މުހައްމަދު ނާޒިމް

މަސްވެރިކަން ވަނީ ފުނޑާލާފަ: ނާޒިމު

މި ސަރުކާރުން މަސްވެރިކަން ފުނޑާލާފައިވާ ކަމަށާއި މަސްވެރިންނަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި އެމްއެންޕީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ އިހުމާލު ދިއްދޫއަށް އެކަނި ބަލާލުމުންވެސް ފެންނަ ކަމަށެވެ.

އެގޮތުން މަސްވެރިންނަށްވި ވައުދުތައް ސަރުކާރުން ނުފުއްދާ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ފުނޑާލާފައިވާ ކަމަށެވެ.

މަސްވެރިކަމުން އާމްދަނީ ހޯދަމުންދިޔަ ޒުވާނުންނަށް ކުންފުނިތަކުން ވަޒީފާ ދިން ނަމަވެސް ދެނީ ކުޑަ މުސާރައެއް ކަމަށް ނާޒިމު ވިދާޅުވި އެވެ.

ދިއްދޫގައި އެމްއެންޕީގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ އެ ރަށުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިއްދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނާޒިމު ވަނީ ދިއްދޫ ކައިރީގައި އޮތް ފިނޮޅު ހިއްކާ ރިސޯޓެއް ހައްދަވާނެ ކަމަށާއި ދިއްދޫގައި 11، 12 އަށް ކިޔެވޭނެ ރަނގަޅު އިންތިޒާމެއް ގާއިމުކޮށް ޖޫނިއާ ކޮލެޖެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.