީހަކު ފަދައިން އަހަރެންގެ ހުރިހާ ހަރަކާތެއް ކެނޑެމުންދިޔަކަން އިޙްސާސް ކުރެވުނެވެ. އެގޮތުގައި ގިނައިރެއްނުވެއެވެ. އަހަރެންގެ ލޯ މައްޗަށް އަލިވެ ލޮލުގެ ފެނުން ލިބިއްޖެއެވެ. އެކަމަކު ހުރެވުނީ ގެސްޓްހައުސްގެ ކޮޓަރިއަކު ނޫނެވެ. ކޮންމެވެސް އެހެން ގެއެއްގެ ނިދާ ކޮޓަރިގަ އެވެ. އަލަމާރި ހުޅުވާފައި ހުރިއިރު ދޮރުފަތާ އެމީހަކު ހުރީ ނިވާވެފައެވެ. ހަރަކާތްތެރިވާ ގޮތުން އެމީހެއްގެ ފައި ފެނެއެވެ. އަހަރެންނަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. ހަމައެކަނި މަންޒަރުތައް ލޮލަށް ފެންނަކަމެވެ. އެހެންބައެއްގެ ދިރިއުޅުން ދުރުގައި ހުރެ އެމީހުންނަށް ނޭނގި ސިއްރުން ބަލަމުންދާ ކަހަލައެވެ. އެހެންވިޔަސް އެވަގުތު ވެސް އަހަރެންގެ ކައިރީގައި އިތުރު މީހަކު ހުރިކަމުގެ އިޙްސާސް ކުރެވެއެވެ.
ތަނަވަސް ނިދާކޮޓަރީގައިވަނީ ހުދާއި ރަތްކުލައިގެ އޮފުއަރާ ފަރުނީޗަރުތަކެވެ. ކޮޓަރީގެ ކޮންމެ ދިމާލަކުން އެއީ އަންހެންކުއްޖަކު ދިރިއުޅޭ ކޮޓަރިއެއްކަން އިޢުލާން ކުރަމުންދިޔައެވެ. އަލަމާރި ދޮރުފަތާ ނިވާވެ ހުރީ އެ ކޮޓަރީގެ ވެރިޔާކަން އެނގުނީ ރާގު އަޅުވާލާފައި ދިވެހި ލަވައެއް ކިޔަންފެށި އަޑުންނެވެ. ވައަތު މުލައްދަނޑީގައި މަތިމައްޗަށް އަޅުވާލާފައި އޮތް ހެދުންތަކާއި ކަނާއަތުން ހިފަހައްޓާލައިގެން ހުރި ހެދުން ހިފައިގެން އޭނާ އެނބުރިލިއެވެ. އެހިނދު އަހަރެންނަށް ފެނުނީ އެ އަންހެންކުއްޖާއެވެ. ޓީޝާޓަކާއި ކުރު ސޯޓުބުރިއެއްގައި އޭނާ އުޅެނީ ފޮށްޓަށް އެއްޗެހި އެޅުމުގައެވެ. ދަތުރަކަށް ތައްޔާރުވާ ފަދައެވެ. އޭނާގެ ފޯނު ރިންގުވާންފެށިއެވެ. އެއާއެކު އެނދުމަތީ ފުނިޖެހިފައި ހުރި އެއްޗަހިތަކުގެ ތެރެއިން އޭނާ ފޯނު ހޯދަންފެށިއެވެ. ފޯނު ނަގައި އޭގެ އިސްކުރީނަށް ބަލާލިއެވެ.
"މިހާރު ކިހިނެއްވީ." ފޯނުކޯލު ނެގޮތަށް އެ އަންހެންކުއްޖާ ބުންޏެވެ.
