ދުނިޔެ

ސީރިޔާ ހަނގުރާމަ މެދު ކަނޑާލަން އެމެރިކާ އަދި ރަޝިޔާ އެއްގަލަކަށް

ސީރިޔާގައި މިހާރު ކުރަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލަން އެމެރިކާ އަދި ރަޝިޔާއިން އެހީތެރިވެދޭނެ ކަމަށް އެގައުމުތަކުން ބުނެފި އެވެ.

ރަޝިޔާ އަދި އެމެރިކާއިން ބުނީ ސީރިޔާ ސަރުކާރާއި އިދިކޮޅު ޖަމާއަތްތަކާއި ދެމެދު ހަދާ އެއްބަސްވުން ތަކަށް އިހުތިރާމް ކުރާނެ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިމަހުގެ 26 ގެ ކުރިން ހުރިހާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކޮށް ދަންވަރުގެ ވަގުތުތަކުގައި މިދޭ ހަމަލާތައް ހުއްޓާލަން ޖެހެ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރަން އައިސިސް އަދި އަލް ނުސްރާއަށް ދައުވަތު ދީފައެއް ނުވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެއީ އެޖަމާއަތްތަކަކީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު ކުރެވިފައިވާ ޖަމާއަތްތަކަކަށް ވީމަ އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ ހަނގުރާމަ މެދު ކަނޑާލެވޭނީ އޭގެ ބޭނުން ނާޖާއިޒް ފައިދާ އައިއެސް އަދި ޖަބްހަތުއް ނުސްރާ ފަދަ ޓެރަރިސްޓު ޖަމާއަތްތަކުން ނުނަގާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި ބައްޝާރު ބޭނުންވާ ގެރެންޓީތައް ލިބިއްޖެނަމަ ސީރިޔާ ސިފައިންގެ އަތްދަށުގައިވާ އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިން މިނިވަންކުރަން ބައްޝާރު ހުންނެވީ ތައްޔާރަށެވެ.

ހަނގުރާމަ މެދު ކަނޑާލަން ތައްޔާރަށް ހުންނެވި ކަމަށް ބައްޝާރު ވިދާޅުވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިދިކޮޅު ޖަމާއަތްތައް ތައްޔާރަށް ތިބިކަން އިދިކޮޅު ޖަމާއަތްތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ޖަމާއަތްތަކުން ބުނީ އެމެރިކާއާއި ރަޝިޔާގެ ބެލުމުގެ ދަށުން އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލުމަށާއި ސީރިޔާ ސިފައިންގެ ބެލުމުގެ ދަށުގައިވާ އެ ޖަމާއަތްތަކުގެ ހަނގުރާމަވެރިން މިނިވަންކުރާ ނަމަ ހަނގުރާމަ މެދުކަނޑާލަން ތައްޔާރު ކަމަށެވެ. އަދި ހާލުގައިޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ސީރިޔާ ސަރުކާރުން އެއްބަސްވާނަމަ ވެސް ހަނގުރާމަ މެދުކަނޑާލާނެ ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

ހަނގުރާމަ މެދު ކަނޑާލަން އިއުލާނުކޮށްފައި މިވަނީ ސީރިޔާ ސިފައިން ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.