އިޒްލުގެ ރައްޔިތަކުން އުތުރު އިތިއޮޕިއާގެ ގޮންޑަން ސަރަހައްދުގައި ވަގަށް ނަގާފައިވާ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅުން ހުރި އިތުރު އެއްވެސް މައުލޫމާތެއް އާންމު ޚަބަރަކަށް ނުދެ އެވެ. ބުނިހާވެސް އެއްޗަކީ، އެ މީހާގެ އާއިލާއާ ގުޅިގެން މައްސަލަ ހައްލުކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
އަދި އިންޓަޕޯލްގެ އެހީއަށް އެދިފައި ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިތިއޮޕިއާގައި ޖެހުނީ ކޮން މައްސަލައެއް ކަމެއްވެސް އިޒްރޭލުގެ އިދާރާތަކަކަށް އަދި ނޭނގެ އެވެ. އިތިއޮޕިއާގައި ހުންން އިޒްރޭލުގެ ކޮންސިއުލާ މުވައްޒަފުންގެ އެހީގައި މައްސަލަ ހައްލުކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
އިތިއޮޕިއާގައި ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ސަރުކާރަށް ޕްރެޝަރުކޮށް ގޮންޖަހަމުންނެވެ. ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ކަމަށް ބުނެ ސަރުކާރާ ދެކޮޅު ޖިހާދީން ވަނީ އެކި ސަރަހައްދުތަކުގައި އަމިއްލަ ވެރިކަމެއް ގާއިމުކޮށްފަ އެވެ.
ސަރުކާރާ ގުޅުމެއް ނެތް އަދި ބޭރުގެ އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތް މިފަދަ ޖިހާދީން އިތިއޮޕިއާގައި ވަރަށް ގިނަ އެވެ. ވައްކަން ކުރުމާއި ލޫޓުވުން، މީހުން ވަގަށް ނެގުން އަދި ކަނޑުފޭރުމަކީ މި ފަދަ ގުރޫޕްތަކުން މާލީ ތަނަވަސްކަން ހޯދުމަށް ކުރާ ކަންކަމެވެ.
އިތިއޮޕިއާގައި ސަރުކާރަށް ވަފާތެރި ފުލުހުން ބުނާ ގޮތުން އިޒްރޭލުގެ މީހަކު ހައްޔަރުކޮށްގެން އުޅޭ ވާހަކަ އޮތީ އިވިފަ އެވެ. އެކަމަކު އެ މީހަކު ހައްޔަރުކުރި ވަކި ބަޔަކު އަދި އެއީ ކޮން ހިސާބެއްގައި އުޅޭ ބައެއްކަން އަދި ސާފެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިތިއޮޕިއާގައި އިޒްރޭލު މީހަކު ވަގަށް ނަގަން މެދުވެރިވެދާނެ ސަބަބަކަށް އޮންނާނީ ހަނގުރާމަވެރި ގުރޫޕްތަކުން ފަލަސްތީނަށް ތާއިދުކުރުމެވެ.
އިޒްރޭލު ސިފައިން ފަލަސްތީންގެ ބިންތަކަށް އަރައިގަން ދެމުންގެންދާ އުދުވާނީ ހަމަލާތަަކަށް ދެކޮޅުހެދުމަށް ވެސް ޖިހާދީ ފިކުރުގެ ބަޔަކު މިފަދަ ކަމެއް ކޮށްފާނެ އެވެ.
އަނެއްކޮޅުން އައިސިސް ނުވަތަ އަލްގައީދާ ފިކުރުގެ ބައެއްގެ އަތުގައި އިޒްރޭލު މީހަކު ޖެހިއްޖެ ނަމަ އެ މީހަކު މަރާލުމަކީ ޖިހާދީންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އިޒްރޭލުގެ އިދާރާތަކުން އެންމެ ބޮޑަށް ބިރުގަންނަނީ ވެސް ބަޔަކު މިފަދަ އަމަލެއް ހިންގަފާނެތީ އެވެ. ފައިސާ ދީގެން ނަމަވެސް އޭނާ ސަލާމަތްކުރެވޭތޯ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.