"ހޫން. ހިފައިގެންނޭ ދާނީ. އޮންނާނެ. ބަލާ އާދޭ. އަހަރެންނަށް ހިފައިގެން ނުދެވޭނެ." ފޯނުން ވާހަކަދައްކަމުން ވެސް އޭނާ އުޅުނީ ފޮށްޓަށް އެއްޗެހި ހަމަކުރެވޭތޯއެވެ. އާންމުކޮށް ދަތުރެއްދާން އުޅޭ އަންހެންކުއްޖަކު ފޮށްޓަށް އަޅާ ސަމާސާނާއި އޭނާ އަޅަމުންދިޔަ އެއްޗެހި ތަފާތެވެ. ކުލަކުލައިގެ ވިދާ ހެދުންތައް ގިނައެވެ. ޝޯތައް ދޭ ފަންނާނުން ލައި އުޅޭ ކަހަލަ ހެދުންތަކެވެ. އެކިކަހަލަ ރީތިވާ ސާމާނެވެ. ކޮޓަރީގައި ދޮރު މީހަކު ހުޅުވާލައި ވަނުމުން އޭނާ އެއީ ކާކުތޯ ބަލާލިއެވެ. މެދު އުމުރުގެ އަންހެނެކެވެ.
"އަދިވެސް ބައްޕަ ރުޅިއައިސްފައިތަ؟." އޭނާ އެ އަންހެންމީހާ ކައިރީ އަހާލިއެވެ.
"ޝިފާއަށް ވެސް ތިނޫން މަސައްކަތެއް ކުރަން ނޭނގުންވިއްޔާ. މަންމައަކަށް ނޭނގެ ޝިފާއަށް ދެން ވިސްނައިދޭން ކިޔާނޭ އެއްޗެއް." އެ އަންހެން މީހާ އައިސް އެނދުކައިރީ މަޑުކޮށްލިއެވެ. އެމީހުންގެ ވާހަކައިން އެއީ ދެމައިންކަން އަހަރެންނަށް އެނގުނެވެ.
"އެމީހަކު ކުރާހިތްވާކަމެއް ކުރުމަކީ މައްސަލައެއްތަ؟. އެހެންނޫނަސް ބައްޕަ ބުނެގެން ކިތައް ތަނަށް ސިޓީ ލައިފިން. ވަޒީފާގަނޑެއް ލިބިއްޖެއްތަ؟. ކަމެއްނުކޮށް ގޭގަ ހުރުމަށްވުރެ ރަނގަޅެއްނު އަހަރެން ކުރާހިތްވާކަމެއް ކުރިއްޔާ. ލާރި ވެސް އެބަލިބޭ. މިފަހަރުގެ ޢީދަށް ތިން ރަށަށް ދާއިރު އެ ދަތުރުތަކުގެ އެޑްވާންސަށް ލިބުނު ލާރިން އެއްބައި މަންމައަށް ނުދެންތަ. މިކަމަށް ބައްޕަގެ އަތުން އަހަރެން އެންމެ ރުފިޔާއެއް ވެސް ހޯދާފައެއްނޯންނާނެ. ބައެއް ފަހަރު ބައްޕަ ވެސް މާ ކަންތައްބޮޑީ." އެ އަންހެންކުއްޖާ ވާހަކަދެއްކީ ގަޔާނުވެފައި ހުރި ރާގެއްގައެވެ.
"އެހެންވިޔަސް ހެޔޮ. ފުރަން ގެއިން ނުކުތުމުގެ ކުރީން ބައްޕައާ ސަލާމް ކުރަން ދާތި." އޭނާގެ މަންމަ ބުނެލިއެވެ. އަދި އޭނާއަށް ފޮށްޓަށް އެއްޗެހި އެޅުމުގައި އެހީވަމުންދިޔައެވެ.
"ތިވެސް ހިފައިގެންތަ ދަނީ." އެ އަންހެންކުއްޖާ ރީތިވާމޭޒުމަތިން ނެގި ފޮށި ފެނިފައި އޭނާގެ މަންމަ އަހާލިއެވެ.
"އާން. ހުރިހާ ގަހަނާތައް ހުންނާނީ މީގައި. ކޮންމެ ދަތުރެއްގައި ފަރީއަށް ފެންނައިރަށް މިފޮށި ދޭން ކިޔާނެ." ހިނިއައިސްފައި އޭނާ ބުންޏެވެ.
