އަހުމަދު ޝިޔާމް

ރައީސް ޔާމީންގެ ސަޕޯޓަރުންގެ ޖަޒުބާތުތަކާ ނުކުޅެން އިލްތިމާސްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ ކަމަކީ އެއް ލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ޖަޒުބާތާ ކުޅެލުން ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ރައީސް ސޯލިހަށް އިލްތިމާސް ކުރައްވައިފި އެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ރައީސް ޔާމީނަކީ އެންމެ ފަރުދެއް ކަމަށްވީ ނަމަވެސް އެމަނިކުފާނަކީ އެއްލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ޖަލަށްލައިގެން ރައީސް ސޯލިހް ކުރައްވާ ކަމަކީ އެމަނިކުފާނުގެ ސަޕޯޓަރުން ރުޅިއެރުވުން ކަމަށް ޝިޔާމު ސިފަކުރެއްވި އެވެ.

"އެމަނިކުފާނަށްދޭ ކޮންމެ ގެއްލުމެއް އެ ރައްޔިތުން ގާތުން ބަލާނެ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން "އަތްބާނާ" ކަމަށެވެ. އެކަންކުރަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ނަސީރު ކިޔާ ބޭފުޅެއް އިސްވެ ތިއްބަވައިގެން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

ރައީސްއިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް [ދަންނަވަން] ތިކަން ހުއްޓާލާށޭ. އަލީ ޒާހިރު ތިކަން ހުއްޓާލާށޭ. ނަސީރު ތިކަން ހުއްޓާލާށޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ ފަނޑިޔާރުންނަށް ވެސް އެ ބޭފުޅުން ކުރެއްވި ހުވާގައިވާ ގޮތަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ރައީސް ސޯލިހަށް ސިޔާސީ މަންފާއެއް ހާސިލްކޮށްދޭ ވަރަށް ވުރެ ފަނޑިޔާރުން ކުރައްވައިގެން ތިއްބެވީ މާމަތިވެރި ހުވައެއް ކަމަށްވެސް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދޭ ކުރާ މަސައްކަތުގައި ފަނޑިޔާރުންނަށް ހުރަސް އަޅައި ފަނޑިޔާރު ގެއަށް އަތްބާނާ މީހުންގެ ކަންކަން ޕީޕީއެމް އިން ވަރަށް ގާތުން ބަލާނެ ކަމަށެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލުމާ ހަމައަށް މިއޮތް ދޮޅުމަހެއްހާ ދުވަހު ރައީސް ޔާމީންގެ ސަޕޯޓަރުން ނުނިދާ މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް މިހާރު ކޮށްފައިވާ ހުކުމް މަތީކޯޓަކުން ބާތިލް ނުކުރަހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ. އެހެންވެ ހައިކޯޓުގައި އޮތް އިސްތިއުނާފް އަޑުއެހުންތައް އަވަސްކުރަން ޕީޕީއެމް އިން ދަނީ އިދާރާތަކުގައި އެދެމުންނެވެ.