ޕީޕީއެމް

މަސައްކަތްތެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕީޕީއެމް އިން ގޮވާލައިފި

ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިދިކޮޅު ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިކަމަށް ގޮވާލާފައި މިވަނީ ނ. ހޮޅުދޫގައި މަގު ހަދަން އުޅުނު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތިން މުވައްޒަފެއްގެ ގައިމައްޗަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ވަނިކޮށެވެ.

ޕީޕީއެމްގެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާރްޑީސީގެ ފަރާތުން މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ހުންނަކަން ވަރަށް ގިނަ ފަހަރު ފާހަގަކުރެވޭ ކަމަށެވެ.

ހޮޅުދޫގައި ހިނގި ފާރު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައިވެސް ފާރު ބުޑު ކޮންނަމުން ދިޔައިރު ފާރު ވެއްޓުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިފަދަ ހާދިސާތަކުން ގެއްލުން ލިބެމުންދަނީ ނިކަމެތި ދިވެހި ރައްޔިތުންނަށެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށާއި، މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުމެ އެޅުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.


ޕީޕީއެމްގެ ބަޔާނުގައި ވަނީ ހިތާމަވެރި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށްވެސް އެދިފަ އެވެ.

އަނިޔާވި މީހުން އިއްޔެގެ ވަގުތެއްގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަނިޔާވި މީހުންގެ ތެރެއިން ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން އެކެއްގެ ޅިނދުކަށިގަނޑު ހަތަރު ތަނަކުން ބިނދި، ދެވަނަ މީހެއްގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފައިވެ އެވެ.