"ތި ފޮށި ފެންނައިރަށް ބައްޕަ ބުނެފި، މީ ހަމަ އަހަރެންގެ ޝިފާލީއަށް ހަދާފައި އިން ފޮށްޓެއް. ހެ ހެ ހެ... ބާޒާރުން އެ ދުވަހު ގަންނަ ކަހަލަ އެއްޗެއް އެ ނޫނީ ފެނުނު ކަމަށްނުވި. އަދި ދެއްކިއޭ އެ ދަތުރުގައި ދަރިފުޅު ގެނެވުނުނަމަ ބާޒާރު ހުސްވާއިރު ވެސް ޝިފާގެ ހިތެއް ނުފުރޭނޭ." ޝިފާލީގެ މަންމަ ހެމުން ވާހަކަދެއްކިއެވެ. އެ ދެމައިންގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓަސް ގާތްކަމާއި ކުލުންވެރިކަން އޮތްކަން ފާޅުވެއެވެ.
އަހަރެން ވެސް އެ މީހުން އެ އިޝާރާތްކުރާ ފޮށްޓަށް ބަލާލީމެވެ. ރަނުން އަތްކަންކޮށް އަސާރީ ފަރުމާއަކަށް އޮފުދާރު ކުރެވިފައިވާ ފޮށްޓެވެ. ބޭރުގައި އެކި ދިމާގައި އެކިވެރުގެ ހިލަކޮޅުތައް ހަރުކޮށްފައި ހުއްޓެވެ. ރުމާލުގެ ބައްޓަމަށާއި ކަރުނަތިކީގެ ބައްޓަމަށެވެ. ހުރިހާ ހިލަކޮޅުތަކެއް ވެސް ފެންނަނީ ރޫބީ ފަދައިން ރަތްކުލައިގައެވެ. އަޅައިގަންނަ ފަދަ ރީތިކަމަކަކާއި އަގުބޮޑުކަމެއް އެ ފޮށިން ފާޅުވެއެވެ. އެއާމެދު ޝިފާލީ ޚާއްޞަކަމެއް ބެހެއްޓިއެވެ. ހެދުންތަކުގެ ތެރޭ ހަމަޖައްސާލީ ވެސް ނުހަނު ބަލައިގެންނެވެ.
"ހަދާންނެތިފަ މިހުރީ... މަންމާ. ފަރީ މިހާރު އަންނާނެ. މި ދަބަސް އޭނާ އައީމަ ދިއްކޮށްލަ ދީބާ. އަހަރެން ކުރަން އަދި ވަރަށް ކަންތައް އެބަހުރި." ޝިފާލީ ހަލުވިކޮށް ގޮސް އަލަމާރީ ތެރެއިން ނެގި ބޮޑު ދަބަސް މަންމައަށް ދިނެވެ. އެ ހިފައިގެން އޭނާ އެ ކޮޓަރިން ނުކުތީއެވެ.
ފޮށިހިފައިގެން ޝިފާލީ ނުކުތީ ނިކަން ނަލަ ހެދިލައިގެންނެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލާފައި ހުރިއިރު ލާފައި ހުރީ ކަށިމައްޗަށް އަރާ ޖިންސަކާއި ގަޔަށް ހިފާލާފައި ހުރި ކުރު ޓީޝާޓުކޮޅެކެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ބެކްޕެކް ފުއްޕާލާފައި އޮތްއިރު އެ ވެސް ފުރިފައި އޮތް ކަހަލައެވެ. ދަމާފައި ކޮޓަރިން ނެރުނީ ބޮޑު ފޮށްޓެކެވެ. އެ މަންޒަރު ބަލަން ސިޓިންރޫމުގައި އިން ޝިފާލީގެ މަންމަ ސޯފާއިން ތެދުވިއެވެ.
"ނަޝީދު. ދޭބަލަ އެމަންޖެ ފޮށި ނެރެދެން." ޝިފާލީގެ މަންމަ ބުންޏެވެ.
"ޝާޒްލީނަށް އެނގެއެއްނު އޭނާ ކުރާހާ ކަމެއް." ޝިފާލީގެ ބައްޕަ، ނަޝީދު ބުންޏެވެ.
މީހަކަށް ނުބަލާ ހަލުވި ހިނގުމުގައި ޝިފާލީ ފޮށި ދަމަމުން ދޮރާ ހަމައަށް އައެވެ. އަދި ފޮށި ބަހައްޓާފައި އެނބުރި އައިސް ނަޝީދުގެ ކުރިމަތީ މަޑުކޮށްލިއެވެ.
"ބައްޕާ. ހިތްހެޔޮކުރާތި. ދެން ބައްދަލުވާނީ ދަތުރުނިންމާފައި އައީމަ." ޝިފާލީ ސަލާމަށް އަތްދިއްކޮށްލިއެވެ. މާނަވީ ބެލުމަކުން ނަޝީދު ބަލާލިއެވެ. ދަރިއަކު ދުރަށް ދާން އުޅޭތީ ކަމަށްވެދާނެއެވެ. ހިތްހަމަނުޖެހިފައި އިނދެވެސް ޝިފާލީ ސަލާމަށް ދިއްކޮށްލި އަތުގައި ނަޝީދު ހިފިއެވެ.
"ޝިފާލީ ތިއުޅޭ ގޮތް ބައްޕައަކަށް ކަމަކުނުދޭ." ސަލާމްކޮށްލާފައި ނަޝީދު ބުންޏެވެ. ޝިފާލީ ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާ މަންމަގެ ކައިރިޔަށް ޖެހިލިއެވެ. ސަލާމްކޮށްލުމުގެ ބަދަލުގައި ޝާޒްލީން ދަރިފުޅުގެ ގައިގާ ބައްދާލީއެވެ.
"ސައިފު. ނުކުމެބަލަ..." ޝިފާލީގެ ގައިން ދޫކޮށްލާފައި ޝާޒްލީން ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެ އަޑަށް އެއްފަރާތުން ކޮޓަރިއެއްގެ ދޮރު ހުޅުވާލައި ނުކުތީ ޒުވާނެކެވެ. ސައިފަކީ އެއީކަން އަހަރެންނަށް އެނގުނެވެ.
"ދޮންތަ ފުރާގަޑި ޖެހުނީތަ." އެ ޒުވާނާ ނުކުތްގޮތަށް ބުނެލިއެވެ. އަދި އައިސް ޝިފާލީ ގައިގަ ބައްދާލައިފިއެވެ. ދާ ކޮންމެ ރަށަކުން ޢީދު ހަދިޔާއެއް ގެނެސްދޭން ސައިފު ބުންޏެވެ. ދެމައިންނާ އެކީ އޭނާ ޝިފާލީގެ ފޮށި ހިފައިގެން ދޮރޯށި ކައިރިޔަށް ނުކުތެވެ.
އަހަރެންނަށް މި ފެންނަނީ އެ އަންހެންކުއްޖާގެ ހަޔާތުން މަންޒަރުތަކެއްކަން ވިސްނުނެވެ. އެހެންވިއްޔާ އޭނާއަކީ އިންސާނެއް ހެއްޔެވެ. އޭނާގެ ސިފައިގައި ދިރިއުޅޭތަން މިފެންނަ އަންހެންކުއްޖަކީ ގައިމު ވެސް އިންސާނެކެވެ. އެ ސިފައަށް ނަމެއްކިޔާކަން ވެސް އެނގިއްޖެއެވެ. ޝިފާލީ ކަމެވެ. އެހެންވިޔަސް އޭނާ މި މަންޒަރުތައް އަހަރެންނަށް ދެއްކުމުގެ ގަސްދަކީ ކޮބާކަމެއް ނުވިސްނެއެވެ. އަހަރެންނާ މިއިން އެއްވެސް ކަމަކާ އޮތް ގުޅުމަކީ ކޮބާ ހެއްޔެވެ. އެ ޢާއިލާ މި ނޫނީ ނުވެސް ދެކެމެވެ.
(ނުނިމޭ)